ސަރުކާރުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލައި، މުވައްޒަފުން ބޭނުންވާ އަދަދު ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަންނަ އަހަރު އައު މަގާމުތައް ނުއުފެއްދުމަށާއި ކޮންމެހެން ބޭނުންވާ މަގާމުތަކަށް ނޫނީ މުވައްޒަފުން ނުނަގަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށެވެ.
އަދި އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަން ވެސް ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު ހުރީ ބޭނުންވާ ވަރަށްތޯ މުވައްޒަފުން ބަލައި، އެޗްއާރު އޮޑިޓެއް ވެސް ކުރުމަށް އަޅުގަނޑުމެން ވިސްނައިފައި އޮތީ، [މަގުސަދަކީ] ބޭނުންވާ ވަރަށް ބޭނުންވާ ތަންތަނަށް މީހުން އެލޮކޭޓްކުރުން، [އަދި] ބޭނުންވާ ވަރަށް ވުރެ ގިނައިން ހުރިނަމަ ބޭނުންވާ ދިމާއަކަށް ބަދަލުކުރުން
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓު ފޮތުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރައަށް އަންނަ އަހަރު 7.91 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މުވައްޒަފުންނަށް އިނާޔަތުގެ ގޮތުގައި 6.51 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް 14.4 ބިލިއަން ރުފިޔާ އަންނަ އަހަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
އެއީ މި އަހަރު ސަރުކާރު މުވައްޒަފުންނަށް ޚަރަދުކުރި ވަރަށް ވުރެ 492.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ކަމަށް ރައީސް މިދިޔަ މަހު ފަހުކޮޅު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ސަރުކާރު މުވައްޒަފުން އާބާދީގެ ނިސްބަތުން އިތުރުކަމުގެ ކަންބޮޑުވުން އޮވެއެވެ. ޚާއްސަކޮށް ސިޔާސީ ބޭނުމަށް، ސަރުކާރުގެ ކުންފުނިތަކުން ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާ ކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން 2023 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންގެ އަދަދު 30,127އަށް އަރައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 41،000އަށް ވުރެ އިތުރު ކަމަށް މިދިޔަ އޯގަސްޓު މަހު ޒަރީރު ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ވެރިކަމަށް ވަޑައިގަތީ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އެއަށްވުރެ އިތުރުވެފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އަންގައިފައިވެއެވެ.