މެޓާގެ އާ އޭއައި އެޖެންޓް 'މިއުސް' އިން ޕްރައިވެޓް މެސެޖުތަކަށް ވަދެ، ނުބައި މައުލޫމާތު ފޯރުކޮށްދެނީ

މިއުސްގެ މިފަދަ ނުރައްކަލެއް ފެންމަތިވުމުންވެސް މެޓާއިން ބުނަނީ ރައްކާތެރިކަމަށް ސަމާލުކަން ދޭކަމަށް ---

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި މެޓާއިން ބޮޑު އުންމީދަކާއެކު ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓް 'މިއުސް' އިން، ބޭނުންކުރާ ފަރާތްތަކުގެ ހުއްދައާ ނުލައި އެންކްރިޕްޓްކޮށްފައިވާ ޕްރައިވެޓް މެސެޖުތަކަށް ވަދެ، އެހެން މީހުންގެ މައުލޫމާތު ކަމަށް ބެލެވޭ ވާހަކަތައް ފޮނުވަމުންދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ތައާރަފުކުރި ފަހުން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާ މި އެޕްލިކޭޝަންގެ ސަބަބުން، ޕްރައިވެސީއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ މެޓާގެ މުވައްޒަފުން ވަނީ ކުންފުނީގެ އެތެރޭގެ ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެޓާގެ މުވައްޒަފުން ހިއްސާކޮށްފައިވާ ޕޯސްޓުތަކާ ހަވާލާދީ ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 'ޖޮލީ' ނަމަކަށް ކިޔާ މަޖާ މެސްކޮޓެއްގެ ސިފައިގައި ފެންނަ މި އޭއައި ބޮޓުން ދަނީ ބޭނުންކުރާ ފަރާތްތަކުން ނުއަހާ ކަންކަމުގައި އިސްނަގައިގެން މެސެޖުތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި އެމީހުން ނުކުރާ ވިޔަފާރިތަކުގެ މައުލޫމާތާއި، ކެއާގިވިންގް ނުވަތަ ކުދިން ބެލެހެއްޓުމާ ގުޅޭ އެދުންތަކުގެ އިތުރުން އެހެން ބައެއްގެ ބޭންކު އެކައުންޓް ބެލެންސް ކަމަށް ބެލެވޭ އަދަދުތައް ވެސް ހިމެނެއެވެ.

މެޓާގެ އެއް މުވައްޒަފަކު ހިއްސާކޮށްފައިވާ ގޮތުގައި، މަސްވެރިކަމާ ގުޅޭ މޫސުމީ މައުލޫމާތު ހޯދުމަށް އޭނާ ކުރަމުންދިޔަ ޗެޓެއްގެ ތެރެއަށް ކުއްލިއަކަށް ވަދެ، އޭނާގެ ކެޕިޓަލް ވަން އަދި ޗާލްސް ޝްވާބް ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދު ކަމަށް ބުނެ ދެ އެކައުންޓެއްގެ ބެލެންސް މިއުސް އިން ވަނީ ދައްކާފައެވެ. އަދި އެހެން މުވައްޒަފަކު ބުނި ގޮތުގައި، އޭނާގެ ފޯނުގައި ބޭނުންކުރާ ރައްކާތެރި މެސެޖިންގ އެޕެއް ކަމަށްވާ 'ސިގްނަލް' އިން އޭނާގެ ދައްތަ ފޮނުވާފައި އޮތް މެސެޖަކަށް ޖަވާބު ދިނުމަށް މިއުސް އިން ވަނީ ހަނދާންކޮށްދީފައެވެ.

މި މައްސަލައާ ގުޅިގެން ރޮއިޓާސް އިން ވަނީ ސިގްނަލް އަދި އޭއައި ނައު އިންސްޓިޓިއުޓާ ގުޅިގެން ޓެސްޓުތަކެއް ކޮށްފައެވެ. އެ ޓެސްޓުތަކުން ދެއްކި ގޮތުގައި، އެންޑްރޮއިޑް ފޯނުތަކުގައި ފޯނުގެ ޕުޝް ނޮޓިފިކޭޝަންތަކަށް ވަނުމުގެ ހުއްދަ ބޭނުންކޮށްގެންނާއި، އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެކްސެސިބިލިޓީ އަދި ސްކްރީންޝޮޓް ޓޫލްތައް ބޭނުންކޮށްގެން، މިއުސް އިން ދަނީ އެހެން އެޕްތަކުގެ މެސެޖުތައް ކިޔަމުންނެވެ.

މީގެ އިތުރުން، ބައެއް ހާލަތްތަކުގައި މިއުސް އިން އަމިއްލައަށް މީހުންގެ ހުއްދައާ ނުލައި ވިޔަފާރިކޮށްފައިވާ ކަމަށްވެސް މުވައްޒަފުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެއް މުވައްޒަފެއްގެ ހުއްދައާ ނުލައި، ފައިސާ އަނބުރާ ނުލިބޭ ގޮތަށް އެއާބީއެންބީ އިން ތަނެއް ބުކް ކޮށްފައިވާ ކަމަށާއި، ބައެއް މުވައްޒަފުންނަށް އެހެން ބައެއްގެ ޗެޓުތަކުގެ ބައިތައް ފޮނުވާފައިވާ ކަމަށްވެސް އެތެރޭގެ ޕޯސްޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ސިގްނަލްގެ ރައީސް މެރެޑިތު ވިޓޭކާ ވަނީ މެޓާގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އަސާސީ ޕްރައިވެސީއާއި ސައިބާ ސެކިއުރިޓީއަށް އެއްވެސް އިހުތިރާމެއް ކުރުމެއް ނެތި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބާޒާރަށް ނެރެފައިވާ އުފެއްދުމެކެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އެޕަލް އިން ވަނީ މި ހަފްތާގައި އެ ކުންފުނީގެ އޮޕަރޭޓިން ސިސްޓަމަށް ބަދަލުތަކެއް ގެނެސް، މެކް ކޮމްޕިއުޓަރުތަކުގެ އެކްސެސިބިލިޓީ ޓޫލްތައް އޭއައި އެޖެންޓުންނަށް ބޭނުންކުރެވޭ މިންވަރު ހަނިކޮށްފައެވެ.

މެޓާގެ ތަރުޖަމާނު ޑެނިއަލް ރޮބަޓްސް ވިދާޅުވީ ރޮއިޓާސް އިން ފާހަގަކޮށްފައިވާ ކަންކަމަކީ މަދުން ނޫނީ ނުހިނގާ ހާދިސާތަކެއް ކަމަށާއި، އެހެން މީހުންގެ އެކައުންޓުތަކުގެ މައުލޫމާތު ކަމަށް ބެލެވޭ ގިނަ މެސެޖުތަކަކީ އޭއައި އިން އަމިއްލައަށް އުފައްދާ ދޮގު މައުލޫމާތު ނުވަތަ 'ހެލޫސިނޭޝަން' ކަމަށެވެ. އަދި ކުންފުނިން ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް