ވަގު އެމެރިކާ ޑޮލަރު ދީގެން "އައި.އެމް ޓެކް" ފިހާރައިން ދެ އައިފޯނު ގަތް މައްސަލައިގައި ސ. ހުޅުދޫ، އިރަމާގެ، ޙުސައިން ޒައިދާން ޢަލީ (23 އަހަރު) ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ ހުކުމް އަންގާރަ ދުވަހު އިއްވިއިރު، ހަމަ މި ފަދަ އެހެން މައްސަލައެއްގައި ޒައިދާން މިހާރު ވެސް ހުރީ ޖަލުގައެވެ. މި ފަހަރު ހުކުމް ކުރި މައްސަލައިގައި، އޭނާއާއެކު ދައުވާލިބުނު ސ. ހިތަދޫ، އެބީވިލާ، ޢަލީ އަކުރަމްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ފަހަރުގެ ހާދިސާއާ ގުޅިގެން ތިން ދައުވާއެއް ކުރިއިރު، ހުކުމް އިއްވި އެއް މައްސަލައަކީ އޮކްޓޫބަރު 29، 2022 ގައި މާލޭގެ ކޮއްތު ހަޓް ރެސްޓޯރަންޓް ކައިރިއަށް "އައި.އެމް ޓެކް" ފިހާރައިގެ ދެ އައިފޯނު 14 ޕްރޯ (256 ޖީބީ) ޑެލިވަރީކުރުވުމަށްފަހު، އެ ފޯނުތަކުގެ އަގަށްވާ 2,900 އެމެރިކާ ޑޮލަރުގެ ގޮތުގައި 29 ސައްޙަނޫން ނޫޓު ދީގެން މަކަރާއި ހީލަތުން ފޯނުތައް އަތުލާފައިވާ މައްސަލައެކެވެ.
ޒައިދާން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ކުށަށް އިއުތިރާފުވުމުން، ގާޒީ މުޒައްމިލް ނާޞިރު ވަނީ އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށާއި، އައި.އެމް ޓެކް ފިހާރައަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,990 އެމެރިކާ ޑޮލަރު އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރައްވާފައެވެ.
މި ހާދިސާގެ ދެވަނަ އަދި ތިންވަނަ މައްސަލައަކީ، އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމާއި މަނީ ލޯންޑްރިންގ ދައުވާއެވެ. މި ދެ ދައުވާގައި ޒައިދާންގެ ބައި އަނބުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާލުމަށް އެދުމުން ކޯޓުން ވަނީ އެބައި ފޮނުވާލާފައެވެ.
މި ހާދިސާގައި ހިމެނޭ، ޢަލީ އަކުރަމްގެ މައްޗަށް އުފުލި މަކަރާއި ހީލަތްހެދުމާއި، އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމާއި، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމެވިއެވެ. ކޯޓުން ފާހަގަކުރެއްވި ގޮތުގައި، އަކުރަމް ހާދިސާ ހިނގި ސަރަހައްދަށް ސައިކަލުގައި ދިޔުން ފިޔަވައި، އޭނާ އެ ކުށުގައި ބައިވެރިވިކަން ނުވަތަ އެއީ ވަގު ޑޮލަރުކަން އޭނާއަށް އެނގޭކަން ދައުލަތަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ފުލުހުންގެ ތަހުގީގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަހުލީލުތަކުން ކަށަވަރުވެފައިވާ ގޮތުގައި، މައްސަލައިގައި ބޭނުންކޮށްފައިވާ 100 ޑޮލަރުގެ 29 ނޫޓަކީ އެއް ޕްރިންޓަރަކުން ޕްރިންޓްކޮށްފައިވާ ސައްޙަނޫން ނޫޓުތަކެކެވެ.