ވޮޝިންޓަން (9 ނޮވެންބަރު 2026): އީރާނަށް އެއްގަމު މަގުން މުދަލާއި ތަކެތި އެތެރެކުރުމާއި ބޭރުކުރުން ނުވަތަ އިންޕޯޓް އެކްސްޕޯޓް އެއްކޮށް ހުއްޓުވުމަށްޓަކައި އެއްގަމު މަގުން އީރާން ހިސާރު ކުރަން އެމެރިކާ ފަށާފައިވާ މަސައްކަތްތަކަށް ޗައިނާއާއި ރަޝިއާގެ އެއްބާރުލުން ހޯދުމާ ބެހޭ ގޮތުން އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ޗައިނާއާއި ރަޝިއާގެ ރައީސުންނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވާނެކަން ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި އަރަބި ކަނޑާއި ގަލްފުގައިވާ އީރާންގެ ބަނދަރުތައް އެމެރިކާއިން ހިސާރުކޮށްފައިވާތާ މިހާރު އަށް މަސްވެފައިވާތީ އީރާންގެ އިގްތިސާދު ވަނީ އިނދަޖެހުމުގެ މަގުމަތީގައެވެ. ދެން އެއްގަމުން އީރާނަށް މުދާ އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވާލައި އެއްގަމު މަގުން އީރާން ހިސާރުކޮށް އީރާނުގެ އިންޕޯޓް އެކްސްޕޯޓަށް ހުރަސްއެޅިއްޖެނަމަ އީރާން އެއްކޮށް އިނދަޖައްސާލެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން އީރާނަށް ގޮތް ހުސްވެ އެމެރިކާ ބޭނުންވާ ދޫތައްދީ، އެމެރިކާ އެދޭ ފަދަ އެއްބަސްވުމަކަށް އައުމަށް އީރާނަށް މަޖުބޫރުވާނެ ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އީރާނާއެކު އެއްގަމު މަގުން ސަރަހައްދީ ރޮނގު ހިއްސާކުރާ ހަތް ވަރަކަށް ގައުމު އޮންނައިރު ކެސްޕިއަން ކަނޑު ހުރަސްކޮށް ވެސް އެތަށް ގައުމަކުން އީރާން ވަނީ ގުޅިފައެވެ.
އެމެރިކާގެ ކަނޑުގެ ހިސާރަށްފަހު އީރާނުން އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ދިރިއުޅުމަށް ބޭނުންވާ ތަކެތި މައިގަނޑު ގޮތެއްގައި އިންޕޯޓްކުރަނީ އަދި އީރާނުން އުފައްދާ ތަކެތި ޗައިނާއާއި ރަޝިއާ ފަދަ ގައުމުތަކަށް އެކްސްޕޯޓް ކުރަނީ އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު ހުރަސްކޮށެވެ. އެމެރިކާގެ ބޭނުމަކީ އީރާނުގެ ވިޔަފާރި އެއްކޮށް ބަންދުކުރުން ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބިސެންޓް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އީރާނަށް އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު ހުރަސްކޮށް މުދަލާއި ތަކެތި އިންޕޯޓްކުރުމާއި އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓުވުމަށްޓަކައި ޚާއްސަ ޓާސްކް ފޯސް އެއް ވެސް އުފައްދައިފައެވެ. މި ޓާސްކް ފޯސްގައި ހިމެނެނީ މަދަނީ މަސްއޫލުވެރިންނާއި އަސްކަރީ ބައެއް މަސްއޫލު ވެރިން ހިމެނޭ ގޮތަށް 20 މީހުންގެ މައްޗަށެވެ. މި ޓާސްކް ފޯސްގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމެރިކާގެ ފްލޮރިޑާގައިވާ މަރުކަޒެއްގައެވެ. ޓްރަމްޕް ވަނީ މި ޓާސްކް ފޯސްގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ފެށިކަން އިއުލާން ކުރައްވައިފައެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އަރަބި ކަނޑާއި ގަލްފުގައިވާ އީރާނުގެ ބަނދަރުތަކުން ކުރާ ވިޔަފާރި ހުއްޓުވުނަސް އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު ހުރަސްކޮށް އީރާން ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުމަކީ އެމެރިކާއަށް އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޗީފް ބްރެޑް ކޫޕާ ވަނީ އީރާނުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކަކީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ސިފަކުރައްވައި އެކަން ހުއްޓުވާނެކަމަށް ވިދާޅުވެ ވަރަށް ހަރުކަށިކޮށް ބަޔާނެއް ދެއްވައިފައެވެ.
އީރާނުގެ މަސްއޫލުވެރިން ވަނީ އެމެރިކާ ކޮންމެ ފަދަ ޖަރީމާއެއް ހިންގި ނަމަވެސް އަދި އެމެރިކާގެ އަނިޔާވެރިކަން ކިތަންމެ ބޮޑު ނަމަވެސް އެމެރިކާގެ ކުރިމަތީގައި އީރާން ކުޑަކަކޫ ނުޖަހާނެ ކަމަށާއި އެމެރިކާ ބޭނުންވާ އެއްވެސް ދުލެއް ނުދޭނެކަމަށް ވިދާޅުވެފައެވެ. އަދި ހުރުމުޒު ކަނޑުއޮޅި ވަނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެތަން ގަދަބާރުން ވެސް އަދި އެ ނޫން ގޮތަކަށް ވެސް ހުޅުވުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ އަލުން އީރާންއާ ދެކޮޅަށް އުދުވާން ފަށައިފިނަމަ އެމެރިކާ ހީނުކުރާ ވަރުގެ ބާރުގަދަ އަދި ވޭންދެނިވި ރައްދެއް ދޭނެކަމަށާއި އީރާނަށް ހަމަލާދީފައި އެމެރިކާއަށް ނުފިލޭނެކަމަށް ވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.