މުޅި ރާއްޖޭގައި މި އޮތީ އެ ކަމެވެ. ޚާއްސަކޮށް މާލޭގައެވެ. މި ދައްކަނީ، އެންމެން ދަންނަ މަސްތުވާތަކެތީގެ ވަބާގެ ވާހަކައެވެ.
މާލޭގައި ނަމަ، ލޯކަލް މާރުކޭޓުގެ ބިއްދޮށަކީ، އެ ފަދަ މީހުންގެ ގެއެވެ. މަސްތުވާތަކެތި ގަޔަށް އިންޖެކްޓުކުރުމާއި ހޭ ބުއްދި ފިލާފައި މީހުން އެކި ތަންތަނުގައި މަސްތުވެގެން ބިތްޖެހިފައި ތިބުމަކީ އެ ސަރަހައްދުގައި އާންމު މަންޒަރެވެ.
މި ފަދަ މީހުންގެ މެދުގައި މިހާރު މި ވަނީ ވަރަށް ނުރައްކާ ބޮޑު ޑުރަގެއް ކަމަށްވާ މެތަމްފެޓަމީން ނުވަތަ މެތު އާންމުވެފައެވެ. މިއީ، އާންމުކޮށް އެ ބޭނުންކުރާ ބާވަތްތަކަށް ވުރެ ވެސް ނުރައްކާތެރި އެއްޗެކެވެ.
މެތަކީ ކޯއްޗެއް؟
މެތުން، ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ބާރުގަދަ އަސަރުތަކެއް ކުރުވައެވެ. އެއީ، ވަރަށް ބޮޑަށް ދެވިހިފާ ބާވަތެއްގެ މަސްތުވާތަކެތި ކަމަށްވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނާ ޚިލާފަށް އާންމުކޮށް ބޭނުންކުރާ މަސްތުވާއެއްޗެކެވެ.
މި ބާވަތުގެ ޑުރަގު ހުންނާނީ، ހުދުކުލައިގެ ކުނޑިތަކެއް ނުވަތަ ކުދި ބިއްލޫރިކޮޅުތަކެއް ފަދަ ގޮތަކަށެވެ. މިއީ، އިންޖެކްޝަން މެދުވެރިކޮށް ވެސް ބޭނުންކުރާ ޑުރަގެކެވެ.
މެތު ހުންނަ ގޮތް ----މެތު ބޭނުންކުރުމުން ސިކުނޑިއާއި ހަށިގަނޑާ ދެމެދު ދަތުރުކުރާ ސިގްނަލްތައް އާދަޔާޚިލާފަށް އަވަސްވެއެވެ. މީގެ ސަބަބުން ސިކުނޑީގައި އުފާވެރިކަން އިހުސާސްކޮށްދޭ ކެމިކަލެއް ކަމަށްވާ "ޑޯޕަމިން" އިންތިހާއަށް ގިނައިން ބޭރުކޮށްދެއެވެ. ނަތީޖާއަކަށް ވަނީ، ހަށިގަނޑަށް ބާރުގަދަ ހަކަތައެއް ލިބި، އާދަޔާޚިލާފު "ހައި" އެއް ނުވަތަ އުފާވެރިކަމެއް އިހުސާސްކޮށްދެއެވެ.
ސިއްހީ ގޮތުން ބަލާއިރު ވެސް މިއީ، އެއްގޮތަކަށް ވެސް ކައިރިވާން ހެޔޮ އެއްްޗެއް ނޫނެވެ. ގެއްލުންތައް ބޮޑުވެފައި ނުރައްކަލެވެ. މިގޮތުން މެތު ބޭނުންކޮށް، މަސްތުގެ އަސަރު ކެނޑެން ފެށުމުން އިންތިހާއަށް ދެރަވުމާއި ހާސްވުމާއި ނުތަނަވަސްކަން އިހުސާސްކުރަން ޖެހެއެވެ. އޭގެއިތުރުން، ދިގުމުއްދަތަށް ބޭނުން ކޮށްފިނަމަ، ސިކުނޑީގެ ނާރުތަކަށް ދާއިމީ ގެއްލުންތަކެއް ލިބި، ނަފްސާނީ ބަލިތަކަށް މަގުފަހިވެއެވެ.
އެ ވަރުން ނިމުނީ އެއް ނޫނެވެ. އެންމެ ފަހަރަކު މެތު ބޭނުންކުރިޔަސް ދެވިހިފުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މަސްތުގެ އަސަރު ކެނޑުމުން ލިބޭ ވޭނުން ސަލާމަތްވުމަށް ޓަކައި ތަކުރާރުކޮށް ބޭނުންކުރަން މަޖުބޫރުވެއެވެ.
ޑުރަގު އައްޑާއެއްގައި މީހަކު ބިތްޖެހިފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާއަތް އުރާލައިގެން ތިބެވޭކަށް ނެތް، އެޗްއައިވީ ފަދަ ބަލިތަކުގެ ތުންފަތް މަތީ
މި ނުރައްކާތެރި ޑުރަގު މިހާރު ރާއްޖޭގައި ވެސް މި ވަނީ ތިޔާގިވެފައެވެ. އެ ކަމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ބޮޑުކަމުން އެންމެ ގިނައިން އެ ވާހަކަ ދައްކަވަނީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމާއި ޓްރެއިނިން ދިނުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަލީ އަދީބެވެ.
އޭނާ ކިޔައިދެއްވި ގޮތުގައި، މީގެ ހަތަރު ވަރަކަށް މަސް ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހަންގަނޑުން ބައްޔެއް ވަނީ ފެނިފައެވެ. އެ ބޭފުޅާގެ ބަހުންނަމަ، އެއީ މެތުސޯއެވެ.
އެ ބަލީގައި ނަގަނީ ފޮޅެއް ކަހަލަ ބިއްސެކެވެ. އެއަށް ފަހު އެ ތަން ފަޅައިގެން ދަނީއެވެ. މެތުސޯ މި ފެންނަނީ، މެތު ބޭނުންކުރުމަށް ދެވި ހިފާފައި ތިބޭ މީހުންގެ ގައިންނެވެ.
"މެތު ބޭނުންކުރަން ފެށީމަ މިވާ ގޮތަކީ ކަހާ ހެން ހީވަނީ. ހީވަނީ ފަނިފަކުސާތަކެއް ހަށިގަނޑު ތެރޭ އުޅޭހެން. އޭއްޗިހި ނަގަން ވެގެން ކޮނެފައި ހުރުމާއި ކަހާ ކަހާ ފޫވެއްޓުމާއި މި ކަހަލަ އެއްޗިހިތަކާ ހެދި މި މެތުސޯ އުފެދެނީ" އޭނާ އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.
މެތުސޯ އުފެދެމުން ސިއްހީ ގޮތުން އެތައް ނުރައްކާތަކަށް އެބަ ހުށަހެޅެއެވެ. އަދީބު ވިދާޅުވީ، އެމްއާރުއެސް ކިޔާ ހަމުގެ ބައްޔެއް ފެތުރޭ ކަމަށެވެ. އެއީ، ހަށިގަނޑުތައް އެ ފޮޅުތައް ފަސޭހަ ނުވެ، ގިނަ ދުވަސްވެގެން ގައިންގަޔަށް އަރާ ކަމެއް ކަމަށް އޭނާ ކިޔައިދެއްވިއެވެ.
އެ ބާވަތުގެ ޑުރަގު އިންޖެކްޓު ކުރާނަމަ އަދި، މުޖުތަމައުއަށް މި އޮތް ނުރައްކާ މާ ބޮޑެވެ.
ޑުރަގު އައްޑާއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ"މެތު އިންޖެކްޓު ކުރުމުގެ ސަބަބުން އެޗްއައިވީއާއި ހެޕަޓައިޓިސް ސީ ކަހަލަ އެއްޗިހީގެ ބިރުވެރިކަން ވެސް އެބަ" އަދީބު ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.
އެހެންކަމުން މިއީ، އަޅައިނުލާ ތިބެވޭ ވަރު ކަމެއް ނޫނެވެ. މި ކަމަށް އަވަސް މަޝްވަރާތަކެއް ކޮށް، ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް އަދީބު ވެސް ގަބޫލުކުރައްވައެވެ. ނޫން ނަމަ، ބަލިތަކުގެ ނުރައްކަލުގެ ރަނގަބަލު އެ އަޅަނީ މުޅި މުޖުތަމައުއަށެވެ.
އެކި ސަރުކާރުގައި އަބަދުވެސް މި ވަބާ ނައްތާލަން ނުވަތަ ފުހެލަން މަސައްކަތް ކުރެއެވެ. އެކަމަކު، އެދެވޭ ހައްލެއް ނުވަތަ ދާއިމީ ނަތީޖާއެއް އަދި މިހާތަނަށް ފެންނަ ވަރެއް ނުވެއެވެ.