ގިނަފަހަރަށް ދުޅަހެޔޮކަން ސިފަކުރެވެނީ ކޮންމެވެސް ފީއެއް ދައްކައިގެން ނުވަތަ އަގުބޮޑު ބޭސްތަކަކާއި ހަރުކަށި ތާވަލުތަކަކަށް ބަރޯސާވެގެން ހޯދޭ އެއްޗެއްގެ ގޮތުގައެވެ.
ނަމަވެސް، އެއްވެސް ޚަރަދަކާ ނުލައި ރަނގަޅު ސިއްހަތެއް ބިނާކުރެވިދާނެ ކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެވަޑައިގަންނަވައެވެ. ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އިސްކަންދޭ އުސޫލަކަށް ރުޖޫއަވުމަކީ ވެސް ފަސޭހަކަމެއްގެ ގޮތުގައި ޑޮކްޓަރުން ސިފަކުރައްވައެވެ.
ދުވަހުން ދުވަހަށް ކުރެވޭ އާދައިގެ ކަންކަމުން ޖިސްމާނީ ދުޅަހެޔޮކަމަށް ހަގީގީ ބަދަލެއް އަތުވެދާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން، އެޕޯލޯ ހޮސްޕިޓަލްސްގެ އިންޓާނަލް މެޑިސިންގް ކޮންސަލްޓަންޓް ޑރ. ހޭމަންތު ޗިރުމަމިއްލާ ވިދާޅުވީ، ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އަބަދު އަގުބޮޑު ޕްރޮގްރާމްތަކެއް ބޭނުމެއް ނުވާ ކަމަށެވެ.
އެގޮތުން ހިނގުމަކީ ހިތުގެ ދުޅަހެޔޮކަމަށާއި، ހަށިގަނޑުގެ ހަރަކާތްތެރިކަމަށް އަދި ނަފްސާނީ އުފާވެރިކަމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ. އަދި އެކަށީގެންވާ ނިދި ލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށާއި، ހަނދާން ގަދަކުރުމަށާއި މެޓަބޮލިޒަމަށް އެހީތެރިވެދޭ ކަމެއް ކަމަށް ޑރ. ހޭމަންތު ވިދާޅުވެއެވެ.

ދުވަހުން ދުވަހަށް ކުރެވޭ އާދައިގެ ކަންކަމުން ޖިސްމާނީ ދުޅަހެޔޮކަމަށް ހަގީގީ ބަދަލުތަކެއް އަންނާނެ ކަމަށް ކަމުގެ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މީގެއިތުރުން ގަވާއިދުން ފެން ބުއިމާއި ކަނޑައެޅިފައިވާ ދުވަހުގެ ތާވަލަކަށް އަމަލުކުރުމަކީ ހަކަތަ އިތުރުވެ، ނަފްސާނީ ހަމަޖެހުން ލިބޭނެ ކަމެއް ކަމަށާއި ގަވާއިދުން ކުރެވޭ މިފަދަ ކުދިކުދި އާދަތަކުން މުޅި ސިއްހަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމުގައި ވެސް ހިނގަނީ މިފަދަ އުސޫލުތަކެއް ކަމަށް ވިދާޅުވެ، އާޝާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ. އެމް.އެސް ރެޑީ ފާހަގަކުރެއްވި ގޮތުގައި، ބާރަށް ހިނގާލުމާއި، އިރުގެ އަލި ބޭނުންކުރުމާއި، ރަހުމަތްތެރިންނާ ގުޅުން ބޭއްވުމާއި، އަދި ނިދުމުގެ ވަގުތުތައް އެއްގޮތަކަށް ހިފެހެއްޓުމަކީ ހަށިގަނޑުގައި ސެރޮޓޯނިން އަދި އެންޑޯފިން ފަދަ ނިއުރޯކެމިކަލްތައް އުފައްދައިދޭ ކަންކަމެވެ.
ދިރާސާތަކުން ދައްކާގޮތުގައި މިފަދަ އާދަތަކުގެ ސަބަބުން ކޯޓިޒޯލް ލެވެލް ކޮންޓްރޯލްކޮށް، ހާސްކަން ކުޑަކޮށްދީ، ނަފްސާނީ ދިފާއީ ބާރު ގަދަކޮށްދެއެވެ.
