ދިވެހިރާއްޖޭގައި މިދިޔަ އަހަރު ރެކޯޑް އަދަދަކަށް، އަލަށް 8،476 ވިޔަފާރި ރަޖިސްޓްރީކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވިޔަފާރި ރަޖިސްޓްރީކުރި އަހަރެވެ.
އެ މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް ހަތަރެއްގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖުމްލަ 79،991 ވިޔަފާރި ވަނީ ރަޖިސްޓްރީކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކެވެ. އެގޮތުން އަމިއްލަ ފަރުދުންގެ 44،285 ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ކުންފުނިތަކެވެ. އެއީ ރަޖިސްޓްރީކޮށްފައިވާ 33،118 ކުންފުންޏެވެ. މީގެ އިތުރުން، 2،451 ޕާޓްނާޝިޕާއި 137 ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އެ ހިސާބުތަކުން ދައްކައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ވިޔަފާރިވެރިކަން ކުރިއަރުވައި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ފުޅާކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ދެމިއޮތް ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް ކުރިއަރައި ދިއުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.