ޕާކިންސަން ބަލި ތަހައްމަލުކުރާ ގިނަ ފަރާތްތަކުން ބަލީގެ ކުރީކޮޅު، އެކަމަށް ހާއްސަ ބޭސް ބޭނުންކޮށްގެން ބަލީގެ އަލާމާތްތައް ކޮންޓްރޯލް ކުރެއެވެ.
ނަމަވެސް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ބޭހުގެ އަސަރު މާ ގިނައިރު ވަންދެން ނުހުންނަކަން ބައެއް ބަލިމީހުންނަށް ފާހަގަކުރެވެން ފަށައެވެ. މިގޮތުން ދެން ބޭސް ކާންޖެހޭ ގަޑި ޖެހުމުގެ ކުރިން އަތް ތުރުތުރުލުމާއި، ހަށިގަނޑު ހަރުވުމާއި، ހަރަކާތްތައް ލަސްވުން ނުވަތަ ހިނގާބިނގާވެ އުޅުމަށް ދަތިވުން ފަދަ ކަންކަން އަލުން ފެންނަން ފަށައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން އަވަސް އަވަހަށް ބޭސް ކާންޖެހި، ބަލީގެ އުނދަގޫތައް ތަހައްމަލުކުރަންޖެހޭ ވަގުތުތައް އިތުރުވެއެވެ. ނިއުރޮލޮޖީ ދާއިރާގެ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާ އެކު، ބަލީގެ ފަހު މަރުހަލާގައިވާ ބައެއް ބަލިމީހުންގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ލެވޮޑޯޕާ އިންފިއުޝަން ޕަމްޕް ތެރަޕީ ބޭނުންކުރެވިދާނެ ކަމަށް އަލަމް ސުޓޭރާ އަދި ސެންޓުލް ހޮސްޕިޓަލްގެ ނިއުރޮލޮޖީ ސްޕެޝަލިސްޓް ޑރ. ގްލޯރިއާ ތަންޖުންގް ވިދާޅުވެއެވެ.

ޕާކިންސަންސް ބަލީގެ ފަހު މަރުހަލާއަށް އޮތް އާ ފަރުވާއަކީ ލެވޮޑޯޕާ އިންފިއުޝަން ޕަމްޕް ނުވަތަ ލެވޮޑޯޕާ-ކާބިޑޯޕާ އިންޓެސްޓިނަލް ޖެލް (އެލްސީއައިޖީ) ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ
ޕާކިންސަންސް ބައްޔަކީ ސިކުނޑީގައި "ޑޯޕަމައިން" އުފައްދައިދޭ ނާރުތަކުގެ ސެލްތައް މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑޯޕަމައިން އަކީ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
ބަލީގެ ކުރީކޮޅު އާންމުކޮށް ބޭހުން ބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް، ފަހު މަރުހަލާގައި ބައެއް ބަލިމީހުންނަށް "މޯޓާ ފްލަކްޗުއޭޝަންސް" ނުވަތަ ބޭހުގެ އަސަރު އެއްވަރެއްގައި ނުހިފޭ ހާލަތަކާ ކުރިމަތިލާންޖެހެއެވެ.
ޑރ. ގްލޯރިއާ ތަންޖުންގް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބަލިމީހުންނަށް ދިމާވެދާނެ ބައެއް ކަންކަމުގެތެރޭ، ބޭސް ކާންޖެހޭ ވަގުތު ޖެހުމުގެ ކުރިން ބަލީގެ އަލާމާތްތައް އަލުން ފެންނަން ފެށުން، ގިނަ ދުވަސްތަކެއް ވަންދެން ލެވޮޑޯޕާ ބޭނުންކުރުމުގެ ސަބަބުން، ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލުން ނެއްޓުން، ހިނގަން އުނދަގޫވުން ނުވަތަ ހިނގަމުން ދަނިކޮށް ކުއްލިއަކަށް ހަށިގަނޑު ގަނޑުވާގޮތްވުން އަދި ގަވާއިދުން ބޭސް ކެއި ނަމަވެސް، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުން ހިމެނެއެވެ.
މި ހާލަތަށް އައިނަމަވެސް ބޭހުގެ އަސަރު ކެނޑުނީއެއް ނޫން ކަމަށާއި ނަމަވެސް، މިއީ ހަށިގަނޑަށް ބޭސް ފޯރުކޮށްދޭނެ މިއަށްވުރެ ހަރުދަނާ އަދި އެއްވަރެއްގައި ހިފެހެއްޓޭނެ ނިޒާމެއް ބޭނުންވާކަމުގެ ނިޝާނެއް ކަމަށް ޑރ. ގްލޯރިއާ ތަންޖުންގް ވިދާޅުވެއެވެ.
