1000 ބައިވެރިންނާއެކު އަޙްމަދިއްޔާގެ ފުރަތަމަ ތާނަ އަތުލިޔުމުގެ މައުރަޒު އިފްތިތާހުކޮށްފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާ އަތުލިޔުމުގެ މައުރަޒުގައި ބަހައްޓާފައިހުރި ބައެއް އަތުލިޔުންތައް-- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގުރޭޑު އެކަކުން ފެށިގެން ގުރޭޑް އަށަކާ ހަމައަށް ކިޔަވަމުން އަންނަ 1000 ދަރިވަރެއްގެ އަތުލިޔުމާއެކު، އެ ސްކޫލުގެ ފުރަތަމަ އަހަރީ އަތުލިޔުމުގެ މައުރަޒު އިފްތިތާހުކޮށްފިއެވެ.

ސެކަންޑްރީ ސްކޫލް ސެޓިފިކެޓް (އެސްއެސްސީ) އިމްތިހާނުގައި އަޙްމަދިއްޔާއިން ކޮންމެ އަހަރަކުވެސް ހޯދަމުން އަންނަ ކާމިޔާބީތަކާ އެކުވެސް، ދަރިވަރުންގެ އަތުލިޔުމުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން އެކަމަށް ޙައްލެއް ހޯދުމަށްޓަކައި އެ ސްކޫލުގައި ވަކި މާއްދާއެއްގެ ގޮތުގައި ޢަރަބި އަދި ތާނަ އަތުލިޔުން ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރެވެ.

މިއަދު ފެށި މައުރަޒުގައި ދަރިވަރުންގެ އަތުލިޔުންތައް ދައްކާލުމަށް އެ ސްކޫލުގެ ހޯލު ވަނީ ޚާއްސަ ކޮށްފައެވެ.

މި މާއްދާގެ ސަބަބުން، އަޙްމަދިއްޔާއިން ދަސްވެނިވާ ދަރިވަރުންނަކީ އަތުލިޔުމުގެ ފަންނަށް ކުޅަދާނަ ދަރިވަރުންތަކަކަށް ވާނެކަމަށް، އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު، މައުރަޒު ބައްލަވާލެއްވުމުގެ ތެރެއިން-- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް

ގިނަ ދަރިވަރުންތަކެއްގެ ހުނަރު ދައްކުވައިދޭ މި މައުރަޒު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޙަސަން ޝާކިރު މުޙައްމަދެވެ.

ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައިވަނީ، އަތުލިޔުމުގެ ފަންނަކީ މިހާރު ރާއްޖޭން ނެތިދިއުމުގެ ބިރު ހީވެފައިވާ ފަންނެއްކަމުން، އެފަންނު ދިރުވުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު، ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން، އެކެޑަމީން ކުރިއަށްގެންދާ އަތުލިޔުމުގެ މުބާރާތް އެބޭފުޅަކަށް ނިސްބަތްވާ އަލް މަރުޙޫމް ޢަލީ ފަހުމީ (ތަބައް އަލިފުޅު) ވެސް ނިސްބަތްވެވަޑައިގަތީ މައްޗަންގޮޅިއަށްކަމުން، އެ އަވަށުގެ މަދަރުސާއަކުން މިފަދަ މަސައްކަތަކަށް އިސްނެގުމުން އެކަންވެސް ޚާއްސަކަމެއްގެ ގޮތުގައި ޝާކިރު ފާހަގަކުރެއްވިއެވެ.

މި މައުރަޒަށް އިންސާފުކުރައްވާނީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި އަތުލިޔުން މާއްދާ ކިޔަވައިދެއްވާ މުދައްރިސުންނެވެ. މިއަހަރަށްފަހު، ކޮންމެ އަހަރަކުވެސް މިފަދަ މައުރަޒެއް ބޭއްވުމަށް މަސައްކަތްކުރާނެކަމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މައުލޫމާތުދެއެވެ.

comment ކޮމެންޓް