ކުޑައިރުއްސުރެ، ބޯޓާއި މޭކަޕަކީ އޭނާގެ ދުނިޔޭގެ އެއްބަޔެވެ. އެ ކަމުގެ ތެރޭގައި އުޅުމަކީ، އޭނާގެ ހުވަފެނީ ތަސްވީރެކެވެ. އެ ކަމަށް ބޮޅެއް އިތުރުވީ، މެގަ މޯލްޑިވްސްއަށް ކެބިން ކުރޫއަކަށް ގުޅުނު ހިސާބުންނެވެ. އެ ވަޒީފާ ތެރެއިން އިތުރަށް އޭނާގެ ހިތް ލެންބުވީ، އޭވިއޭޝަން ދާއިރާއަށެވެ. އަހަރުތަކެއްގެ ކިޔެވުމަށް ފަހު، ކުޑައިރުގެ ހުވަފެނުގައި ކުލަ ޖައްސައިފިއެވެ.
މިހާރު އޭނާއަކީ، ކޯ ޕައިލެޓުކަން ކުރާ ޒިންމާދާރު މަންމައެކެވެ. އެ ބުރަ ޒިންމާގެ ތެރެއިން، އޭނާގެ މޭކަޕު ބްރޭންޑެއް ވެސް މިހާރު ވަނީ އީޖާދުކޮށްފައެވެ. މިއީ، 31 އަހަރުގެ މަރިޔަމް މަލާކް އާދަމްގެ ހުވަފެނީ ދިގު ދަތުރުގެ އުސްއަލިތަކެވެ.
މަލާކް 'ސަން'އަށް އިންޓަވިއު ދެނީ ---ގޮންޖެހުންތައް ގިނަޔަސް، ޕައިލެޓު ޓްރެއިނިން ކޯހުގައި ކުލަޖެއްސި
މަތިންދާބޯޓެއްގެ ހުންގާނުގައި މިސްރާބު އަތްމައްޗަށް ލިބުމަކީ، އޭނާގެ އަބަދުގެ ވެސް އުއްމީދެވެ. އެކަމަކު، މި ދަތުރުގައި މަލާކަށް ކުރިމަތިލާން ޖެހުނު، އަޑިގުޑަންތައް ބޮޑެވެ. އެ ކަންކަމާ އޭނާ ކުރިމަތިލީ، އަޒުމާ އެކީގައެވެ.
އެ ކަން ފެށުމަށް އިތުރަށް ހިތްވަރު ލިބުނީ، މީގެ 13 އަހަރު ކުރިން މެގަ މޯލްޑިވްސްގެ ކެބިން ކުރޫގެ ވަޒީފާއަށް ނުކުތުމުންނެވެ. އެ ތަނުގައި އުޅެމުން، އޭވިއޭޝަންގެ ކަންކަމަށް އިތުރަށް އޭނާ ޝައުގުވެރިވިއެވެ. އެ ތަނަށް ދެ އަހަރު މަލާކް ޚިދުމަތް ކުރިއެވެ.
އެއަށްފަހު، ޕައިލެޓަކަށް ވުމުގެ ދިގު ހަޔާތް އޭނާ ފެށީ، އައްޑޫ ފްލައިން ސްކޫލުންނެވެ. އެ ތަނުގައި ވެސް ދަރިވަރުން ގިނަވުމުން އުދުހެން ލިބެނީ މަދު ފަހަރެއްގައެވެ.
އެ ތަނުން ދިމާވި ކުއްޖަކާ ލޯބީގެ ގޮތުން ގުޅި، ތިން މަސް ތެރޭ ކައިވެނި ކުރިއެވެ. އެއަށް ފަހު، 2016 ގައި މަލާކުގެ ދެމަފިރިން ބަދަލުވީ، ލަންކާއަށެވެ. އެ ގައުމުގެ އޯޕަން ސްކައިސް ސްކޫލުގައި އަލުން ކިޔަވަން ފެށިއެވެ. ދެންވެސް ދިމާވީ، ކުރީގެ ހާލަތެވެ. އަނެއްކާވެސް ޖެހުނީ، އިތުރު ސްކޫލަކަށް ބަދަލުވާށެވެ.
އެ ސްކޫލަށް ބަދަލުވިތާ ގިނަ ދުވަސްތަކެއް ނުވެ، އަލަތު ދަރިފުޅަށް މަލާކު ބަލިވެ އިނދެ ކިޔެވުން ޖެހުނީ މެދުކަނޑާލާށެވެ. އެއީ މާބަނޑު ދުވަސްވަރު، އުދުހުމަކީ ޑޮކްޓަރުން ލަފާދޭ ކަމަކަށް ނުވާތީއެވެ. ދަރިފުޅު ވިހައި، ގަދަވަންދެން އޭނާ ކިޔެވީ ގޭގައެވެ. އިމްތިހާނުތައް ވެސް ހެދީ އެހެނެވެ. އަލުން ސްކޫލަށް ގޮސް، ކިޔެވުން ފެށީ، ދޮޅު އަހަރު ފަހުންނެވެ.
އޭގެފަހުން، އެ ދަތުރަށް ލޮޅުން ގެނުވީ، 2019 ގައި ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައެވެ. އެ ކަންތައްގަނޑުގެ ތެރޭގައި، ބިދޭސީ ދަރިވަރުންގެ އުދުހުންތައް ލަންކާ ސަރުކާރުން މަނާކުރިއެވެ. އެހެންވެ، މަލާކްގެ ހުވަފެނީ ދުނިޔެ ޖެހުނީ، މަޑުޖައްސާލާށެވެ.

ޕައިލެޓަކަށް ވުމަށް އަލުން ކިޔެވުން ފުރިހަމަ ކުރެވޭނެ ކަމަށް ކަންކަން ރަނގަޅުވުމުން ލަންކާއަށް ދިޔައެވެ. މި ފަހަރު އެ ކަމަށް ތަންނުދިނީ، ލަންކާގެ އިގުތިސާދީ ހާލަތެވެ. އެ އަނދަވަޅާއެކު، ގިނަ ވަގުތު ކަރަންޓު ކަނޑަން ފެށުމުން އުދުހުމުން ޖެހުނީ މަހުރޫމްވާށެވެ.
އެއަށްފަހު، ކޮވިޑުގެ ހާލަތާ ދިމާވެ، ދެ އަހަރު ވަންދެން އުދުހުމުގެ ފުރުސަތު ނުލިބުނު ކަމަށް މަލާކް ބުންޏެވެ.
އަޑިގުޑަންތައް ގިނަ ޕައިލެޓު ކޯސް އޭނާއަށް ނިންމުނީ ހަތް އަހަރު ފަހުންނެވެ. އެއަށްފަހު، އެނބުރި ރާއްޖެ އައީ 2024ގައެވެ.
އަހަރެއް ތެރޭ ކެބިން ކުރޫއަކުން، ކޯ ޕައިލެޓަކަށް
ވަޒީފާގެ ފުރުސަތުތައް މަދު މި ރާއްޖޭގައި މަލާކަށް ކުރިމަތިވީ، އެ ހަނގުރާމައެވެ. ޕައިލެޓުކަން ކިޔަވައިގެން ހުއްޓަސް، މަންތާ އެއާއިން ވަޒީފާ ލިބުނީ، ސީޕްލޭން ކެބިން ކުރޫއެއްގެ ވަޒީފާއެވެ. އެއީ، ރާއްޖެ އައިތާ ހަ މަސް ފަހެވެ.
މަލާކް ބުނީ، މަންތާއިން ހުށަހެޅީ އަހަރެއްހާ ދުވަސް ފަހުން ޕައިލެޓަކަށް ޕްރޮމޯޓު ކުރުމަށެވެ.
އެ ކަން މަލާކަށް ކަމުދިޔައީ، ބޯޓުގެ އޮޕަރޭޝަނަލް ކަންކަމާއި ދެން ހުރި ކަންކަމަށް ފަރިތަވާނެ ފުރުސަތު ލިބޭތީއެވެ. އޭނާވީ، މަންތާގެ ފުރަތަމަ އަންހެން ޕައިލެޓް ކެޑޭޓަށެވެ.
