އީރާން ފަނާކޮށްލަން ޓްރަމްޕް ގޮވާލުމަކީ ދައުވާ ކުރަން ޖެހޭ ފަދަ، ޓެރަރިސްޓް އަމަލެއް: ބާނީ ސެންޑާސް

އެެމެރިކާގެ ސެނެޓްގެ މެންބަރެއް ކަމަށްވާ ބާނީ ސެންޑާސް

ވޮޝިންޓަން (24 ސެޕްޓެމްބަރު 2026): އީރާން އެއްކޮށް ފަނާކޮށްލާނެކަމަށް ބުނެ އދ.ގެ ޖެނެރަލް އެސެމްބްލީގައި އެމެރިކާގެ ޖައްބާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުގައި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ޓެރަރިސްޓް ބާބެރިކް އަމަލެއް ކަމަށާއި އެކަން ތަހުގީގުކުރުމަށްޓަކައި ޓްރަމްޕް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ ކަމަށް އެމެރިކާގެ މަޝްހޫރު ސެނެޓަރު ބާނީ ސެންޑާސް ވިދާޅުވެއްޖެއެވެ.

ޒަޔަނިޒަމާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރައްވާ އެމެރިކާގެ ޔަހޫދީ އެއްކަމަށްވާ ސެންޓާސް ވިދާޅުވީ ޓްރަމްޕަކީ ތަހުޒީބު ދުނިޔޭގައި އުޅުމުގެ ގާބިލްކަން ލިބިފައިނުވާ ބާބެރިކް މީހެއް ކަމުގައެވެ. ޓްރަމްޕްގެ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ދުނިޔޭގައި އެމެރިކާގެ އަގު ވަރަށް ބޮޑަށްވެއްޓި ނާތަހުޒީބު އަދި ޓެރަރިޒަމާއި ބާބެރިކް އަމަލުތައް ގައުމެއްގެ ގޮތުގައި އެމެރިކާ ފެންނަން ފަށާފައިވާކަމަށްވެސް ސެންޑާސް ވިދާޅުވިއެވެ.

"ޓްރަމްޕްގެ ނާތަހުޒީބު ކަމާއި އަނިޔާވެރިކަމުގެ ސަބަބުން އެމެރިކާއަށް ކުރާ އިހުތިރާމް ގެއްލި އެމެރިކާއާމެދު ދުނިޔޭގެ އާންމުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ" ސެންޑާސް ވިދާޅުވިއެވެ.

ޓްރަމްޕް އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަންގައި ވާހަކަ ދައްކަނީ

އދ. ގެ 81 ވަނަ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕްވަނީ އީރާން އެއްކޮށް ނައްތާލާނެ ނުވަތަ އެކްސްޓާމިނޭޓް ކޮށްލާނެކަމަށް ބުނެއިންޒާރު ދީފައެވެ. "އީރާނަށް އޮތީ ދެގޮތެއް އެއީ އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް އައުން ނޫނީ އީރާން އެއްކޮށް ފަނާކޮށްލުން" އދ. ގެ އެންމެ ޝަރަފުވެރި މިންބަރުގައި ހުރެގެން ޓްރަމްޕް ބުނެފައިވެއެވެ. މީގެކުރިންވެސް ޓްރަމްޕް ވަނީ އީރާން ނައްތާލާނެކަމަށް ބުނެ އެތަށް ފަހަރަކު އިންޒާރުތައް ދީފައެވެ.

އިންޒާރުގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކޮށްގެން އީރާނަށް ޣައިރުގާނޫނީ ގޮތުން ހަމަލާދީ އުދުވާނީ ހަނގުރާމައެއްފަށައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތަކާއި ކަނޑުފޭރުމުގެ އަމަލުތައް ހިންގައިފައެވެ.

https://sun.mv/227954

މީގެތެރޭގައި އީރާނުގެ އިސްވެރިން ޝަހީދުކޮށްލުމާއި ގިނައަދަދެއްގެ ނިއުކްލިޔާ އިންޖިނޭރުންނާއި ސައެންސްވެރިން ޝަހީދުކޮށްލުމާއި އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ 178 ތުއްތުކުދިންނާއި މުދައްރިސުން ޝަހީދުކޮށްލުމާއި އީރާނުގެ ކައިވެނީގެ ޕާޓީއަކަށް ހަމަލާދީ އެތަށް ބަޔަކު ޝަހީދުކޮށްލުން ހިމެނެއެވެ. މީގެއިތުރުން ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިންވަނީ އީރާނުގެ ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށްވެސް ޓެރަރިސްޓް ހަމަލާތައްދީފައެވެ.

ޓްރަމްޕްވަނީ ވެނެޒުލާއާ ދެކޮޅަށްވެސް ކަނޑުފޭރުމުގެ އަމަލުތައް ހިންގައި އެގައުުގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް ހައްޔަރުކޮށްފައެވެ. ޓްރަމްޕަކީ ދުނިޔޭގއ އަމަނާއި ސުލްހައަށް ހުރި އެންމެ ނުރައްކާތެރި މީހާގެ ގޮތުގައި ހުޅަނގުގެ އާންމުންގެ މެދުގައިވެސް ދަނީ ސިފަކުރެވެމުންނެވެ.

comment ކޮމެންޓް