ތައުލީމީ ޙަޔާތުގެ އެންމެ ނާޒުކު، އަދި މުސްތަގުބަލު ބައްޓަންކުރުމުގައި އެންމެ މުހިންމު ދުވަސްވަރަކީ ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާއެވެ. ނަމަވެސް، މި މަރުޙަލާގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ނަފްސާނީ އެކި މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާ ކަމީ މިއަދު މުޖުތަމައުގެ ބޮޑު ކަންބޮޑުވުމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާއަކުން ހާމަވި މި ހިތާމަވެރި ހަގީގަތަކީ، "ސަން އޮންލައިން"ގެ އެޑިޓަރުންގެ ވަށްމޭޒު ޕްރޮގްރާމުގައި މި ހަފުތާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު އެންމެ މުހިންމު މައުޟޫއެވެ.
ޑރ. ޝަރީފާއާއި، ޑރ. އާމިނަތު ޝާފިޔާ އާދަމް، މިދިޔަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ޑިސެމްބަރު 27ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި، މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ނުވަ ސަރަހައްދަކުން 418 ދަރިވަރުންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ހެދި މި ދިރާސާއިން ދެއްކި ގޮތުގައި، ހާސްކަމާއި މެދުނުކެނޑި ފިކުރުބޮޑުވުމުގެ އިތުރުން ނިދުމުގެ މައްސަލަތައް ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް އެބަހުއްޓެވެ. އަދި މިފަދަ ނަފްސާނީ އުނދަގޫތައް އެންމެ ބޮޑަށް ކުރިމަތިވަނީ ގްރޭޑް 10 އަކާއި 12 އާ ދެމެދުގައި ކިޔަވާ ދަރިވަރުންނަށްކަން މި ދިރާސާގެ ހޯދުންތަކުން ވަނީ އެނގިފައެވެ.
މި މައްސަލަތައް މިހާ ބޮޑުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު، ސްކޫލް މާހައުލުންނާއި މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ މަލާމާތާއި ފުރައްސާރަކުރުމާއި، އެކަހެރިވުން އަދި އާއިލީ މައްސަލަތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކިޔެވުމުގެ ފިއްތުންތަކާއި އިމްތިޙާންތަކުގެ ސްޓްރެސްގެ ސަބަބުން ކުދިން އިތުރަށް ގޮތްހުސްވެއެވެ. އަދިވެސް މުޖުތަމައުގައި ނަފްސާނީ ބަލިތަކަށް ދެކޭ ނުރަނގަޅު ވިސްނުމުގެ ސަބަބުން، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމަށް އާއިލާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ.
"އެޑިޓަރުންގެ ވަށްމޭޒު" ޕްރޮގްރާމުގައި އެޑިޓަރުން ފާހަގަކުރި ގޮތުގައި، ދަރިވަރުންނަށް ސްކޫލް މާހައުލުން އެކުގައި އުޅޭ އެހެން ކުދިންގެ ފަރާތުން ވެސް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައް ފޯރައެވެ. އަދި ކިޔެވުމާއި ޓިއުޝަންތަކުގެ ބުރަ ތާވަލުގެ ސަބަބުން، އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށް ކަމެއް ކޮށްލާނެ ފުރުސަތެއް އެ ކުދިންނަކަށް މިއަދަކު ނޯވެއެވެ. މީގެ އިތުރުން، ބެލެނިވެރިންގެ ބުރަ ދިރިއުޅުމުގެ ސަބަބުން، އެ ކުދިންގެ އުދާސްތަކާއި ކަންބޮޑުވުންތައް އެންމެ އެކަށީގެންވާ ގޮތުގައި އަޑުއަހާނެ ވަގުތު ނުލިބޭކަން ވެސް އެޑިޓަރުން ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި، މި ޒަމާނުގެ ޖީލާ އެއްގޮތަށް ވިސްނުން ބަދަލުކުރަންޖެހެއެވެ. އެޑިޓަރުން ފާހަގަކުރި ފަދައިން، މިހާރުގެ ކުދީންނަށް ކަންކަން ފަހުމުވާނެ ގޮތަކަށް ބެލެނިވެރިންނާއި މުދައްރިސުން ކަންކަން ވިސްނައިދީ، ކުދިންގެ ބޮލުގައި އެޅިފައިވާ ނުތަނަވަސްކަމާއި ޕްރެޝަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. އެއީ ކޮންމެ ކުއްޖަކަށްވެސް، އަދި ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ އަސާސީ ޙައްގެކެވެ. މާދަމާގެ ގައުމު ބިނާކުރަން ތިބި ޒުވާނުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދޫކޮށްނުލައި، އެ ކުދިންނަށް އަޑުއެހުމާއި، ލޯތްބާއި، އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ފަރުދީ ޒިންމާއެކެވެ.