ހެނދުނު ހޭލާގޮތަށް ގިނައިން ފެންބުއިމަކީ ކޮންމެހެން މަޖުބޫރުކަމެއް ނޫން: ސިއްހީ މާހިރުން

ހެނދުނު ހޭލާ ގޮތަށް ގިނަ އަދަދަކަށް ފެން ބުއިމަކީ ކޮންމެހެން މަޖުބޫރުކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/މިޑްޑޭ

ހެނދުނު ހޭލާ ގޮތަށް ގިނަ އަދަދަކަށް ފެން ބުއިމަކީ ކޮންމެހެން މަޖުބޫރުކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދުވަހުގެ އެކި ވަގުތުތަކަށް ބަހާލައިގެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ މާ ފައިދާހުރި ގޮތެއް ކަމަށް އިންޑިއާގެ ކޮޗިންގެ އެސްޓަ މެޑްސިޓީގެ އިންޓާނަލް މެޑިސިން ކޮންސަލްޓަންޓް ޑރ. ވިނޯދު ޒޭވިއަ ވިދާޅުވެއްޖެއެވެ.

'އުނިކްރިޝްނަން އެސް'އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ވިނޯދު ފާހަގަކުރެއްވި ގޮތުގައި، ހެނދުނު ހޭލައިގެން ފެން ބުއިމާއި، ނިދުމާއި، ބަރުދަން ލުއިކުރުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ފެނުގެ ސަބަބުން ކުރާ އަސަރުތަކާ މެދު އާންމުންގެ މެދުގައި ހުރި ގިނަ ވިސްނުންތަކަކީ ސައިންޓިފިކް ހޯދުންތަކަށްވުރެ ބޮޑަށް، ފެތުރިފައިވާ ކުށްހީތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ.

ހެނދުނު ހޭލައިގެން ބޮޑު ފެންތަށްޓެއް ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އެއީ މަޖުބޫރު ކަމެއް ނޫން ނަމަވެސް، މެދުމިންވަރަކަށް ފެން ބުއިމަކީ ރޭގަނޑު ނިދާފައި އޮންނައިރު ހަށިގަނޑުން ފެން މަދުވާ މަދުވުމަށް ހައްލެއް ލިބޭނެ ކަމެކެވެ. އެހެންނަމަވެސް، ގަދަކަމުން ގިނަ އަދަދަކަށް ފެން ބޯން އަމިއްލަ ނަފްސަށް މަޖުބޫރުކުރަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފެނުގެ ހޫނުމިނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ވިނޯދު ވިދާޅުވީ، ފިނިފެން ނުވަތަ އާދައިގެ ކޮޓަރީގެ ހޫނުމިނުގައި ހުންނަ ފެން ބުއި ނަމަވެސް، ހަށިގަނޑަށް ފެން ދަމައިގަންނަ ދުވެއްޔަށް މާބޮޑު ތަފާތެއް ނާންނާނެ ކަމަށެވެ. އެހެނީ ބަނޑަށް ފެން ވާސިލުވުމުން ހަށިގަނޑުގެ ހޫނުމިނަށް އެ ފެން ބަދަލުވެގެންދާތީއެވެ. ނަމަވެސް ބޯން އެންމެ ފަސޭހައީ އާދައިގެ ހޫނުމިނުގައި ހުންނަ ފެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިދަން އޮށޯންނަން ކައިރިވެފައި ހުއްޓާ މާ ގިނައިން ފެން ބުއިމުގެ ބަދަލުގައި މުޅި ދުވަހަށް ބަހާލައިގެން ފެން ބުއިމަށް ޑޮކްޓަރުން އިރުޝާދުދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދުވާލު ފެން ބޯ މިންވަރު މަދުވުމަކީ އަނގަ ހިކުމާއި، ބޮލުގައި ރިއްސުން އަދި ކަރުހިއްކައިގެން ރޭގަނޑު ހޭލެވި ނިދީގެ ފެންވަރު ދަށްވާ ކަމެކެވެ. އަދި ނިދަން އޮށޯންނަން ކައިރިވެފައި ހުއްޓާ މާ ގިނައިން ފެން ބުއިމަކީ ކުޑަކަމުދާން ތެދުވަން ޖެހި ނިދި ހަރާބުވާނެ ކަމެކެވެ. އެހެންކަމުން އެންމެ އެދެވިގެން ވަނީ މުޅި ދުވަހަށް ބަހާލައިގެން ފެން ބުއިމެވެ.

ކެއުމުގެ ކުރިން ފެން ބުއިމުން ބަރުދަން ލުއިވާ ކަމަށް ބުނާ ވާހަކައަށް އަލިއަޅުއްވާލައްވަމުން ޑރ. ވިނޯދު ވިދާޅުވީ، މިއީ ސީދާ ސަރުބީ ވިރުވާލާ ނުވަތަ މެޓަބޮލިޒަމް އަވަސްކޮށްދޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކެއުމުގެ ކުރިން ފެން ބުއިމުން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވި، ކެވޭ މިންވަރު މަދުކުރުމަށް އެހީތެރިވެދެއެވެ.

އަދި ބައެއް ފަހަރު ކަރުހިއްކުމާއި ބަނޑުހައިވާ ކަމަށް ހީކުރެވޭ ހާލަތްތަކުގައި ވެސް ފެން ބުއިމުން އެކަން ދެނެގަނެވެއެވެ. އެހެންނަމަވެސް ކެއުމުގެ ތެރޭގައި މާ ގިނައިން ފެން ބުއިމަކީ ބަނޑު ފުއްޕައި އުނދަގޫތައް މެދުވެރިވެދާނެ ކަމެކެވެ.

ޕްލާސްޓިކް ފުޅީގައި ފެން ބުއިމާ ގުޅޭގޮތުން ޑރ. ވިނޯދު އިރުޝާދު ދެއްވީ، ހޫނުގަދަ ތަންތަނުގައި ގިނައިރު ވަންދެން ޕްލާސްޓިކް ފުޅި ނުބެހެއްޓުމަށެވެ. ސަބަބަކީ ހޫނުގެ ސަބަބުން ޕްލާސްޓިކްގެ ކެމިކަލްތައް ފެނުގެ ތެރެއަށް ވާސިލުވުމުގެ ފުރުސަތު އޮންނާތީއެވެ.

ނޭނގި ނަމަވެސް މަދު ފަހަރަކު މިފަދަ ފެނެއް ބޮވުމަކުން ސިއްހީ ބޮޑު ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށާއި، ހުރިހާ ޕްލާސްޓިކް ފުޅިއަކީ ހޫނުވުމުން ވިހަވާ އެއްޗެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކިޑްނީގައި ހިލައުފެދުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މިކަން މެދުވެރިވަނީ ހަށިގަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޑަކަމުދާ ތަކެތި 'ކޮންސެންޓްރޭޓް' ވެފައި ހުރުމުން ކަމަށެވެ.

ނިދުމުގެ ކުރިން ފެން ތަށްޓެއް ބުއިމަކީ ރޭގަނޑުގެ ވަގުތުތަކުގައި ކުޑަކަމުދާ ތަކެތީގެ ކޮންސެންޓްރޭޝަން ދަށްކޮށްދީ، ކެލްސިއަމް އަދި އޮކްސަލޭޓް ފަދަ މާއްދާތައް ގަނޑުވެ ހިލައަށް ބަދަލުވުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މިކަމުގައި ވެސް އެންމެ މުހިންމީ މުޅި ދުވަހު ބޯ ޖުމްލަ ފެނުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުމެވެ.

comment ކޮމެންޓް