އެހެންކަމުން ޕާކިންސަންސް ބަލީގެ ފަހު މަރުހަލާއަށް އޮތް އާ ފަރުވާއަކީ ލެވޮޑޯޕާ އިންފިއުޝަން ޕަމްޕް ނުވަތަ ލެވޮޑޯޕާ-ކާބިޑޯޕާ އިންޓެސްޓިނަލް ޖެލް (އެލްސީއައިޖީ) ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ދުވާލަކު އެތައް ފަހަރަކު ބޭނުންކުރާ ބޭސްތަކާ ހިލާފަށް، މި ފަރުވާގައި ކުޑަ، އަތްމަތީ އިންފިއުޝަން ޕަމްޕެއް ބޭނުންކޮށްގެން މެދުނުކެނޑި ހަށިގަނޑަށް ލެވޮޑޯޕާ ފޯރުކޮށްދެއެވެ. މި ބޭސް ފޯރުކޮށްދެނީ ކުޑަގޮހޮރާ ގުޅާލެވިފައިވާ ހާއްސަ ހޮޅިއެއް މެދުވެރިކޮށެވެ. މީގެ ސަބަބުން ބޭސް ހަށިގަނޑަށް އެއްވަރެއްގައި ދަމައިގަތުމަށް މަގުފަހިވެއެވެ.
ހަށިގަނޑުގައި ބޭހުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓޭތީ، ބަލީގެ ފަހު މަރުހަލާގައި ފެންނަ އަލާމާތްތައް ބަދަލުވުން ނުވަތަ "ފްލަކްޗުއޭޝަންސް" މަދުކުރުމަށް މި ފަރުވާ އެހީތެރިވެދެއެވެ.
ލެވޮޑޯޕާ އިންފިއުޝަން ޕަމްޕް ތެރަޕީގެ ފަރުވާއަށް ޝަރުތު ހަމަވާ ބަލިމީހުންނަށް ލިބޭ ބައެއް ފައިދާތަކުގެތެރޭ، ބޭހުގެ އަސަރު އެންމެ ފުރިހަމައަށް ނުކުރާ ވަގުތުތައް މަދުކޮށްދިނުން، ހަށިގަނޑުގެ ހަރަކާތްތައް ރަނގަޅަށް ހުންނަ ވަގުތު އިތުރުކޮށްދިނުން، ހަށިގަނޑު ހަރުވުމާއި، ތުރުތުރުލުމާއި، ހަރަކާތްތައް ލަސްވުން ކުޑަކޮށްދިނުން، ދުވާލަކު އެތައް ފަހަރަކު ބޭސް ކާންޖެހޭ މިންވަރު މަދުކޮށްދިނުން އަދި އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަން އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން ހިމެނެއެވެ.
މި ފަރުވާއިން ކުރާ އަސަރު ކޮންމެ ބަލިމީހަކަށް ތަފާތުވެދާނެތީ، ޑޮކްޓަރެއްގެ ލަފާގެ މަތިން ގަވާއިދުން މިކަން ބަލަންޖެހޭނެ ކަމަށް ޑރ. ގްލޯރިއާ ތަންޖުންގް ވިދާޅުވެއެވެ.

ޕާކިންސަން ބަލި ތަހައްމަލުކުރަމުންދާ ބަލި މީހަކާ އެކު ޑޮކްޓަރުންގެ ޓީމަކުން މަޝްވަރާކުރަނީ--ފޮޓޯ/އީއެމްސީ
ލެވޮޑޯޕާ އިންފިއުޝަން ޕަމްޕަކީ ބަލީގެ ކުރީކޮޅު ދޭ ފަރުވާއެއް ނޫނެވެ. އަދި މި ފަރުވާ އަކީ ހުރިހާ ބަލިމީހުންނަށް ޑޮކްޓަރުން ރިކޮމެންޑްކުރާ ފަރުވާއެއްވެސް ނޫނެވެ. އާންމުކޮށް މި ފަރުވާ ބޭނުންކުރެވެނީ ލެވޮޑޯޕާ ބޭހަށް އަދިވެސް ހަށިގަނޑު އިޖާބަދޭ، ނަމަވެސް ކާން ބޭނުންކުރާ ބޭހުން ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭ ބަލީގެ ފަހު މަރުހަލާގެ ބަލިމީހުންނަށެވެ.
މި ފަރުވާ ކުރިއަށް ގެންދިއުމުގެ ކުރިން، ޑޮކްޓަރު ބަލިމީހާގެ ސިއްހީ ހާލަތާއި، ހޮޅި ލެއްވުމުގެ އޮޕަރޭޝަން ކުރެވޭނެ ގާބިލުކަމާއި، އާއިލާގެ އެހީތެރިކަން ލިބޭނެ މިންވަރު ވަޒަންކުރާނެއެވެ.
އާއިލާގެ މެންބަރަކު ޕާކިންސަން ބަލި ތަހައްމަލުކުރަމުންދާއިރު، ގަވާއިދުން ބޭސްކޮށްގެންވެސް އަލާމާތްތައް ކޮންޓްރޯލް ކުރަން އުނދަގޫވާނަމަ، ލަސްނުކުރައްވައި ނިއުރޮލޮޖިސްޓެއްގެ ލަފާ ހޯއްދެވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
ހާއްސަކޮށް 'މޫވްމަންޓް ޑިސްއޯޑާސް'އަށް ހާއްސަ ޑޮކްޓަރަކަށް ދެއްކެވުން މުހިންމެވެ. ބަލިމީހާ ބެއްލެވުމަށްފަހު، ލެވޮޑޯޕާ އިންފިއުޝަން ޕަމްޕް ތެރަޕީ އަކީ އެންމެ އެކަށީގެންވާ ފަރުވާތޯ ނިންމަވާނީ ކަމުގެ ހާއްސަ ސިއްހީ މާހިރުންނެވެ.