ދައުލަތުގައި ކޮރަޕްޝަން އޮތީ އިންތިހާއަށް، 30 އިންސައްތަ ފައިސާ ބޭކާރުވަނީ ވައްކަމުގައި: ޢަބްދުލްޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ: ވިދާޅުވީ ދައުލަތުގެ ފައިސާގެ 30 އިންސައްތަ ބޭކާރުވެގެން ދަނީ ވައްކަމުގައި ކަމަށް --- ފޮޓޯ: މަޖިލިސް

ދައުލަތުގެ ތެރޭ ކޮރަޕްޝަން އޮތީ އިންތިހާއަށް ކަމަށާއި ދައުލަތުގެ ފައިސާގެ 30 އިންސައްތަ ބޭކާރުވެގެން ދަނީ ވައްކަމުގައި ކަމަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ދައުލަތުގެ ބަޖެޓަށް ޖުމުލަ 182 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި ސަރުކާރަށް ޖުމުލަ 290 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށެވެ. ނަމަވެސް މި ވެރިކަމުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ރައްޔިތުން ސަރުކާރުތައް ބަދަލުކޮށް އައު ސަރުކާރުތައް ގެންނަނީ އުންމީދާއެކީ، ކުރިން ނުވާ ކަންކަން ކުރުމަށްޓަކައި ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ބަޖެޓު ފާސްކުރަނީ އާންމުންގެ ފައިދާއާއި ކުރިއެރުމަށްޓަކައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު އާންމުންނަށް ލިބެންޖެހޭ ބޭސް ނުލިބޭ ކަމަށް ވިދާޅުވެ، ޢަބްދުލްޣަފޫރު ވިދާޅުވީ އާންމުންނަށް ދޭންޖެހޭނީ އެ ބައްޔަކާ ގުޅުމެއްވާ ބޭހެއް ކަމަށެވެ.

"އެހެން ނަމަވެސް ރާއްޖޭން އެ ރަށަކުން މީހަކު ފުރަންޏާ އެ މީހެއްގެ އަތުގައި ދިހަ ބާރަ ވިހި ފަންސަވީސް ބޭސް ސިޓީ ހިފައިގެން މިއަދު އިންޑިއާއަށް އެ ދަނީ މީހުންގެ ބޭސް ގަނެދޭން،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސިއްހީ ދާއިރާއަށް އެކަނިވެސް 10 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތްކަން ފާހަގަކުރައްވައި، އެ ފައިސާ ޚަރަދުކުރަނީ ކޮން ކަންތައްތަކަކަށްތޯ ޢަބްދުލްޣަފޫރު ވަނީ ސުވާލު އުފައްދަވައިފައެވެ.

އޭނާ ވިދާޅުވިގޮތުގައި ބޭސް ނުލިބުމުގެ ޝަކުވާ ސިއްހީ މަރުކަޒުތަކުންނާއި ހޮސްޕިޓަލުތަކުން ވެސް ލިބެއެވެ.

ޢަބްދުލްޣަފޫރު ވިދާޅުވީ ރައްޔިތުން ކޮންމެ ސަރުކާރެއް ވެސް އުންމީދުތަކަކާއެކީ ބަދަލުކުރާ ކަމަށާއި، ނަމަވެސް އެ މަންޒަރެއް ނުފެންނަ ކަމަށެވެ. އެގޮތުން އެކަށީގެންވާ މަޝްރޫއެއް އެއްވެސް ވަރަކަށް ނުހިނގާ ކަމަށް ވިދާޅުވެ މި ސަރުކާރަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ދައުލަތުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އެބައޮތް އިއްޒަތްތެރި ރައީސް، އިންތިހާއަށް ކޮރަޕްޝަނާއި ވައްކަން އޮތީމައި ކަންކަން ގޯސްވެގެން މި ދަނީ، ދައުލަތުގެ ފައިސާގެ 30 ޕަސެންޓު ވައްކަމުގެ ތެރޭގައި ބީވެގެން އެ ދަނީ އިއްޒަތްތެރި ރައީސް،" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޢަބްދުލްޣަފޫރު ވިދާޅުވީ އޭނާގެ ދާއިރާގައި ކުރިއަށް ގެންދާނެ ކަމަށް ބުނި އެއްވެސް މަޝްރޫއެއް ހިނގަމުން ނުދާ ކަމަށެވެ.

އެގޮތުން ހދ. ހަނިމާދޫގެ މަގެއް ނުހެދުނު ކަމަށާއި، އެ ރަށުގެ ރަންވޭ ބޮޑުކޮށްނުދެވުނު ކަމަށާއި، ހޮސްޕިޓަލެއް ވެސް ފުލުހުންގެ އިދާރާއެއް ވެސް އަޅައިނުދެވުނު ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ހަމަ އެ ދާއިރާގެ ހދ. ނައިވާދޫގެ ބަނދަރުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި އެ ރަށުގެ މަގުތައް ވެސް އޮތީ ނުހެދި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ވެސް އޮތީ ގަލު އަޅައިފައި ކަމަށާއި އެ ރަށު ސްކޫލްގެ މަސައްކަތް ވެސް ތިން އަހަރުވީއިރު ކުރިއަށް ނުދާ ކަމަށް ވިދާޅުވިއެވެ.

"މިއީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ވެރިކަންކޮށްދޭން އައިސް ރައްޔިތުންނަށް ވާ އިހުމާލު އިއްޒަތްތެރި ރައީސް، މިކަންކަން މިހެން ހިނގައިގެނެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް