އީރާން ބަލިނުކުރެވުމުގެ ސަބަބުން އެމެރިކާގެ ހަންފެތުރުމުގެ ސިޔާސަތަށް ބޮޑު ލޮޅުމެއް!

ޓްރަމްޕް

ލަންޑަން (24 ސެޕްޓެމްބަރު 2026) : އީރާންއާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގައި އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް ލިބުނު ނާކާމިޔާބީތަކާއެކު އެމެރިކާގެ ޑޮމިނޭޝަން ނުވަތަ ހަންފެތުރުމުގެ ގާބިލްކަމަށް ވަރަށް ބޮޑު ލޮޅުމެއް އަރައިފިކަމަށް ލަންޑަންގައި ނުކުންނަ މަޝްހޫރު މަޖައްލާ "ދި އިކޮނޮމިސްޓް" ބުނެފިއެވެ.

އިކޮނޮމިސްޓް ގައިވާ ތަހުލީލީ ރިޕޯޓެއް ބުނާގޮތުން އެމެރިކާއާއި އިސްރާއީލު އިސްވެ އީރާންއާ ދެކޮޅަށްފެށި ހަނގުރާމައިގެ ސަބަބުން އީރާނަށް މާއްދީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް ސްޓްރެޓީޖިކް ގޮތުންނާއި ތަޖުރިބާގެ ގޮތުންނާ އަދި އަސްކަރީ ސިނާއަތުގެ ދާއިރާއިން އީރާނަށްވަނީ ގިނަގުނަ ފައިދާތަކެއް ލިބެން ފަށައިފައެވެ.

ސްޓްރެޓީޖިކް ގޮތުން އީރާނަށް ލިބުނު ފައިދާތަކުގެ ތެރޭގައި އެމެރިކާގެ ކުރިމަތީގައި އަސްކަރީ ގޮތުން ބަލިނުވެ އެމެރިކާއަށާއި އިސްރާއީލަށް ވަރުގަދައަށް ރައްދުދެވޭ ހާލަތުގައި އީރާން ދެމިއޮތުން ހިމެނެއެވެ. މީގެއިތުރުން އީރާނުގެ ނިޒާމުގެ ވަރުގަދަކަމާއި އެއީ ދުނިޔޭގެ އެއްވެސް ބާރަކަށް ގުޑުވާލެވޭ ވަރަށްވުރެ މާ ވަރުގަދަ ނިޒާމެއްކަން އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުންވަނީ ހާމަވެގެން ގޮސްފައެވެ. އީރާނުގެ ނިޒާމަކީ ވަކިވަކި ފަރުދުންގެ ބަދަލުގައި މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ވަރަށް ވަރުގަދަ ނިޒާމެއްކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

އީރާނުން ހަމަލާދީ ހަލާކުކޮށްލާފައިވާ އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް

މި ރިޕޯޓް ބުނާގޮތުން އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން އީރާނަށް ވަނީ އެދެގައުމުގެ އަސްކަރީ ބަލިފައިތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައެވެ. މިކަމުގެ ސަބަބުން އީރާނަށްވަނީ އަމިއްލަ ނަފްސުގެ އިތުބާރު ވަރަށް ބޮޑަށް ލިބިގެން ގޮސްފައެވެ. އެހެންކަމުން އީރާނުގެ ބޭނުމަކީ ހަނގުރާމަ ދަންމާލައިގެން އެމެރިކާގެ ކޮންގްރެސް އިންތިޚާބަށް ނުފޫޒު ފޯރުވުމެވެ.

އީރާނަށް ލިބުނު ތަޖުރިބާތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ބާރަކީ ވަރަށް ބޮޑަށް ލިމިޓެޑް ބާރުތަކެއްކަން އެނގުން ހިމެނެއެވެ. އެދެގައުމުގެ ދިފާއީ ނިޒާމުތަކަކީވެސް ފޫއަޅުވާލެވޭނެ ނިޒާމުތަކެއްކަމާއި ދިފާއީ ނިޒާމުތަކުގައި ބޭނުންކުރާ އެންޓީ ޑިފެންސް ބެޓްރީތަކަކީ ގިނައިން ބޭނުންކުރުމުން އޭގެ ސްޓޮކް ދަށްވެ އެއާނުލައި ހަނގުރާމަކުރަން އެދެގައުމަށް ދަތިވާވަރުގެ ނާޒުކު އެއްޗެއްކަން އެނގުމާއި ދިގުމުއްދަތަކުން ނޫނީ އެތަކެތި އުފެއްދުމުގެ ގާބިލްކަން ނެތްކަން އެނގިގެން ދިޔުން ހިމެނެއެވެ.

ފަރުބަދަ ތަކުގެ ފުނުގައި ބިނާކުރާ ބިންގަރާސްތައް އެމެރިކާއާއި އިސްރާއީލަށް ފޫއަޅުވައި ނުލެވޭކަންވެސްވަނީ އެނގިގެން ގޮސްފައެވެ. އަނެއްކޮޅުން އެމެރިކާއާއި އިސްރާއީލު މިދެގައުމަކީވެސް ހަތިޔާރުހުރި ބާރުގަދަ ލަޝްކަރަކާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކުރުމަށް ބިރުގަނެ ޖެހިލުންވާ ދެގައުމުކަން އިތުރަށް ސާފުވެގެން ދިޔުން ހިމެނެއެވެ. އެމެރިކާ ސިފައިން ކަނޑަށް ބަލިވާކަން އެނގޭ މައްސަލައާއި ކަނޑުމަތީގައިވާ މަނަވަރުތަކެއްގައި ތިބެގެން ދިގުމުއްދަތަކަށް ހަނގުރާމަކުރަން ޖެހުމުން އެމެރިކާގެ އަސްކަރީ ފްލީޓްތަކަށް ލޮޖިސްޓިކް މައްސަލަތައް ބޮޑުވެ ސަޕްލައިކުރަން ދަތިވާ މައްސަލައަކީވެސް އެމެރިކާގެ ވަރަށް ބޮޑު ބަލިފައެއްކަން ވަނީ ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިކަމަށް މިރިޕޯޓް ބުނެއެވެ.

"ދި އިކޮނޮމިސްޓް" ގެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ އެންމެ ފަޚުރުވެރި ސިނާއަތް ކަމަށްވާ އެފް-35 ގެ ފައިޓާޖެޓެއް ވައްޓާލުމަކީ ނުވަތަ އޭގެ ޖެޓަކަށް އީރާނުގެ މިސައިލެއް އެރުމަކީވެސް އީރާނުގެ އަސްކަރީ އަދި ސްޓްރެޓީޖިކް ކާމިޔާބެކެވެ. އީރާން ބުނާގޮތުން އެގައުމުވަނީ އެމެރިކާގެ އެފް 35 ގެ ޖެޓެއް ވައްޓާލައިފައެވެ. ނަމަވެސް އެމެރިކާ މިކަން ދޮގުކުރެއެވެ. އެމެރިކާ ބުނާގޮތުން އީރާނުގެ މިސައިލެއް އެރުމުގެ ސަބަބުން އެފް 35 ގެ ޖެޓަކަށް ގެއްލުން ލިބުނީއެވެ. ނަމަވެސް ވައްޓައެއް ނުލެވެއެވެ. ނަމަވެސް އީރާންވަނީ އެމެރިކާގެ އެފް 15 ގެ ދެ ޖެޓް ވައްޓާލައިފައެވެ. އަދި ގްރައުންޑްގައި އޮއްވައި އެމެރިކާގެ 40 އަށް ވުރެގިނަ އަސްކަރީ އެކި ވައްތަރުތަކުގެ ބޯޓުތައްވަނީ ހަލާކުކޮށްލައިފައެވެ.

