ވަޒީފާ ދީގެން ސިޔާސީ ''އަޅުންނަށް'': ކިހާ ދުވަހަކު މިހެން ހިންގޭނެ؟

ފެނަކައިގެ މުވައްޒަފުންތަކެއް: މާލެއާއި އަތޮޅުތެރެ ހިމެނޭގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދީފައިވާ ވަޒީފާތަކާއި ބަހާފައިވާ ވަޒީފާތަކުގެ ސަބަބުން އެތަންތަން ވަނީ ފުރިބާރުވެފައި -- ފޮޓޯ/ ފެނަކަ

"ހެނދުނު އަށެއް ޖަހާއިރު ފިންގާ ޖަހަން ސަފަށް އެރިއްޔާ ހަވީރު ހަތަރެއް ޖަހާއިރު އެންމެން ފިންގާ ޖަހައި ނިމޭނީ. އެވަރަށް މުވައްޒަފުން އެބައޮތް މިތަނަށް ވައްދާފައި,"

މިއީ ފަސް ސަތޭކަ މީހުން ރަޖިސްޓްރީގައި އޮންނަ, އަދި ރަށުގައި ދިރިއުޅޭ އާބާދީ އެއަށް ވުރެން މާ މަދު ރަށެއްގެ އިންޖީނުގޭގެ މުވައްޒަފަކު މަޖާޒީ ގޮތަކަށް އެ ރަށުގެ ފެނަކައިގެ ހާލަތު ބުނެދިން ގޮތެވެ.

އޭނާގެ އެ ސަމާސާގެ ފަހަތުގައި ވަރަށް ބޮޑު ހަގީގަތެއްވެއެވެ. މާލެއާއި އަތޮޅުތެރެ ހިމެނޭގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދީފައިވާ ވަޒީފާތަކާއި ބަހާފައިވާ ވަޒީފާތަކުގެ ސަބަބުން އެތަންތަން ވަނީ ފުރިބާރުވެފައެވެ. އޭގެ ތެރޭގައި ކުރާނެ މާ ބޮޑު ކަމެއް ނެތި ތިބި އެތައް ބަޔަކު ވެސް ހިމެނެއެވެ. ހަމައެކަނި ފިންގާ ޖަހާލުން ފިޔަވާ އިތުރު ކަމެއް އެ މީހުން ނުކުރެއެވެ.

ފެނަކަ މުވައްޒަފުންތަކެއް މަސައްކަތުގައި-- ފޮޓޯ/ ފެނަކަ

އެންމެން ސަރުކާރުގެ ވަޒީފާގައި, ރާއްޖޭގެ ހާލަތު ގޯސް

ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ލޭބާ ފޯސް ނުވަތަ މަސައްކަތް ކުރާ އާބާދީގެ ގާތްގަނޑަކަށް 82.2 އިންސައްތަ މީހުން ތިބީ ސަރުކާރުގެ ވަޒީފާތަކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސާވިސް އާއި ސިޔާސީ މަގާމުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންނެވެ. ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލްސާވިސްގައި މިވަގުތު 30312 މުވައްޒަފުން ތިބިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގާތްގަނޑަކަށް 36000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތް ކުރެއެވެ. އެހެންކަމުން މި ނަންބަރުތަކަށް ބަލާއިރު އެނގެނީ ރާއްޖޭގައި ވަޒީފާ ދޭ އެންމެ ބޮޑު ދާއިރާއަކީ ޕަބްލިކް ސެކްޓާ ނުވަތަ ސަރުކާރު ކަމެވެ.

މިއީ ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ރަނގަޅު އިގްތިސާދެއް އޮތް ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫނެވެ. ދުނިޔޭގެ މިވަގުތު އިގްތިސާދީ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބީ އެންމެ 14 ޕަސެންޓް މީހުންނެވެ. އަނެއް 86 ޕަސެންޓް އުޅެނީ ޕްރައިވެޓް ސެކްޓަރުގައެވެ. އެންމެ ބާރަށް ކުރިއަރާ އިގްތިސާދު ކަމަށްވާ, ޗައިނާއަށް ބަލާއިރު ސަރުކާރު ވަޒީފާތަކުގައި އުޅެނީ މަސައްކަތު އާބާދީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ މީހުންނެވެ. އަނެއް 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މީހުން އުޅެނީ ކުދި އަދި މެދު ފަންތީގެ ވަޒީފާތަކާއި ބޮޑެތި ކުންފުނިތައް ހިމެނޭ ޕްރައިވެޓް ސެކްޓާގައެވެ. ދިވެހި ސިޔާސީ މީހުން އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ދައްކާ ސިންގަޕޫރަށް ބަލާއިރު އެ ގައުމުގެ މަސައްކަތު އާބާދީގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި އުޅެނީ އެންމެ 10 ޕަސެންޓެވެ. އަނެއް 90 ޕަސެންޓް އުޅެނީ ޕްރައިވެޓް ސެކްޓަރުގައެވެ.

https://sun.mv/181623

ރާއްޖެއަށް ބަލާއިރު ކޮންމެ ޕާޓީއަކަށް ވެރިކަން ލިބޭއިރަށް އެ މީހުންގެ ގާތް މީހުންނަށް ސިޔާސީ މަގާމުތަކުގެ ގޮތުގައި ވަޒީފާތައް ބަހާލުމަކީ އާއްމު ކަމެކެވެ. އެ ވަޒީފާތަކަށް ގިނަ ފަހަރަށް ނަގަނީ ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިނަމަވެސް ގާބިލު މީހުންނެއް ނޫނެވެ. އެކަމަކު ސޯޝަލް މީޑިއާގައި ޒުވާބުކޮށް, އަރާރުން ވުމަށްޓަކައި އެ މީހުންނަށް ތިބެނީ އާދަޔާ ޚިލާފު ބޮޑެތި މުސާރަތައް ދީފައެވެ. މި ސަރުކާރުގައި އެކަން އަދި މާ ބޮޑެވެ. ހަތް ސަތޭކައަށް ވުރެން ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ނަމަވެސް އެއަށް ވުރެން އަދަދުތައް އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ބުނެވެއެވެ. އެންމެ ހިތާމަވެރިކަމަކީ އެހެން ސަރުކާރުތަކުން ހާމަ ކުރާ ސިޔާސީ މަގާމުތަކުގެ އަދަދު ވެސް މި ސަރުކާރުން ހާމަނުކުރުމެވެ.

ސަރުކާރުގެ ކުންފުނިތަކަށް ބަލާއިރު އޮތީ ފުރި ބާރުވެފައެވެ. އަދިވެސް ވައްދަނީއެވެ. ޚާއްސަކޮށް އިންތިޚާބެއް އޮވެއްޖެ ނަމަ ވަޒީފާތައް ބަހައި ނަގަނީއެވެ. އެގޮތަށް ޒަމާނުންސުރެން އެންމެ ބޮޑަށް ގުރުބާން ކުރާ ކުންފުންޏަކީ ފެނަކައެވެ. ޚާއްސަކޮށް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އެ ވެރިކަން ނިމުނުއިރު ފެނަކައިގައި 8000 އަށް ވުރެން ގިނަ މުވައްޒަފުން ތިއްބެވެ. އެއީ އެ ކުންފުނިން ކުރާ މަސައްކަތަށް ބޭނުންވާ މުވައްޒަފުންނަށް ވުރެން އެތައް ގުނައެއް އިތުރު އަދަދެކެވެ. އެ މުވައްޒަފުންނަށް ކުންފުންޏަށް ލިބޭ އެއްޗަކުން މުސާރައެއް ނުދެވެއެވެ. ނަތީޖާއަކީ ދަރަނި މައްޗަށް ދަރަނިވެރިވަމުން ގޮސް ސަލާމަތް ނުވާ ހިސާބަށް ދިއުމެވެ. އެކަމަށް ފާޑު ކިޔާފައި އައި މި ސަރުކާރުން ވެސް އެކަން ރަނގަޅު ކުރަން އެންމެ އެކަށީގެންވާ މަސައްކަތް ކުރާތަނެއް ނުފެއެވެ.

ރަނގަޅު މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ވެސް މި ވަގުތު ދެހާހަށް ވުރެން ގިނަ މުވައްޒަފުން އެބަތިއްބެވެ. އެ މަސްދަރުން ބުނިގޮތުގައި އެ ކުންފުނިން މިހާރު އެ ކުރާ މަސައްކަތް ކުރަން ބޭނުންވަނީ ގިނަ ވެގެން ގާތްގަނޑަކަށް 600 އެއްހާ މުވައްޒަފުންނެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް ބެލި ނަމަވެސް ހަމަ އޮތީ މިކަހަލަ ހާލަތެއްގައެވެ. އަދި ކުރީގައި ވަރަށް އިތުބާރާއި ރަނގަޅު އުސޫލަކުން ހިންގަމުން އައި ސަރުކާރުގެ އެހެން ބޮޑެތި ކުންފުނިތައް ވެސް އޮތީ މިހާ ދަށް ހާލަތެއްގައެވެ.

މީގެ ނަތީޖާއަކީ ކޮބާ؟

"މައްސަލައެއް ނެތްތާ އެ ވަޒީފާގައި ތިބޭނީ މި ރަށު މީހުންނެއްނު. އެ އާއިލާތަކަށް ރަށުގައި ތިބެގެން އާމްދަނީއެއް ލިބެންޏާ ރަނގަޅެއްނު,"

މިއީ ބޭނުން ނުވާ ވަރަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން ދެކެވުނު ވާހަކައެއްގެ ތެރެއިން މީހަކު ބުނި ވާހަކައެކެވެ. އޭނާ އެ ވިސްނީ ހަމައެކަނި އެ މީހާއާ ހަމައިންނެވެ. މިކަމުގެ ފަހަތުގައި އޮތް ގެއްލުމާއި ބިރާމެދު ނުވިސްނައެވެ.

މިދިޔަ އަހަރަށް ބަލާއިރު, މުސާރައަށް އެކަނި ދައުލަތުގެ ބަޖެޓުން 11 ބިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކުރިއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގާތްގަނޑަކަށް 40 ޕަސެންޓެވެ. ވޯލްޑް ބޭންކުން ބުނާގޮތުގައި މުސާރަ ދިނުމަށް ރާއްޖޭގެ ސަރުކާތުތަކުން ދިޔައީ ދަރަނި ނަގަމުންނެވެ. މިހާރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 125 އަށް އަރާފައިވާއިރު މުސާރަތަކަށް ކުރާ ބޮޑު ހޭދައަކީ އެކަމުގެ އެއް ސަބަބު ކަމަށް ވޯލްޑު ބޭންކުން ބުނެއެވެ.

މިއީ މިގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ހެއްކަކީ ގްރީސްއަށް ޖެހުނު ހާލެވެ. އެ ގައުމު 2009 އިން 2015 އަށް ދަރަނީގެ ކާރިސާއަކާ ކުރިމަތިވިއިރު މުސާރައާއި ޕެންޝަނަށް ދިޔައީ އެ ގައުމުގެ ބަޖެޓުގެ 70 އިންސައްތަ ޚަރަދު ކުރަމުންނެވެ. ރާއްޖެއަށް ވެސް ދިގު ރާސްތާގައި އޮތީ އިގްތިސާދީ ކާރިސާއެއްގެ ބިރު ކަމަށް, މާލީ އިދާރާތަކުން އެ އަންނަނީ ބުނަމުންނެވެ.

ހަމައެހެންމެ ދައުލަތުގެ ފައިސާގެ ބޮޑު ބައެއް މުސާރައަށް ޚަރަދު ކުރުމުގެ ނަތީޖާއަކަށް ވަނީ ގައުމު ދެރުމާއި ތަރައްގީ މަޑު ޖެހުމެވެ. މުސާރައަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން, ރަނގަޅު ތައުލީމު ދިނުމާއި ރަނގަޅު ސިއްހީ ނިޒާމެއް ތަރައްގީ ކުރުމުގެ އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއެއް ނުހުރެއެވެ. މިއީ ތަރައްގީ މަޑު ޖެހޭނެ ކަމެކެވެ.

އެކަށީގެންވާ ވަރަށް ވުރެން މުވައްޒަފުން މާ ގިނަ ވުމަކީ އެ ތަނެއްގެ ޕްރޮޑަކްޓިވިޓީ ދަށް ވާނެ ކަމެކެވެ. އެއްކަމެއް ކުރަން އެތައް ބައިވަރު މީހުންނެއް ތިބުމުން މަސައްކަތްތައް ހިނގާ މިންވަރު ދަށްވެ, ކަމެއް ނެތިފައި ތިބޭ މީހުން ގިނަ ވާނެއެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާ އާއި ރައްޔިތުންގެ ފައިސާއިން ކުރާ ވިޔަފާރިން ލިބޭ ނަފާއިން މުސާރަ އެ ދެނީ ރަނގަޅު ޚިދުމަތެއް ނުދޭ ބަޔަކަށެވެ.

ސަރުކާރުން ވަޒީފާތައް ބެހުމަކީ މީހުން ކަންނެތްކަން ވެސް އިތުރުވާނެ ކަމެކެވެ. އެގޮތުން ބަންދު ދުވަސްތައް ގިނައިން ހޯދުމާއި ފަސޭހަ ވަޒީފާއެއްގެ އުޅުމުގެ ބޭނުމުގައި ހުނަރުވެރި އަދި ތައުލީމީ މީހުން ވެސް ސަރުކާރުގެ ވަޒީފާތަކަށް ދެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ގާބިލު މީހުން ޕްރައިވެޓް ސެކްޓާއަށް ނުލިބުމެވެ. މިހާރު ރާއްޖޭގައި މަހަށް ދާނެ މީހުންނާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން ބައެއް މަސައްކަތްތައް ކުރާނެ މީހުން މަދެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަމާއި ތަނަވަސް މީހުން އުފެދޭ މިންވަރު ދަށް ވާނެ ކަމެކެވެ. ސަރުކާރުން ދޭ މުސާރައަކުން އެ މަހެއްގެ ބޭނުންތައް ފުއްދުނު ނަމަވެސް ހަގީގީ ތަނަވަސް ކަމެއް ނުހޯދޭނެއެވެ.

ބޭނުންވާ ވަރަށް ވުރެން ގިނައިން މުވައްޒަފުން ނަގައިގެން އެ މީހުންގެ މުސާރައަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމަކީ ސަރުކާރުގެ ކުންފުނިތައް ކުރިއަރަން ވާވަރަށް ކުރި ނާރާ ސަބަބެކެވެ. އެއީ ވިޔަފާރި ފުޅާ ކުރަން ބަލާއިރު މުސާރައަށް ކުރަން ޖެހޭ ހޭދައިގެ ސަބަބުން ފައިސާގެ ދަތިކަން ކުރިމަތިވުމެވެ.

މި ހަގީގަތް މިހެން އޮށްވައި ސިޔާސީ މީހުން މިކަން ކުރަނީ ކީއްވެ؟

ކޮންމެ ރިޔާސީ އިންތިޚާބަކަށް ވީމައި ވާދަވެރި ދެ ޕާޓީއިން އަނެއް ޕާޓީއެއްގެ ސަޕޯޓް ދަށް ކުރަން އެންމެ ގިނައިން ދަށްކަނީ ގައުމު ދަރަނި ކުރީ އެ ޕާޓީ, މި ޕާޓީ ވާހަކަ ކަމަށެވެ. ސިޔާސީ ބޭފުޅުންގެ ވާހަކައިން ގައުމަށް މި ވާގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އެނގޭކަން ޔަގީނެވެ. ނަމަވެސް ހަމަ ހުރިހާ ޕާޓީއަކުން ވެސް މުސާރާގެ ގޮތުގައި އިސްރާފު ކުރުން ގެންދަނީ ކުރިއަށެވެ. ސުވާލަކީ މިއީ ކީއްވެ ކުރާ ކަމެއްތޯއެވެ؟

ރާއްޖެއާއި ހަމައެއް ލަމައެއް ނެތި ހިންގާ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް ސަރުކާރުތަކުން ވަޒީފާ ދިނުމަކީ ސިޔާސީ މަންފާ ނަގަން ބޭނުން އެންމެ ބޮޑު އެއް ޓޫލެވެ. ވަޒީފާތައް ބެހުމަކީ ވޯޓް ލާ މީހުންނާއި ޕާޓީގެ މެންބަރުންނާއި ނުފޫޒުފަދަ އާއިލާތަކުގެ ސަޕޯޓް އެންމެ ފަސޭހައިން ހޯދޭނެ އެއް ގޮތް ކަމަށް ވާތީއެވެ. ވަޒީފާގެ ދިފާއުގައި ސިޔާސީ މީހުން ބުނިހާ ގޮތެއް އެ މުވައްޒަފުން ހަދާނެތީއެވެ. ނުހަދާނަމަ ވަޒީފާގެ ބިރު ދައްކައިގެން އެކަން ހުއްޓުވާނެތީއެވެ. ރާއްޖޭގައި މުޅިންހެން ސަރުކާރުގެ ގިނަ ވަޒީފާތަކާއި އެސްއޯއީތަކުގެ މަގާމުތައް ދެނީ ކެމްޕެއިން މޫސުމުގައި ނުވަތަ އިންތިޚާބުތަކަށް ދޭ އިނާމެއްގެ ގޮތުގައެވެ. މަޖިލިސް މެންބަރުގެ އަޅުންގެ ގޮތުގައި ގިނަ ބަޔަކު އެ އުޅެނީ އެ ވަޒީފާގެ ހިމާޔަތާއި ބޭނުމުގައެވެ.

"ވޯޓުލުމާއި ޖަލްސާތައް ފުރުމާއި, ރަށްރަށުގައި ޕާޓީ ޖަގަހަ ހިންގުމާއި ވެރިން ދިޔައިމަ މަރުހަބާ ކިޔައި މާފަތި އަޅުވަން މުވައްޒަފުން ނެގީމައި އެކަން ދެކޮޅެއް ނުޖެހޭ," މި ރިޕޯޓަށް ވާހަކަ ދެއްކި އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ހަމައެހެންމެ ސަރުކާރުތަކުން ވަޒީފާތައް ބެހުމަކީ ޕްރެޝަރު ކުޑަކުރަން ވެސް ކުރާ ކަމެކެވެ. އެއީ ވަޒީފާ ނުލިބޭނަމަ އާއްމުންގެ ސަޕޯޓް ސަރުކާރުތަކަށް ދަށް ވާނެތީއެވެ. އަދި މުޒާހަރާ ކުރުންފަދަ ކަންކަން އާއްމުން ކުރާނެތީއެވެ.

ބޭނުން ގޮތަކަށް ކަންކަން ކުރުމާއި ބޭނުން ގޮތަކަށް ހުތުރު, ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށްޓަކައި ވެސް ސަރުކާރުތަކުން ވަޒީފާތައް ބަހައެވެ. ކޮންމެ ސަރުކާރަކާއެކު ކުންފުނިތަކުގެ މަތިފަޑި ގާތްގަނޑަކަށް އެއްކޮށް ބަދަލު ކުރެއެވެ. އެ މަގާމުތަކަށް މުޅިންހެން ލާނީ ވެރިޔާ ވިދާޅުވާ ކޮންމެ ކަމަކަށް އާއެކޭ ބުނާނެ މީހުންނެވެ. ނަތީޖާއަކަށް ވަނީ ބިރެއް ނެތި ކޮރަޕްޝަންތައް ހިންގުމެވެ.

މިކަން އިސްލާހު ކުރަން ޖެހޭ, ކުރާނީ ކިހިނެއް؟

ކަންކަން ހައްލު ކުރަން އެންމެ ބޭނުންވާ ކަމަކީ އިހުލާސްތެރި ކަމެވެ. މިކަމުގައި ވެސް އޮތީ އެގޮތެވެ. ރާއްޖެއަށް ދިމާވެފައިވާ މި ބޮޑު ގައުމީ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެއެވެ. ކެންޔާ ފަދަ ގައުމުތަކުގައި މިފަދަ މައްސަލަތައް ހައްލު ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ރާއްޖެއަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރަނގަޅު, މިނިވަން އޮޑިޓެއް ކުރުމެވެ. އެ އޮޑިޓްގެ ބޭނުމަކަށް ވާންވާނީ, ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ދައުލަތުން ޚަރަދު ކުރާ އެހެން އިދާރާތަކުގައި ތިބި މުވައްޒަފުންގެ ސީދާ އަދާދާއި އެ މުވައްޒަފުންގެ ދައުރާއި މަސައްކަތުގެ ޕާފޯމަންސް ބެލުމެވެ. އެއަށްފަހު އެތަނަށް ބޭނުންވަނީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމާއި ބޭކާރު ގޮތުގައި ކިތަށް މީހުން ތިބިތޯ ދެނެގަތުން މުހިންމެވެ. އެއަށް ފަހު އެ މުވައްޒަފުން ވަކިކޮށް, ބޭނުންވާ ވަރަށް މުވައްޒަފުން ބައިތިއްބާނީއެވެ.

ހަމައެހެންމެ ޒަރޫރީ ކަންކަން ކަމަށްވާ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ އިތުރުން ސަލާމަތީ ޚިދުމަތްތައް ނޫން އެހެން ދާއިރާތަކަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން އަހަރުތަކަކަށް މެދުކަނޑާލުމަކީ ވެސް ކުރެވިދާނެ ކަމެވެ. އެއަށް ފަހު މިހާރު ތިބި މުވައްޒަފުންގެ ތެރެއިން ރަނގަޅަށް ބޭނުން ހިފޭނެ މީހުންނާއެކު ކުރިއަށް ގޮސް ބޭނުން ނުހިފޭ މީހުން ދޫކޮށްލެވިދާނެއެވެ. ވަޒީފާ ގެއްލޭ މީހުން ވެސް މަގުމަތި ވިޔަނުދިނުމަށްޓަކައި އާލީ ރިޓަޔާމަންޓް ސްކީމްތަކާއި އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ސަރުކާރުގެ ޚިދުމަތްތައް ޒަމާނީކޮށް, ޓެކްނޮލޮޖީގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަކީ މަދު މުވައްޒަފުންނާއެކު ޚިދުމަތް ދެވޭނެ ގޮތެކެވެ. ރައީސް މުއިއްޒު މިފަހުން ވަޑައިގެންނެވި އެސްތޯނިއާއަކީ އޭގެ މިސާލެކެވެ. އެ ގައުމުގައި ޑިޖިޓައިޒް ޕަބްލިކް ސާވިސްތަކެއް ވަނީ ތައާރަފު ކޮށްފައެވެ.

މި މައްސަލައިގެ ހަގީގީ ހައްލު ގުޅިފައި ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ޕްރައިވެޓް ސެކްޓަރު ރަނގަޅު ކޮށްގެންނެވެ. ރާއްޖޭގައި ނަމަ އިންޑަސްޓްރީއަކަށް ވާވަރުގެ ކަމެއް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެކަންޏެވެ. އެ ދާއިރާއިން ރާއްޖެ ފަހުރުވެރިވާފަދަ މަސައްކަތްތަކެއް އަމިއްލަ މީހުން އެބަ ކުރެއެވެ. ނަމަވެސް އެފަދަ އިތުރު ދާއިރާއެއް ނެތެވެ. އެހެންކަމުން ޕްރައިވެޓް ސެކްޓަރު ފުޅާ ކުރަން އިހުލާސްތެރިކަމާއެކު ސަރުކާރުތަކުން ފޯކަސް ކުރަން ޖެހެއެވެ.

އޭގެ ތެރެއިން ކުރެވިދާނެ ކަންކަމަށް ބަލާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުތަކާއި ގްރާންޓްތައް ދިނުން ހިމެނެއެވެ. ނަމަވެސް އެކަން ކުރަން ވާނީ އިހުލާސްތެރިކަމާއެކުއެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުރި ގޮތަކަށް ނޫނެވެ. އެ ސަރުކާރުން ސިޔާސީ ބޭނުމުގައި އެސްއެމްއީތަކަށް ލޯނުތައް ބަހާލިއެވެ. އޭގެ ސަބަބުން ހައްގުވެރިން ބާކީވެ, ދިން ލޯނުތަކުން މަދު ކަމަކުން ނޫނީ ހެޔޮ ނަތީޖާއެއް ނުނިކުތެވެ.

ގާނޫނަކުން މަޖުބޫރުކޮށްގެން ނަމަވެސް މިބަދަލުތައް ރާއްޖެއަށް ގެންނަން އެބަޖެހެއެވެ. ދަރަންޏަށް ފައިސާ ނަގައިގެން އޭގެން މުސާރަ ދީދީ މިހެން ތިބެގެން ގައުމުގޮސް ވެއްޓޭނީ އަނދަވަޅަކަށެވެ. ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ވަޒީފާ ބަހާބަހާ ގައުމު މިއޮތީ މިސްރާބުން ނައްޓައިފައެވެ. ދަރަނި ބޮޑުވުމުގެ އިތުރުން އުފެއްދުންތެރިކަން ދަށް ވެފައެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ. ނޫނީ ކުރިއަށް އޮތް ނުރައްކާ މާ ބޮޑެވެ.

comment ކޮމެންޓް