ރާއްޖޭގެ ތަޢުލީމީ ނިޒާމު މީގެ ކުރިން އޮތްގޮތުން ނަމަ، ދަރިވަރުންގެ އަތުލިޔުން ރަނގަޅުކުރުމަށްޓަކައި ފޮޅުވަތް ލިޔެ، ފުރިހަމަކުރުމަކީ މަޖުބޫރު ކަމެއް ނަމަވެސް ފަހަކަށް އައިސް ރާއްޖެއިން އެ ފަންނު ނެތުމުގެ ބިރު ހީވެފައިވާކަމަށް، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް، ޙަސަން ޝާކިރު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ފުރަތަމަ އަހަރީ އަތުލިޔުމުގެ މައުރަޒު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޝާކިރު ވަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިބައިގައި މި ހުނަރު އަށަގެންނެވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވައި، ސްކޫލުގެ މެނޭޖްމަންޓަށް ޝުކުރުއަދާކުރައްވާފައެވެ.
ޝާކިރުގެ ވާހަކައިގައި ވަނީ، މި ހުނަރަކީ މީގެ ކުރިން އެކަމަށް ވަކި މުދައްރިސުން ތިއްބަވައިގެން ދަސްކޮށްދެއްވި ހުނަރެއް ނަމަވެސް މިހާރު އެކަން އުވެމުންދާ ކަމަށް ވިދާޅުވެފައެވެ.
"އަތުލިޔުމަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި ނެތެމުންދާ ފަންނެއް. އެ ފަންނު ދިރުވައި އާލާކުރުމަށްޓަކައި އަޙްމަދިއްޔާ ސްކޫލުން، ޚާއްސަކޮށް ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިސްނަންގަވައިގެން ތި ފެއްޓެވި މަސައްކަތްޕުޅަކީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި، އޭގެ ޒާތުގައި ވަރަށް ޤައުމީ މަސައްކަތްޕުޅެއް.." ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ފާހަގަކުރެއްވި ގޮތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހުންނަ އަވަށް ކަމަށްވާ މައްޗަންގޮޅިއަކީ، ރާއްޖޭގައި މިހައިތަނަށް އުފެދުނު ޢަރަބި އަދި ތާނަ އަތުލިޔުމުގައި އެންމެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތު ކަމަށްވާ އަލް މަރުޙޫމް ޢަލީ ފަހުމީ (ތަބައް އަލިފުޅު) އެ އަވަށަކަށް ނިސްބަތްވެވަޑައިގަތް އަވަށެވެ. މީގެ އިތުރުންވެސް، ލިޔުންތެރިކަމާއި އަތުލިޔުމުގެ ރޮނގުން ފާހަގަކޮށްލެވޭ އެތައް ޝަޚުޞެއް މައްޗަންގޮޅިން އުފަންވެފައިވާކަން ފާހަގަކުރައްވައި، ޝާކިރު ވަނީ މައްޗަންގޮޅިއަކީ މި ފަންނުގެ ރޫހު ވަރަށް ބޮޑަށް އޮތް އަވަށެއްކަން ފާހަގަކުރައްވާފައެވެ.
1979 ވަނަ އަހަރު، ތާނަ ޢަރަބި އަތުލިޔުމުގެ ދާއިރާއިން ޢަލީ ފަހުމީ (ތަބައް އަލިފުޅު) އަށް ޢާންމު ޚިދުމަތުގެ ޝަރަފު އެރުވުން-- ފޮޓޯ: ރައީސް އޮފީސްމި މައުރަޒުގައި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑު އެކަކުން ގުރޭޑު އަށަކާ ދެމެދު ކިޔަވަމުންދާ 1000 ދަރިވަރެއްގެ އަތުލިޔުން ފެންނަން ހުންނާނެއެވެ. އެ ސްކޫލުގައި ވަކި މާއްދާއެއްގެ ގޮތަށް ޢަރަބި އަދި ތާނަ އަތުލިޔުން، މިދިޔަ އަހަރު ކިޔަވައިދޭން ފަށާފައިވާއިރު ކުރިއަށްހުރި އަހަރުތަކުގައި ސިލްސިލާކޮށް މިފަދަ މައުރަޒުތައް ބާއްވަން މަސައްކަތްކުރާނެކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.
މައުރަޒު ކުރިއަށްދަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައެވެ.