ކޮންމެ ދުވަހަކު މޭކަޕް ކުރުމުން ލޮލަށް ގެއްލުން ލިބޭ ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް

މޭކަޕް ކުރުމުގައި ލޮލުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންކަން ހުންނަ ކަމަށް ކަމުގެ މާހިރުން ވިދާޅުވޭ--ފޮޓޯ/ފޭސްބުކް

ކޮންމެ ދުވަހަކު ލޮލުގައި މޭކަޕް ކުރުމުގެ ސަބަބުން އެސްފިޔަތަކުގެ ބުޑުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތައް ބެދިދާނެތޯއާއި، ލޮލުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ދާދިފަހުން ވަނީ ވާހަކަ ދައްކަވާފައެވެ.

މޭކަޕް ކުރުމުގައި އާއްމުކޮށް ބޭނުންކުރާ އައިލައިނަ، ކާޖަލް ނުވަތަ މަސްކަރާ ފަދަ ތަކެތި ކޮންމެ ދުވަހަކު ބޭނުންކުރުމަކީ އެސްފިޔަތަކުގައި ހުންނަ ކުދިކުދި ތެޔޮ ގްލޭންޑްތައް ބެދުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. އަދި އާންމުކޮށް ލޮލުގައި ކުރާ މޭކަޕްގެ ސަބަބުން ލޮލުގެ ފެނުމަށާއި ދުޅަހެޔޮކަމަށް ލިބިދާނެ ގެއްލުމާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

ނަމަވެސް، ލޮލުގެ ޚާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައްސަލައަކީ ހަމައެކަނި މޭކަޕް ކުރުމެއް ނޫނެވެ. މައިގަނޑު މައްސަލަ ގުޅިފައިވަނީ މޭކަޕް ބޭނުންކުރާ ގޮތާއި، މޭކަޕް ފޮހެލުމުގައި ގެންގުޅޭ އާދަތަކުގެ އިތުރުން ލޮލުގެ ސާފުތާހިރުކަމަށް ދެވޭ ސަމާލުކަމާއެވެ.

ނިދުމުގެ ކުރިން މޭކަޕް އެއްކޮށް ސާފުނުކޮށްފިނަމަ، ހަންގަނޑުގެ ބޯވަޅުތައް ބެދި، އޮށާޅަ ނެގުމާއި ތަފާތު އިންފެކްޝަންތަކަށް މަގުފަހިވާ ކަމަށް ސިއްހީ މާހިރުން އިރުޝާދުދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިކަމާ ގުޅޭގޮތުން ޔަޝޯދާ ހޮސްޕިޓަލްސްގެ ސީނިއަ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓް ޑރ. ބާނޫ ޕްރަކާޝް އެމް ވިދާޅުވީ، ކޮންމެ ދުވަހަކު މޭކަޕް ކުރި ނަމަވެސް، ހުރިހާ ހާލަތެއްގައި ތެޔޮ ގްލޭންޑްތައް ނުބެދޭނެ ކަމަށެވެ. އެހެންނަމަވެސް، އެސްފިޔަތަކާ މާ ކައިރިން މޭކަޕް ކުރުމާއި، ރަނގަޅަށް މޭކަޕް ފިލުވައިނުލުމާއި، ނުވަތަ މާ ބޮޑަށް ތެޔޮ އެކުލެވޭ ކްލެންސަ ބޭނުންކުރުމަކީ 'މައިބޯމިއަން ގްލޭންޑް' ބެދުމަށާއި ލޯ ހިކުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

މީގެއިތުރުން، މޭކަޕް އާޓިސްޓުން ވެސް ފާހަގަކުރާ ގޮތުގައި ބޭނުންކުރާ ސާމާނުގެ ފެންވަރާއި މޭކަޕް ބޭނުންކުރުމަށްފަހު އަމަލުކުރާ ގޮތަކީ ނުހަނު މުހިންމު ކަމެކެވެ.

