ޗައިނާގެ އުސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވެއްޖެ

ޗައިނާގެ އުތުރުގެ ޝާންޝީ ޕްރޮވިންސްގެ ވެރިރަށް ޓައިޔުއާންގައި ހުންނަ އުސް އިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 5:00 ހާއިރު، އެ ސިޓީގެ ޔިންގްޒޭ ޑިސްޓްރިކްޓުގައި ހުންނަ "ހާއޯޝެންގް އިންޓަނޭޝަނަލް އެޕާޓްމަންޓް" ގައެވެ. މި އިމާރާތަކީ އާންމުން ދިރިއުޅުމުގެ އިތުރުން ވިޔަފާރިތައް ވެސް ހިންގަމުން އައި އިމާރާތެކެވެ.

އަލިފާން ނިއްވާ ފަރާތްތަކުން ކުރި މަސައްކަތުން އެރޭ ގާތްގަނޑަކަށް 7:00 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ ރޭގަނޑު 8:30 ހާއިރު ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ހާދިސާގައި ޖުމްލަ 60 މީހުން އަލިފާނުގެ ތެރެއިން ސަލާމަތްކޮށްފައިވެއެވެ.

އާދީއްތަ ދުވަހުގެ ރޭ 38 މީހަކު ހޮސްޕިޓަލަށް ގެންދެވުނު އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ އެރޭ މަރުވެފައެވެ. އަދި ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ ޒިންހުއާއިން ރިޕޯޓުކޮށްފައިވެއެވެ. މިވަގުތު ވެސް 25 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ނާޒުކު ކަމަށާއި، އިތުރު ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސީސީޓީވީން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިންނާއި މެނޭޖްމަންޓްގެ އިސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ މިއަހަރުގެ ތެރޭގައި ޓައިޔުއާން ސިޓީގައި ހިނގި މިފަދަ ބޮޑު ދެވަނަ އަލިފާނުގެ ހާދިސާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާ ހިނގާފައި މިވަނީ، ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމާއި، އުސް އިމާރާތްތަކުގެ އަލިފާނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ޚާއްސަ ބައްދަލުވުމެއް ބޭއްވިތާ ދެ ހަފުތާ ފަހުންނެވެ.

ސިޓީގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، މި ހާދިސާއިން އިބުރަތް ހާސިލުކޮށް، ކުރިއަށް އޮތް ތަނުގައި އަލިފާނުގެ ސަލާމަތީ ކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ސިޓީގެ އެކި ދާއިރާތަކުގައި އިންސްޕެކްޝަންތައް ވަރުގަދަ ކުރާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް