އަތް ލައިގެން އިން ގޯނި ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 25 ރަބަރު ޕެކެޓު ފެނުމުން ހައްޔަރުކޮށްފި

މީގެ ކުރިން ފުލުހުން ހިންގި އޮޕަރެޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި --

އަތް ލައިގެން އިން ގޯނި ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 25 ރަބަރު ޕެކެޓު ފެނުމުން ދިވެހި ފިރިހެނަކު ހައްޔަރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި، ވާދީގެ، އުމުރުން 36 އަހަރުގެ ޝިނާމް އިބްރާހީމެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އޭނާ ބަންދުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ.

އެގޮތުން އެ ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި، ފުލުހުންނަށް އޭނާ ފެނުނު ވަގުތު އޭނާ ގޯންޏެއްގެ ތެރެއަށް އަތްލައިގެން އިން ކަމަށާއި އެ ގޯނި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ހަމަ އެ ގޯނީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އޭމްޕީ، ބެންޒޯ، އޮޕީއައި އަދި ސީއޭޓިއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ބަންދުގެ މުއްދަތު އިއްޔެ ފަށާފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްވާ ބުރާސްފަތި ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަަކަކީ މި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ކުދިކުދި ރަބަރު ޕެކެޓުތަކަށް އަޅައިގެން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ވިއްކައި އެ ތަކެތިން ވިޔަފާރި ކުރާ މައްސަލަ މިހާރު ވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.

comment ކޮމެންޓް