މޭކަޕް އާޓިސްޓް ކިރަން ވޭދު ކިޔައިދިން ގޮތުގައި، ލޯ ފަދަ ނާޒުކު ގުނަވަންތަކަށް ޚާއްސަކޮށް އުފައްދާފައިވާ ރަނގަޅު ފެންވަރުގެ ތަކެތި ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ނިދުމުގެ ކުރިން މޭކަޕް އެއްކޮށް ސާފުނުކޮށްފިނަމަ، ހަންގަނޑުގެ ލޯވަޅުތައް ބެދި، އޮށާޅަ ނެގުމާއި ތަފާތު އިންފެކްޝަންތަކަށް މަގުފަހިވެއެވެ.

ޑރ. ބާނޫ ތަފުސީލުކޮށްދެއްވި ގޮތުގައި، 'މައިބޯމިއަން ގްލޭންޑް' ތަކަކީ ލޮލުގެ ކަރުނަ އަވަހަށް ހިކިގެން ދިޔަނުދީ ހިފަހައްޓައިދޭ ތެޔޮ ފަށަލަ އުފައްދައިދޭ ގްލޭންޑްތަކެކެވެ. މި ގްލޭންޑްތައް ބެދިއްޖެނަމަ ލޯ ހިކުމާއި، ދިލަނެގުމާއި، ލޮލަށް އެއްޗެއް އެޅިފައި ހުންނަ ފަދަ އިހުސާސެއް ވުމުގެ އިތުރުން ލޯ ރަތްވުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ.

މިފަދަ ގްލޭންޑްތައް ބެދުމަކީ ހަމައެކަނި މޭކަޕް ކުރުމުން ދިމާވާ ކަމެއް ނޫން ކަމަށްވެސް މާހިރުން ވިދާޅުވެއެވެ. އާންމުކޮށް ލޯ ހިކޭ މީހުންނާއި، ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ވެސް މި މައްސަލަ ދިމާވެއެވެ. އަދި ރައްކާތެރި ނޫން ގޮތުގައި މޭކަޕް ކުރުމަކީ މި ހާލަތު އިތުރަށް ގޯސްވާ ކަމެކެވެ.

މޭކަޕް ކުރަން ގެންގުޅޭ ފިހިތަކާއި ސްޕޮންޖުތައް ރަނގަޅަށް ސާފުކޮށް ދޮވުމަކީ ވަރަށް މުހިއްމު ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހަމައެހެންމެ، މޭކަޕް ކުރަން ގެންގުޅޭ ފިހިތަކާއި ސްޕޮންޖުތަކަކީ ފަސޭހައިން ޖަރާސީމާއި ފަންގަސް އަށަގަންނަ ތަކެތި ކަމަށްވާތީ، މަދުވެގެން ހަފުތާއަކު އެއްފަހަރު އެ ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލޮލުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭންވީ މުހިންމު ކަންތައްތައް:

- އެސްފިޔަތަކުގެ އެތެރޭ ކައިރީގައި (ވޯޓަލައިންގައި) މޭކަޕް ނުކުރުން.
- މޭކަޕް ސާމާނު އެހެން މީހުންނާ ހިއްސާ ނުކުރުން.
- މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުން ނުކުރުން.
- "ޑަބަލް ކްލެންސިންގް" އުސޫލުން މޭކަޕް ސާފުކުރުން

ލޮލުގެ ތެޔޮ ގްލޭންޑެއް ބެދިއްޖެނަމަ، ކުރީކޮޅުގައި ހޫނު ފެންފޮތި އެޅުމާއި މަޑުމަޑުން އެސްފިޔަގަނޑު މަސާޖުކޮށްދީގެން އެކަން ރަނގަޅު ކުރެވިދާނެއެވެ. އޮޕަރޭޝަނެއް ކުރަން ޖެހެނީ އާދައިގެ ފަރުވާއިން ރަނގަޅުނުވެ، ނުވަތަ ފެނުމަށް އަސަރުކުރާ ހިސާބަށް ކަންކަން ގޯސްވުމުންނެވެ.

ޚުލާސާކޮށް ދަންނަވާނަމަ، މޭކަޕް ކުރުމަކީ އޭގެ ޒާތުގައި ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ފެންވަރު ރަނގަޅު އުފެއްދުންތައް ބޭނުންކުރުމާއި، ސާފުތާހިރުކަމުގެ ރަނގަޅު އާދަތައް ދެމެހެއްޓުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު