އިސްރާއީލު ޕާސްޕޯޓު ދާއިމަށް މަނާކުރަނީ: "ޑުއަލް ޕާސްޕޯޓުގައި އަޔަސް އިންވެސްޓްނުކުރެވޭނެ"

ރައީސް މިއަދުގެ ޕްރެސްގައި: އިސްރާއީލު ޕާސްޕޯޓު ދާއިމަށް މަނާކުރުމުގެ މަސައްކަތްކުރާކަން ފާހަގަކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން ދާއިމަށް މަނާ ކުރަން، އިމިގްރޭޝަންގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށާއި، އެއީ އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އެކުލަވާލާ ބިލެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް އިމިގްރޭޝަން ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދުއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބިލާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އިމިގްރޭޝަނާ ބެހޭ އާ ބިލެއް އެކުލަވާލިއިރު، އިސްރާއީލު ރައްޔިތުން ރާއްޖެއަށް އެތެރެވުމާ ގުޅޭ ގޮތުން އެ ބިލުގައި ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރި ކަމަށެވެ.

އެހެންވީމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން މި ގާނޫނުގައި ބަޔާންކުރަނީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެޔޭ، އެއީ ވަކި ކަމަކާ ގުޅުވާފައެއް ނޫން، އަޅުގަނޑުމެން ގަބޫލުކުރަނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ، ހިންގަމުންދާ ޖެނޮސައިޑަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ރާއްޖޭގެ އިމުގެ ތެރެއަށް އިސްރާއީލުގެ އެއްވެސް މީހަކަށް ނާދެވޭ ގޮތް ހެދުމަކީ އަމާޒު ކަމަށެވެ. އެހެންވެ، އިމިގްރޭޝަން ބިލުގައި އޮންނާނީ، އިސްރާޢީލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ވަރަށް މުތުލަގަށް ބަޔާންކޮށްފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ވަނީ، ރެއަލް އެސްޓޭޓް ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ އިސްރާއީލު މީހުންނާއި ކުންފުނިތަކަށް އެފަދަ މަޝްރޫއެއްގައި އިންވެސްޓްކޮށް، ޕްރޮޕަޓީތައް ނުގަނެވޭނެ ކަމަށް ބަޔާންކޮށްފައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހަށް ވަނީ، އިސްރާއީލް ޕާސްޕޯޓު ދާއިމަށް މަނާކުރެވޭ އިމިގްރޭޝަން ބިލު ހުށަހަޅައިފައި -- ފޮޓޯ: މަޖިލިސް

އެ ދެ ބިލުގައި އެހެން އޮތް ނަމަވެސް، އިސްރާއީލުގެ ބައެއް ރައްޔިތުންގެ ދެ ގައުމުގެ ރައްޔިތުކަން އޮންނައިރު، އެ މީހުންނަށް ރާއްޖެއަށް އެތެރެވުމާ ގުޅޭ ގޮތުން "ސަން"އިން ވަނީ ރައީސާ ސުވާލުކޮށްފައެވެ.

"ޑުއަލް ޕާސްޕޯޓު ކަންތަކުގައި ރާއްޖެ އެކަންޏެއް ނޫން ދުނިޔޭގެ ކޮންމެ ތާކުވެސް އިމިގްރޭޝަންގައި އެ އޮންނަ ސްޓެންޑަޑްތަކަކުން ބަލަން ޖެހޭ ކަންކަން ބަލައިގެން ގައުމުތަކަށް ރައްޔިތުން އެތެރެވަނީ. އެއާ ޚިލާފަށް ރެއަލް އެސްޓޭޓް ބިލުގައި މި ބަޔާންކުރަނީ އެއަށްވުރެ ވެސް ތަފުސީލުކޮށް އިސްރޭލުގެ އެއްވެސް ރައްޔިތަކަށް، އިސްރާއީލްގެ އެއްވެސް ކުންފުންޏަކަށް ވެސް، ފުރުސަތެއް ނެތް ވާހަކަ، އެއީ ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ޑުއަލް ޕާސްޕޯޓުގައި އަޔަސް، އެ ތަނަށް އިންވެސްޓްކުރެވެނީ އިތުރު ތަފުސީލު ބަލައިފައި."

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

https://sun.mv/230244

އެ މަޝްރޫއު ކުރިއަށްގެންދާކަން އިއުލާންކުރި ފަހުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގައި ނެތް ސިނާއަތެއް ފަށަން ކަމަށާއި، އެހެންކަމުން އެ މަސައްކަތަށް ރެއަލް އެސްޓޭޓް ގާނޫނެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއާ ދެކޮޅަށް އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، އީގަލް ހިލްސްއާ އިސްރާއީލާ ގުޅުން އޮތް ކަމަށް ބުނެއެވެ. އަދި އީގަލްސްއަށް އެ މަޝްރޫއު ދީފި ނަމަ، އިސްރާއީލު މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މުއްތަލިބު ވަނީ، އިސްރާއީލު މީހުންނަށް ރަސްމާލޭން ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް