މެޓާގެ 'މިއުސް އޭއައި' އެޕަށް ކަސްޓަމައިޒް ކުރެވޭ 'ސްޕޭސަސް' ފީޗާ ތައާރަފުކޮށްފި

މި ފީޗާ ބޭނުންކޮށްގެން އިންސްޓަގްރާމާއި މާކެޓްޕްލޭސްއިން ސޭވްކުރާ ތަކެތި ހިމަނައިގެން ތަފާތު ކަންކަން ކުރެވޭނެ ---

މެޓާއިން އެ ކުންފުނީގެ 'މިއުސް އޭއައި' އެޕްލިކޭޝަނަށް "ސްޕޭސަސް"ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފިއެވެ. މި ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އެމީހުން ބޭނުންވާ މައުލޫމާތާއި ޝައުގުވެރިވާ ދާއިރާތަކަށް ހާއްސަކޮށްގެން އޭއައި ފީޑްތައް ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމެރިކާއާއި ކެނެޑާގައި މިހާރު ލިބެން ހުރި މިއުސް އޭއައި އެޕަށް މި ފީޗާ އިތުރުކޮށްފައިވަނީ، ވަގުތުން ވާހަކަދެއްކޭ "މިއުސް ވޮއިސް" ފީޗާ ތައާރަފުކުރުމަށް ފަހުގައެވެ.

ސްޕޭސަސް މެދުވެރިކޮށް އަމިއްލަ މަޝްރޫއުތަކާއި، ދުވަހީ ކަންކަމާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ބެލެހެއްޓުމުގެ އިތުރުން ޕްލޭނަރެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި އެޕްލިކޭޝަންގެ ސައިޑްބާ އަދި މެއިން ޓެބްތަކަށް މި ފީޑްތައް ބަދަލުކޮށް، އެވަގުތަކު އެންމެ މުހިންމު މައުލޫމާތެއް އިސްކޮށް ފެންނަން ހުންނާނެ ގޮތަށް އިންތިޒާމު ކުރެވޭނެއެވެ.

މެޓާއިން ބުނި ގޮތުގައި، ތަފާތު އެޕްލިކޭޝަންތައް ގުޅުވާލައިގެން ބެކްގްރައުންޑްގައި ފީޑްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓޭނެ ---

މި ފީޗާ ބޭނުންކޮށްގެން އިންސްޓަގްރާމާއި މާކެޓްޕްލޭސްއިން ސޭވްކުރާ ތަކެތި ހިމަނައިގެން ޝޮޕިން ހަބެއް ހެދުމާއި، ސުކޫލް އީމެއިލްތަކުން އިވެންޓްތައް ހޯދައި ކަލަންޑަރު ތައްޔާރުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކުގެ އޯޑަރުތައް ބެލެހެއްޓުމަށާއި، ފިލްމާއި މިއުޒިކް ނުވަތަ ކުޅިވަރަށް ހާއްސަ ގޭމްތައް އުފެއްދުމުގެ ގާބިލުކަންވެސް މީގައި ހިމެނެއެވެ.

މެޓާއިން ބުނި ގޮތުގައި، ތަފާތު އެޕްލިކޭޝަންތައް ގުޅުވާލައިގެން ބެކްގްރައުންޑްގައި ފީޑްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސްޕޭސްތައް އެހެން މީހުންނާ ހިއްސާކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މެޓާއިން އޭއައި ވަސީލަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 'މިއުސް އޭއައި' އެޕްލިކޭޝަނަށް "މިއުސް ވޮއިސް" ގެ ނަމުގައި ވަގުތުން އަޑުން މުއާމަލާތް ކުރެވޭ ފީޗާއެއްވެސް ދާދިފަހުން ވަނީ ތައާރަފުކޮށްފައެވެ. މައިކްރޯސޮފްޓާއި އޯޕަންއޭއައި އަދި ގޫގުލް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކާ ވާދައަށް މެޓާއިން އޭއައިގެ އާ ފީޗާތައް ތައާރަފުކުރަމުންދާއިރު، އެ ކުންފުނީގެ އަމާޒަކީ ބޭނުންކުރާ ފަރާތްތަކުގެ ދުވަހީ މަސައްކަތްތަކަށް ފަސޭހަކޮށްދޭ އޭޖެންޓިކް އޭއައި ވަސީލަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް