ފުރާވަރުގެ ކުދިން ސްނެޕްޗެޓް ބޭނުންކުރާ ވަގުތު ކަނޑައެޅުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށް ސްނެޕްޗެޓްގެ ވެރިޔާ އެވަން ސްޕީގަލް ބީބީސީއަށް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ އެހެން ކުންފުނިތަކުންވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމަށް މެޓާއިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ކެލިފޯނިއާގައި ހުންނަ ސްނެޕްޗެޓްގެ މައި އޮފީހުގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީގަލް ވިދާޅުވީ، ފުރާވަރު ކުދިން އެޕްގައި ހޭދަކުރެވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމަކީ މުޅި އިންޑަސްޓްރީއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ ތަންފީޒުކުރަން އެ ކުންފުނިން ވެސް ތައްޔާރަށް އޮތް ރަނގަޅު މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ.
މެޓާއިން އެހެން ކުންފުނިތަކަށް މިކަމުގައި ބާރުއަޅަމުންދަނީ، އެމެރިކާގެ ސްޓޭޓްތަކަކާއެކު އެ ކުންފުނިން ވެފައިވާ އެތައް ބިލިއަން ޑޮލަރެއްގެ ގާނޫނީ އެއްބަސްވުމެއްގެ ދަށުންނެވެ. އިންސްޓަގްރާމް އަދި ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއާ ދެކޮޅަށް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގެ އެޓާނީ ޖެނެރަލުން ވަނީ، އެ ކުންފުނީގެ އެޕްތަކަކީ ގަސްތުގައި ކުދިން އެއަށް ދެވިހިފާގޮތަށް ފަރުމާކޮށްފައިވާ އެޕްތަކެއްކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލައިގައި މެޓާއިން ވަނީ 12.7 ބިލިއަން ޑޮލަރު ދެއްކުމަށާއި، ފުރާވަރުގެ ކުދިންނަށް ދުވާލަކު 2 ގަޑިއިރުގެ ލިމިޓެއް ޑިފޯލްޓްކޮށް ކަނޑައެޅުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން ސްކޫލް ގަޑިތަކުގައި ނޮޓިފިކޭޝަންތައް މިއުޓްކުރުމާއި، ރޭގަނޑު ބްލޮކްކުރުން ފަދަ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިދިޔަ އޮގަސްޓް މަހު ވެވުނު އެއްބަސްވުމެއްގައި މެޓާއިން ބުނެފައިވަނީ، ޔޫޓިއުބް އަދި ޓިކްޓޮކުން ވެސް މިގޮތަށް އަމަލުކޮށްފިނަމަ، އިތުރަށް ހަރުކަށި ލިމިޓުތަކެއް ތައާރަފުކޮށް އިތުރު 5.3 ބިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ. 10 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ މި އެއްބަސްވުމުގައި މެޓާއިން ވަނީ އެއްވެސް ކުށެއް ކޮށްފައިވާކަމަށް އިންކާރުކޮށްފައެވެ.
ސްނެޕްޗެޓުން ވެސް މިފަދަ ބަދަލުތަކެއް ގެންނާނެކަމަށް އުއްމީދުކުރާކަމަށް މެޓާގެ ތަރުޖަމާނަކު މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ. މެޓާ، ޔޫޓިއުބް، ޓިކްޓޮކް އަދި ސްނެޕްޗެޓާ ދެކޮޅަށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ގުޅިގެން ގިނަ ދައުވާތަކެއް އުފުލިފައިވާއިރު، ސްނެޕްޗެޓް މެދުވެރިކޮށް ގާނޫނާ ޚިލާފަށް މަސްތުވާތަކެތި ވިއްކުމަށް މަގުފަހިކޮށްދޭކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.
ސްޕީގަލް ވިދާޅުވި ގޮތުގައި ޓައިމް ލިމިޓެއް ކަނޑައެޅުމާ މެދު ކުންފުނީގެ އެތެރޭގައި މަޝްވަރާކުރެވިފައި ވީނަމަވެސް، މިކަމަށް އަމަލުކުރަން ފަށާނެ ވަކި ތާރީޚެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް ސްނެޕްޗެޓްގެ "ފެމިލީ ސެންޓާ" ފީޗާ މެދުވެރިކޮށް ކުދިން އެޕް ބޭނުންކުރާގޮތް ބެލެނިވެރިންނަށް މިހާރުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، މި މައްސަލައިގެ ހައްލަކަށް ވުމަށް ކުންފުނިން މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މެޓާގެ މި ފިޔަވަޅުތަކާ ގުޅޭގޮތުން ގޫގުލް އިން ވަކި އެއްޗެއް ބުނަން ބޭނުންނުވާކަމަށް ބުނެފައިވާއިރު، ޓިކްޓޮކުން ވެސް ބީބީސީއަށް ޖަވާބެއް ދީފައެއް ނުވެއެވެ.
ސްޕީގަލް ބީބީސީއަށް އިންޓަވިއު ދެއްވާފައިވަނީ ސްނެޕްޗެޓްގެ ބެލެނިވެރި ކުންފުނިން ނެރުނު އައު "ސްޕެކްސް" ސްމާޓް އައިނުގެ ފީޗާތައް އިއުލާންކުރި ދަނޑިވަޅެއްގައެވެ. އެޕަލް އައިފޯނާއި މެކް ޑިވައިސްތަކާ ގުޅުވާލެވޭ މި ސްމާޓް އައިނަކީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މީހުންގެ އާދަކާދަތަކާއި ގުޅުންތައް ދެނެގަނެ، ކުރަންވީ ކަންކަން ލަފާދޭނެ އައިނެކެވެ. ޗެޓްބޮޓްތަކާ ޚިލާފަށް މިއިން އަމިއްލައަށް ކަންކަން ދެނެގަނެ ރެކޮމެންޑޭޝަންތައް ދޭނެކަމަށް ސްޕީގަލް ވިދާޅުވިއެވެ.
އެހެން ސްމާޓް އައިނުތަކެކޭ އެއްފަދައިން ސްޕެކްސް އިން ވެސް އޭއައި ބޭނުންކޮށްގެން އަސްލު ދުނިޔޭގެ މައްޗަށް ޑިޖިޓަލް މަންޒަރުތައް ދައްކުވައިދޭނެއެވެ. އެމެރިކާގައި 2,195 ޑޮލަރަށް އަދި އިނގިރޭސިވިލާތުގައި 1,995 ޕައުންޑަށް ވިއްކަން ހަމަޖެހިފައިވާ މި އައިނުގެ މިހާރުގެ އަމާޒަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކާއި ޑިވެލޮޕަރުން އަދި ވިޔަފާރިތަކެވެ.
މިއީ މެޓާގެ ކުއެސްޓް 3 ފަދަ ވީއާރް ހެޑްސެޓްތަކާއި އާދައިގެ ސްމާޓް އައިނުތަކާ ދެމެދުގެ އައު ކެޓަގަރީއެއްގެ އުފެއްދުމެއްކަމަށް ސްނެޕް އިން ބުނެއެވެ. 130 ގްރާމްގެ ލުއި މި އައިނަކީ 10 އަހަރު ކުރިން ނެރެ ނާކާމިޔާބުވި އެ ކުންފުނީގެ "ސްޕެކްޓަކަލްސް" އަށްފަހު، ސްނެޕް އިން ވެއަރަބަލް ޓެކްނޮލޮޖީއަށް ވަނުމަށް ކުރާ އައު މަސައްކަތެކެވެ. ކުރީގެ އައިނުގެ ސަބަބުން ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވެފައިވެއެވެ.
ސްނެޕްގެ މި އުފެއްދުން ބާޒާރަށް ނެރެފައިމިވަނީ، މާކެޓުގައި މިހާރު އެންމެ މަގުބޫލު މެޓާގެ ސްމާޓް އައިނު ބޭނުންކޮށްގެން ސިއްރުން އަންހެނުންގެ ވީޑިއޯކުރާ މައްސަލަތަކަކާ ގުޅިގެން މެޓާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ބައެއް މީހުން މިއަށް "ޕާވާޓް ގްލާސަސް" ގެ ނަމުން ނަންދީފައިވާއިރު، އެ އައިނު ބޭނުންކޮށްގެން ގޮނޑުދޮށުންނާއި އެހެނިހެން ތަންތަނުން މީހުންނަށް ނޭނގި ވީޑިއޯކޮށް، އެ ވީޑިއޯތައް އިންޓަނެޓުން ފުހެލުމަށް ފައިސާއަށް ޑިމާންޑްކޮށްފައިވާކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މެޓާއިން ބުނާގޮތުގައި އެ ކުންފުނީގެ 7 މިލިއަން ސްމާޓް އައިނު ވަނީ ވިކިފައެވެ.
ސްނެޕް އިން ބުނާގޮތުގައި ސްޕެކްސް އައިނުގައި މީހުން ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ބޭނުމެއް ނުކުރާނެއެވެ. އަދި ވީޑިއޯ ކުރާއިރު ނުވަތަ ފޮޓޯ ނަގާއިރު އައިނުގެ މަތީގައި ހުންނަ ހުދު ކުލައިގެ އަލިކަމެއް ދިއްލޭނެ ކަމަށާއި، އޭގެ ސަބަބުން ކައިރީގައި ތިބޭ މީހުންނަށް ރެކޯޑުކުރަމުންދާކަން އެނގޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މެޓާގެ އައިނުތަކުގައި ފޮޓޯ ނަގާކަން އަންގައިދޭ ލައިޓް ނިވާކުރުމަށް ބައެއް މީހުން މަސައްކަތްކުރި ނަމަވެސް، އެގޮތަށް ބަދަލުގެނެސްފައިވާ އެތައް ހާސް އައިނެއްގެ ކެމެރާ މެޓާއިން ވަނީ ރިމޯޓްކޮށް ޑިސްއޭބަލްކޮށްފައެވެ.