އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވައިޓް ހައުސްއަށް ނުވަދެވޭ ގޮތަށް މަނާކުރި ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް ވަގުތުން އަލުން ހުއްދަ ދިނުމަށް އެމެރިކާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރު ޓިމޮތީ ކެލީ އަންގަވައިފިއެވެ.
މި އަމުރު ނެރުއްވާފައިވަނީ، އެ ނޫސް އިދާރާތަކުން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން އެ ފަރާތްތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ޓްރަމްޕް މި ނޫސްތައް މަނާކުރެއްވިކަން އިއުލާންކުރެއްވީ ހުކުރު ދުވަހުއެވެ. އަދި ހޮނިހިރު ދުވަހު ސީއެންއެންގެ ބެޓްސީ ކްލެއިން، އެމްއެސް ނައުގެ އަކޭލާ ގާޑްނާ އަދި ޕޮލިޓިކޯގެ ޝަޔޭން ހޭސްލެޓް ވައިޓް ހައުސްއަށް ވަންނަން ދިއުމުން ވަނީ އެ މީހުންގެ ފާސްތައް މަސައްކަތްނުކުރާ ގޮތަށް ހަދާފައެވެ.
ފަނޑިޔާރު ކެލީގެ ނިންމެވުމުގައި ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިންގެ ފާސްތައް ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިޖުރާއަތްތަކާ ހިލާފަށެވެ. އާންމު އުސޫލަކީ ސަރުކާރުން މީހެއްގެ ހައްގެއް ނިގުޅައިގަތުމުގެ ކުރިން އެކަން އަންގައި، އެކަމާ މެދު ވާހަކަދެއްކުމުގެ ފުރުސަތު ދިނުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ނޫސްވެރިންގެ ފާސްތައް އަތުލުމަށްފަހު، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތްކަން އަންގާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުން ބުދަ ދުވަހު ފޮނުވި ސިޓީތަކަކުން ކަމަށް ކޯޓުގައި ވަނީ ހާމަވެފައެވެ.
ފާސް ބާތިލުކުރި ފަހުން ފޮނުވި ސިޓީއަކުން، ނޫސްވެރިން އަމަލުކުރަންޖެހޭ މިންގަނޑުތައް އަންގައިދެވޭނެ ގޮތަކާ މެދު ފަނޑިޔާރު ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން، މިއީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ޖަސްޓިސް ޑިޕާޓްމަންޓުގެ ވަކީލު މައިކަލް ވެލްޗިކް ވިދާޅުވި ގޮތުގައި، މި ނޫސް އިދާރާތަކުގެ ރިޕޯޓުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެއެވެ. އަދި ވައިޓް ހައުސްއަށް ވަދެވޭނެ މީހުން ކަނޑައެޅުމުގެ އިހުތިޔާރު ރައީސަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ނޫސް އިދާރާތަކުގެ ވަކީލު ޓެޑް ބައުޓްރަސް ފާހަގަކުރެއްވި ގޮތުގައި، ގައުމީ ސަލާމަތުގެ ވާހަކަ ސަރުކާރުން ދައްކަން ފެށީ ނޫސްވެރިން މަނާކުރިތާ އެތައް ދުވަހެއް ފަހުންނެވެ. އަދި ސަރުކާރުން ހެކީގެ ގޮތުގައި ހުށަހެޅި ސީއެންއެންގެ ރިޕޯޓަކީ، އިސްޓް ވިންގުގެ ބިންގަރާހަކާ ގުޅޭ ގޮތުން ލިޔެފައިވާ ރިޕޯޓެއް ކަމަށާއި، އެއީ އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ ފާސް އާކޮށްދިނުމުގެ އެތައް މަހެއް ކުރިން ޝާއިއުކޮށްފައިވާ ރިޕޯޓެއްކަން ވެސް ވަކީލު ފާހަގަކުރެއްވިއެވެ. ޓްރަމްޕް މީގެ ކުރިން ޓްރުތް ސޯޝަލްގައި ވިދާޅުވެފައިވަނީ، މި ނޫސްތައް މަނާކުރީ އެ ފަރާތްތަކުން މެދުކެނޑުމެއް ނެތި ދޮގު ޚަބަރު ފަތުރާތީ ކަމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ކެލީ ވަނީ 2018 ވަނަ އަހަރު ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާގެ ފާސް ބާތިލުކުރި މައްސަލަ ވެސް ބައްލަވާފައެވެ. އެ ފަހަރު ވެސް ކޯޓުން ނިންމީ ނޫސްވެރިޔާއަށް އަލުން ފާސް ދިނުމަށެވެ. ވައިޓް ހައުސްއަށް ވަނުމުގެ ހުއްދައާ ގުޅޭ ގޮތުން ޑީސީ ސާކިޓް ކޯޓުން މީގެ ކުރިން ނިންމާފައިވާ 'ޝެރިލް ވީ ނައިޓް' އަދި 'ކަރެމް ވީ ޓްރަމްޕް' މައްސަލަތަކަށް ރިއާޔަތްކުރައްވައި، ނޫސްވެރިންގެ ފާސް ބާތިލުކުރުމުގެ ކުރިން އެކަން އަންގަންޖެހޭނެ ކަމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ހައްގު ނޫސްވެރިންނަށް ލިބިގެންވާ ކަމަށް ފަނޑިޔާރު ކެލީ ވަނީ ފާހަގަކުރައްވާފައެވެ. ކޯޓުގެ މި އަމުރާއެކު، މަނާކުރެވުނު ނޫސްވެރިންނަށް އަލުން ވައިޓް ހައުސްއަށް ވަނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.