ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި 35 "އީ-ގޭޓް" ހަރުކޮށް، ދިވެހިންގެ އިތުރުން ފަތުރުވެރިންނަށް ވެސް އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ފުޅާކޮށް ފަތުރުވެރިންނަށް ހުޅުވާލުން ފާހަގަކުރުމަށް ވީއައިއޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މީގެ ކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ދަތުރުކުރާ ދިވެހިންނަށް ޚާއްޞަކޮށްފައި އޮތް މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އާ ޓާމިނަލްގެ އެރައިވަލްގައި 20 އީ-ގޭޓް އަދި ޑިޕާޗާގައި 15 އީ-ގޭޓް ވަނީ ހަރުކޮށްފައެވެ. މިއާއެކު، ދެކުނު އޭޝިއާ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކަށް އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވަނީ ވެގެންގޮސްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ޚިދުމަތް ފުރަތަމަ ފެށިގެންދާއިރު ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށާއި، މި ނިޒާމުގައި މިހާތަނަށް ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އީ-ގޭޓް ބޭނުންކުރެވޭނެއެވެ.
އެންމެ 6 ސިކުންތުން ކްލިއަރެންސް ނިންމާލެވޭ ޒަމާނީ ޓެކްނޮލޮޖީ
އަލަށް ތައާރަފުކުރި މި އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ފަދަ އެންމެ ފަހުގެ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީއެވެ. ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން މެދުވެރިކޮށް ފަސިންޖަރުގެ ޝަޚުޞު ކަށަވަރުކޮށް، އިލެކްޓްރޯނިކް ޕާސްޕޯޓުގައި ހުންނަ މައުލޫމާތާ އަޅާކިޔުމަށްފަހު ކޮންމެ ފަސިންޖަރަކަށް ގާތްގަނޑަކަށް 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި ކްލިއަރެންސް ނިންމާލެވޭނެއެވެ.
މީގެއިތުރުން، ޕާސްޕޯޓު ޗިޕުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" (ޕީއޭ) އަދި އެއީ އަސްލު ޗިޕެއްކަން ޔަގީންކުރުމަށް "އެކްޓިވް އޮތެންޓިކޭޝަން" (އޭއޭ) މި ނިޒާމުގައި ބޭނުންކުރެއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން އައިޑެންޓިޓީ ފްރޯޑް ނުވަތަ އޮޅުވާލައިގެން އެތެރެވުން ހުއްޓުވި، ބޯޑަރުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
އޮޓޮމޭޓެޑް "އީ-ވިސާ" ދޫކުރަން ފެށުން
މި ނިޒާމާއެކު، ފަތުރުވެރިންގެ ވިސާގައި ރާއްޖެ އަންނަ ބިދޭސީން އިމިގްރޭޝަން ކައުންޓަރު ނުވަތަ އީ-ގޭޓް މެދުވެރިކޮށް ކްލިއަރެންސް ފުރިހަމަކުރުމުން، އޮޓޮމޭޓެޑް "އީ-ވިސާ" އެއް ދޫކުރަން ވެސް ވަނީ ފަށާފައެވެ. "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޓްރެވެލަރ ޑެކްލަރޭޝަން ފުރިހަމަކުރާއިރު ދަތުރުވެރިޔާ ހިމަނާ އީމެއިލަށް ވިސާގެ ތަފްސީލާއި ރާއްޖޭގައި ހުރެވޭ މުއްދަތު ވަގުތުން ލިބޭނެއެވެ. އަދި ފަތުރުވެރިޔާ ރާއްޖެއިން ފުރުމާއެކު މި ވިސާ ސިސްޓަމުން އަމިއްލައަށް ކެންސަލްވާނެއެވެ.
ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެއަށް މި ޚިދުމަތް ތައާރަފުވުމަކީ، އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގައި އިމިގްރޭޝަން ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ފަސިންޖަރުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.