އެމެރިކާގެ މަޝްހޫރު ސެމީކޮންޑަކްޓަރު އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ ކުންފުނި އެންވިޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ކާވެނިން ބޭރުން އަންހެނަކާއެކު ގުޅުން ބޭއްވި ކަމަށް އެއްބަސްވެފައިވަނިކޮށް، ޗައިނާގެ ޖާސޫސީ ރޭވުމެއްގެ އަމާޒަކަށް އޭނާ ވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުން މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
އެންވިޑިއާގެ 30 އަހަރުވީ ތާރީޚުގައި އެ ކުންފުންޏަށް ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިހާނާ ގުޅިގެން ހުއާންގް ވަނީ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ހާއްސަ އީމެއިލެއްގައި އޭނާގެ އާއިލާއަށާއި މުވައްޒަފުންގެ ކިބައިން މާފަށް އެދިފައެވެ. އަދި އޭނާ ކުރި ކަންތަކަށް އެއްވެސް އުޒުރެއް ނެތް ކަމަށާއި، އަނބިމީހާއަށް ބޭވަފާތެރިވެވުނީތީ އިންތިހާއަށް ދެރަވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހުއާންގް ގުޅުން ބޭއްވި ކަމަށްވަނީ ޗައިނާގެ އޭއައި ކުންފުންޏެއް ކަމަށްވާ މެގާސްޕީޑްގެ އެގްޒެކެޓިވްއެއް ކަމަށްވާ އެލިސް ހުއާންގްއާއެކުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި އެލިސްއަކީ ޗައިނާ ސަރުކާރަށް ޖާސޫސުކޮށްދޭ އެޖެންޓެކެވެ.
https://x.com/markgurman/status/2119521909935419652
މި މައްސަލައާ ގުޅިގެން އެންވިޑިއާގެ ބޯޑުން ވަނީ މިނިވަން ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ. ނަމަވެސް، ކުންފުނީގެ ވިޔަފާރީގެ މުހިންމު ސިއްރުތަކެއް ނުވަތަ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ބޭރުވެފައިވާ ކަމަށް ބެލެވޭނެ ސަބަބެއް އަދި ނެތް ކަމަށް ބޯޑުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ނަމަވެސް، ހުއާންގް ސީއީއޯގެ މަގާމުގައި ދެމިހުންނާނެ ކަމަށާއި، އޭނާ މަގާމުން ވަކިކުރުމުގެ ވިސްނުމެއް ބޯޑުން ނުގެންގުޅޭ ކަމަށް ބްލޫމްބާގް އިން ވަނީ ރިޕޯޓްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގްރެސްގެ ސަމާލުކަންވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އަދި މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކޮންގްރެސްގެ ކޮމިޓީތަކުން ވަނީ ހުއާންގްއަށް އަންގާފައެވެ.