އީރާނުން، އުރުދުންއާއި ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ހުރިހާ ބޭސްތަކެއްހެން ހަލާކުކޮށްލާފައިވާއިރު އެމެރިކާގެ އަރަބި ބައިވެރިން ދިފާއުކޮށް ނުދެވުމަކީ ވެސް އެމެރިކާގެ އަސްކަރީ އަދި ސްޓްރެޓީޖިކް ބަލިފައެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހަނގުރާމައަށްފަހު ގަލްފުގެ ގައުމުތަކުގައި އެމެރިކާ އަލުން ފައިހަރުކޮށްލުމުގެ ފުރުސަތު އީރާނުން ނުދޭނެކަމަށް މިރިޕޯޓް ބުނެއެވެ.

އީރާނުން ހަލާކުކޮށްލާފައިވާ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް

މި ރިޕޯޓް ބުނާގޮތުން އީރާނުގެ އެންމެ ބޮޑު ކާމިޔާބަކީ އެމެރިކާއާއެކު ހަނގުރާމަ ކުރަމުން އަސްކަރީ ސިނާއަތު ތަރައްގީ ކުރުމުގައި އީރާން ކުރިޔަށް ދިއުމެެވެ. އަދި އީރާން އަލަށް އުފައްދާ ޒަމާނީ ހަތިޔާރު ލައިވްކޮށް އެމެރިކާއާ ދެކޮޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު އީރާނަށް ލިބިފައިވުމެވެ. މިގޮތުން އީރާނުގެ އައު ކްރޫޒް މިސައިލެއް ދާދިފަހުން އެމެރިކާގެ އެއާކްރާފްޓް ކެރިއާ އަކާ ދެކޮޅަށް ތަޖުރިބާކުރިކަމާއި އެތަޖުރިބާގެ އަލީގައި އީރާނުން ކުރޫޒް މިސައިލް އިތުރަށް ތަރައްގީ ކުރަންފަށާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މިކަން ކުރެވެނީ އެމެރިކާ އަތްފޯރާ ފަށަށްވުރެ މާ ފުނުގައި އީރާނުން ހަތިޔާރުގެ ކާރުޚާނާތައް ބިނާކޮށްފައިވުމުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ.

މި ރިޕޯޓް ބުނާގޮތުން އެމެރިކާގެ އެންމެ ބޮޑު ބަލިފަޔަކީ އީރާނުން ބަންދުކުރި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އަސްކަރީ ގޮތުން އެމެރިކާގެ އަސްކަރިއްޔާ ނުކުޅެދިފައިވުމެވެ. މިކަމުގެ ސަބަބުން ދިފާއީ ގޮތުން އެމެރިކާއަށް ބަރޯސާވާން ދެން އަރަބި ގައުމުތައް ފަސްޖެހޭނެކަމާއި އެމެރިކާއާއެކު އެނޫން ވަސީލަތްތައް އެގައުމުތަކުން ހޯދާނެކަމަށްވެސް ބުނެފައިވެއެވެ. މި ރިޕޯޓް ނިންމާލާފައިވަނީ ހަނގުރާމައާއެކު އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާކަން ހާމަކުރަމުންނެވެ.

އީރާނުގެ މަސްއޫލުވެރިންވަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި އޮތުމުން އީރާނަށް ފައިދާ ލިބުމުގެ ބަދަލުގައި ލިބުނީ ގެއްލުންކަމަށް ވިދާޅުވެ އެމުއާހަދާއިން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު ދެއްވައިފައެވެ. މި ރިޕޯޓް ބުނާގޮތުން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައި އެކަން ހާމަނުކޮށް ނިއުކްލިޔާ ގޮތުން ވާނުވާ ނޭނގޭ ހާލަތެއްގައި އޮތުމުގެ ސިޔާސަތެއް އީރާން ގެންގުޅެން ފަށާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

comment ކޮމެންޓް