އެ ކަމުގެ ތެރެއިން، އިތުރު އުފާވެރިކަމެއް އޭނާއަށް ގެނުވީ، އިންސްޕަޔަރިން ޓްރެވަލް އޭޝިއާއަށް ނޮމިނޭޓުވުމުންނެވެ. އެ ނޮމިނޭޓުވުމަކީ ވެސް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. މި ކަމުގެ އެވޯޑުތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
"ދެން ވަރަށް އުފާވި. އަބަދުވެސް ބޭނުންވަނީ އެހެން މީހުން އިންސްޕަޔާކޮށްދޭން" އެ ދުވަހުގެ އިހުސާސްތައް މަލާކް ބަންޑުންކޮށްލިއެވެ.
އެ ތަޖުރިބާތަކަށް ފަހު، އޭނާ ދުވަސްވީ ހުވަފެނުގައި ކުލަ ޖެހުނީ މިދިޔަ ޑިސެމްބަރުގައެވެ. މިހާރު އޭނާއަކީ، މަންތާގެ ކޯ ޕައިލެޓެކެވެ.
މަލާކް ކިޔައިދިން ގޮތުގައި، އުދުހުމުގެ އިތުރުން އެތައް ކަމެއް ކުރަން ޖެހެއެވެ. ފޮށިތައް އުފުލައި ބޭލުމާއި، ތެޔޮ އެޅުން ފަދަ އެތައް ކަމެކެވެ.
މިހެން މަލާކް ހުއްޓުމެއް ނެތި، 70 ދުވަސް ވަޒީފާއަށް ނުކުމެއެވެ. އެ ދެމެދުން ކޮންމެ ހަފުތާއަކު، ދެ ދުވަހުގެ އޮފެއް ލިބެއެވެ. އަދި، 70 ދުވަހަށް ފަހު، 21 ދުވަހުގެ ޗުއްޓީ ލިބެއެވެ.
މަލާކާއި އޭނާގެ އަށް އަހަރުގެ ދަރިފުޅު ކައިލީ ---އޭނާގެ އަށް އަހަރުގެ ދަރިފުޅު ކައިލީ މޮގާ ވެސް މިހާރު ހުރީ މަލާކްގެ ވަޒީފާއަށް ހޭނިފައެވެ.
"ކައިލީ ވެސް އަސްލު ވަރަށް އަންޑަސްޓޭންޑިން. (މަލާކް) އޯވާ ނައިޓަށް ވެސް ދަތުރުތައް ކުރަން ޖެހޭނެ ކަމާއި އެއްޗިސް. މިއީ މަލާކްގެ ވަޒީފާކަން އެނގޭ ކައިލީއަށް ވެސް" މަލާކް ކިޔައިދިނެވެ.
އެކަނިވެރި މަންމައެއްގެ ރޯލު އަދާކުރާއިރު ދަރިފުޅުގެ ސްކޫލު ކަންކަމާއި ބާސްކެޓާއި އެހެނިހެން ކަންކަން ކުރަން އޮވެއެވެ. އެކަމަކު ވެސް މަލާކުގެ އަޒުމެއް ނުގުޑައެވެ. ވަގުތުވީ ވަރަކުން ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދެއެވެ.
މަލާކު ފާހަގަކުރި ގޮތުގައި، ދަތުރުތަކަށް ދާއިރު، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގައި މަންމައާއި އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެއެވެ.
މަލާކް ސިފަކުރި ގޮތުގައި، މަންމައަކީ، މުޅި އޭނާގެ ހަޔާތުގައި ލިބުނު ހުރިހާ ކުރިއެރުމެއްގެ ސިއްރެވެ.
"އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވި ދަނޑިވަޅުތަކުގައި ވެސް، އަހަރެންނަށް އެންމެ ބޮޑަށް އިތުބާރުކުރީ މަންމަ. ކޮންމެ ކާމިޔާބީއެއްގައި މަންމަ ހިތްވަރުގެ ދައުރު ވަރަށް ބޮޑުވާނެ"
މަލާކް އޭނާގެ މަންމައާއެކު ---ކޯ ޕައިލެޓުކަން ކުރަމުން، މޭކަޕްގެ ދުނިޔެއަށް
އަމިއްލަ ކަމެއް ނުވަތަ ވިޔަފާރިއެއް ފެށުމުގެ ހިޔާލު މަލާކް އަބަދުވެސް ގެންގުޅެއެވެ.
އެ ކަން ފަށަން އޭނާ ބޭނުންވީ، ލިޕްސްޓިކްއިންނެވެ. އެ ޚިޔާލު އިތުރަށް ފުޅާވީ، އެކަނި މަންމައެއްގެ ރޯލު އަދާކުރަން ޖެހުމުން ކަމަށް މަލާކް ބުންޏެވެ. އެ ހިސާބުން ފެށިގެން، އޭނާގެ އަމިއްލަ ބްރޭންޑެއް ހެދުމަށް ދިރާސާ ކުރަން ފެށިއެވެ. ރާއްޖޭން ބޭރުގެ އެކި ފެކްޓްރީތަކަށް ގޮސް، އޭނާ ބޭނުންވާ ގޮތް ކިޔައިދިނެވެ.
"މަލާކް ބޭނުންވީ، ގިނަ އިރު ހުންނަ، ވީގަން، ޓްރާންސްފާ ޕްރޫފް ކޮންމެ ދުވަހަކު ބޭނުންކުރެވޭ އެއްޗެއް ހަދަން"
އެ ގޮތަށް ޓެސްޓުކުރުމުގައި ދެ ތިން މަހެއް އޭނާ ހޭދަކުރިއެވެ. އެއަށްފަހު، މާކެޓަށް ނެރުމުގެ ކުރިން އޭނާ އަމިއްލައަށް ވެސް އެ ލިޕްސްޓިކް ބޭނުންކުރިއެވެ. އަދި، އާއިލާގެ އެހެން މެންބަރުން ވެސް ބޭނުންކުރިއެވެ. އެއީ، އެހެން މީހުންނަށް ވިއްކަން ބޭނުންވީ، ކޮލިޓީ އުފެއްދުމަކަށް ވާތީއެވެ.
އެ އަޒުމުގައި މިދިޔަ ސެޕްޓެމްބަރު އެކެއްގައި ލަސްޓާ ބައި މަލާކްގެ ނަމުގައި މޭކަޕް ބްރޭންޑެއް ތައާރަފުކޮށް، އުފެއްދުން މާކެޓަށް ނެރުނެވެ. މި ފަހަރު އޭނާ ނެރުނީ، ދެ ކުލައެއްގެ ލިޕްސްޓިކެވެ.

މިއީ ހަމައެކަނި އާދައިގެ ލިޕްސްޓިކެއް ނޫނެވެ. މިހެން ބުނަން މި ޖެހުނީ، ކޮންމެ ލިޕްސްޓިކަކީ މަލާކުގެ އާއިލާގެ މެންބަރުންނާ ގުޅުވައި ނެރެފައިވާ އެއްޗަކަށްވެފައި، ކޮންމެ ލިޕްސްޓިކެއްގެ ފަހަތުގައި ވާހަކައެއް ވާތީއެވެ.
މަލާކު ބުނި ގޮތުގައި، މޭކަޕުގެ އަމިއްލަ ބްރޭންޑެއް ތައާރަފުކުރުމުގެ ކޮންމެ މަރުހަލާއެއްގައި އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނެވެ.
އަނެއް ކަމަކީ، މީގެން އެއް އުފެއްދުމަށް ނަން ކިޔާފައި ވަނީ، މަލާކްގެ ދަރިފުޅު ކައިލީގެ ނަމުން ކަމަށްވީތީއެވެ. އޭނާ ބޭނުންވީ ފުރަތަމަ އުފެއްދުމަކީ މަންމައަކާއި އަންހެން ދަރިފުޅަކަށް ޚާއްސަ އެއްޗަކަށް ހެދުމަށެވެ.
އޭނާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ، ކައިލީއެވެ. އެ ދަރިފުޅުގެ މަންމައަކަށް ވުމުން، ކުރިން ނުލިބޭ އެތައް ހިތްވަރަކާއި އަޒުމެއް އޭނާއަށް ލިބުނެވެ. ބްރޭންޑުގެ ފުރަތަމަ އުފެއްދުން ދަރިފުޅަށް ޚާއްސަކުރީ، އެހެންވެ ކަމަށް މަލާކް ބުންޏެވެ.
މި ލިޕްސްޓިކާއެކު، ކައިލީއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެވެ.
"ވަރަށް އުފާވެފައި ހުރީ ކައިލީގެ ނަމުގައި ޕްރޮޑަކްޓެއް ނެރުނީމަ. އެންމެން ކައިރި ވެސް ކިޔާނެ ކައިލީގެ ނަމުގައި ލިޕްސްޓިކެއް އިނދެޔޭ" ހެވި ދިލިފައި، އިނދެ މަލާކް ކިޔައިދިނެވެ.
މާކެޓަށް ނެރުނުތާ ކުޑަ ދުވަސްކޮޅެއް ވީއިރު، މިހާތަނަށް އެއްވެސް ނެގެޓިވް ކޮމެންޓެއް ލިބިފައި ނެތް ކަމަށް މަލާކް ބުންޏެވެ.
ލަސްޓާ ބައި މަލާކް އިންސްޓަގްރާމް ޕޭޖަށް މެސެޖުކޮށްގެން މަލާކުގެ އުފެއްދުންތައް ގަނެވޭނެއެވެ. މިހާރު އޯޑަރުތައް ނަގައި، ޑެލިވަރީ ކުރަނީ ވެސް އޭނާ އަމިއްލައަށެވެ. ޑެލިވަރީގެ ކަންކަން ކުރަނީ، އޭނާއަށް ލިބޭ އޮފް ދުވަސް ކަމަށްވާ އާދިއްތަ ދުވަހެވެ.

އޭނާގެ އުއްމީދަކީ، ކޮލިޓީ ރަނގަޅު އިތުރު ކޮސްމެޓިކްސް އުފެއްދުންތައް މުސްތަގުބަލުގައި މާކެޓަށް ނެރުމެވެ.
މިހާރު ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ ލިޕްސްޓިކްގެ އިތުރު ކުލަތަކަކީ އޭނާގެ އާއިލާގެ އެކި މެންބަރުންނާ ގުޅުވައިގެން ހަދާ އެއްޗިއްސެވެ. ކޮންމެ ކުލައެއްގެ ފަހަތުގައި ވަނީ، އޭނާގެ އަމިއްލަ ފުން މާނައަކާއި އާއިލީ ގުޅުމެވެ.
އޭނާގެ މޭކަޕްގެ މި ބްރޭންޑުގެ ފަހަތުގައި ވެސް ވަނީ، މާނަ ފުން މެސެޖެވެ. އެއީ، މައިވަންތަ ކަމުގެ ގުޅުމުން އޭނާގެ ހަޔާތަށް އައި ކުރިއެރުމާއި އަމިއްލައަށް ކުރިމަތިލާން ޖެހުނު ދަތިތަކާއި ބިނާކުރަމުންދާ ދިރިއުޅުމުގެ ރަމްޒެކެވެ.
މަލާކު ބުނާ ގޮތުގައި، އަންހެނަކަށް ވިޔަސް ހިތު އަޅައިފި ކޮންމެ ކަމެއް ކުރެވޭނެއެވެ. ކޮންމެހެން އިތުރު ބަޔަކަށް ނުވަތަ މީހަކަށް ބަރޯސާވާކަށް ނުޖެހެއެވެ.
އެހެންކަމުން، މަލާކް މި ސާބިތުކޮށްދެނީ ދަރިން ބަލަމުން އަންހެނުންނަށް ވަޒީފާއަށް ގޮސް އެހެނިހެން ކަންކަން ވެސް ވާނެ ކަމެވެ. ހަމައެކަނި ބޭނުންވަނީ ކެރުމާއި ނުގުޑާނެ އަޒުމެއް ކަމެވެ.