އަތުލައިގަތް 24 ދަޅު ބަނގުރަލަކީ އޭނާގެ ތަކެތި ކަމަށް އިއުތުރާފުވުމުން 32 އަހަރުގެ ދިވެއްސަކު ހައްޔަރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ރާނީވިލާ އުމުރުން 32 އަހަރުގެ މުޙައްމަދު މުބާރިކާއި ޅ. ނައިފަރު، ސައިލުގެ އުމުރުން 23 އަހަރުގެ ޙަސަން ޤާސިމެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ނިމުނު ހުކުރު ދުވަހުގެ ރޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި އެ މީހުން އެ ވަގުތު ތިބި ސަރަހައްދާއި، ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނުމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައިވާ ޅ. ނައިފަރު، ރާނީވިލާ އުމުރުން 32 އަހަރުގެ މުޙައްމަދު މުބާރިކާއި ޅ. ނައިފަރު، ސައިލުގެ އުމުރުން 23 އަހަރުގެ ޙަސަން ޤާސިމެް -- ފޮޓޯ: ފުލުހުންއަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ އެ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ.
ޙަސަން ޤާސިމްގެ މައްޗަށް ތުހުމަތެއް އުފެދޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށާއި މުޙައްމަދު މުބާރިކްގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެގޮތުން މި ހާދިސާގައި ފެނިފައިވާ ބަނގުރާ ކަމަށް ޝައްކުކުރެވޭ 24 ދަޅަކީ މުޙައްމަދު މުބާރިކްގެ ތަކެތި ކަމަށް އޭނާ ކޯޓުގައި އިއުތިރާފުވެފައިވާއިރު، ފެނުނު ބަނގުރާ ދަޅުތަކާއި ޙަސަން ޤާސިމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާގެ ވަކީލު ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި އެ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
ބަނގުރަލުގެ މައްސަލައަކީ ވެސް މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައަކަށްވާއިރު ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ގިނައިން މީހުން ހައްޔަރުކުރަނީ ހުޅުމާލެއިންނެވެ.