މިއީ އާދައިގެ ކަންކަމުގެ ގޮތުގައި ފެނުނަސް، ނަފްސާނީ ދުޅަހެޔޮކަމުގެ އަސާސަކީ މިއީ ކަމަށް ދިރާސާތަކުން ހާމަކޮށްދީފައިވާ ކަމަށް ޑރ. ރެޑީ ފާހަގަކުރައްވައެވެ. މިއީ އެއްވެސް ޚަރަދަކާ ނުލައި، ކުލިނިކަލް ފަރުވާތަކާ އެއްވަރުގެ ނަތީޖާ ލިބޭނެ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޑރ. ހޭމަންތު ތަފްސީލުކޮށްދެއްވި ގޮތުގައި، ވަރަށް ގިނަ މީހުން ޑިޓޮކްސް ބުއިންތަކަށާއި، އަގުބޮޑު ސަޕްލިމެންޓްތަކަށާއި، ޖިމް މެމްބަޝިޕްތަކަށް ބޮޑެތި ޚަރަދުތައް ކުރެއެވެ. ނަމަވެސް ހިނގުމާއި، ގޭގައި ކުރެވޭ ކަސްރަތާއި، ގޭގައި ތައްޔާރުކުރާ ސިއްހީ ކާނާ އަދި އެކަށީގެންވާ ނިދި ލިބުމަކީ އޭގެ ބަދަލުގައި ކުރެވިދާނެ މާ ފައިދާހުރި ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މުހިންމީ އަގުބޮޑު ތަކެތި ގަތުމުގެ ބަދަލުގައި ގަވާއިދުން އެ ކަންކަން ކުރުން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ސޯޝަލް މީޑިއާގެ ސަބަބުން، ނަފްސާނީ ހަމަޖެހުމަށްޓަކައި އަގުބޮޑު އެޕްތަކާއި ކްލާސްތައް ބޭނުންވާކަމަށް ގިނަބަޔަކަށް ގަބޫލުކުރެވޭ. ނަމަވެސް މިއީ އިންސާނީ އަސާސީ ބޭނުންތައް ވިޔަފާރިއަކަށް ހެދުން. ވަޒީފާގެ ސްޓްރެސް ނުވަތަ ވަރުބަލިކަން ފިލުވުމަށް ކޮންމެހެން އަގުބޮޑު ޕެކޭޖުތަކެއް ބޭނުމެއް ނުވޭ،" ނަފްސާނީ ދުޅަހެޔޮކަން ވެސް މިހާރު ވިޔަފާރިއަކަށް ހަދާފައިވާކަން ފާހަގަކުރައްވަމުން ޑރ. ރެޑީ ވިދާޅުވެފައިވެއެވެ.
ކާނާގެ ބައިން ބަލާއިރު، ސަޕްލިމެންޓްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ނޫންކަން ޑރ. ހޭމަންތު ފާހަގަކުރެއްވިއެވެ. ދުޅަހެޔޮ މީހަކަށް ހަމަހަމަ ކާނާއަކުން ހުރިހާ މާއްދާއެއް ލިބޭނެ ކަމަށާއި ސަޕްލިމެންޓް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން އުނިކަމެއް ހުރިނަމަ ކަމަށް އޭނާ ވިދާޅުވެއެވެ.
ހަށިގަނޑުން ބޭކާރު މާއްދާތައް ބޭރުކުރުމަށް ފުރަމޭ އަދި ކިޑްނީގެ ނިޒާމު ގުދުރަތީ ގޮތުން މަސައްކަތްކުރާއިރު، ޑިޓޮކްސް ބުއިންތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ނޫންކަމަށް ވެސް ޑރ. ހޭމަންތު ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ރެޑީ ވިދާޅުވި ގޮތުގައި، ފުންކޮށް ނޭވާލުމުގެ ކަސްރަތާއި، ހެނދުނު 20 މިނެޓު ހިނގާލުމާއި، ހާސްވާ ކަންކަން ކަރުދާހުގައި ލިޔުމަކީ ވަގުތުން ހަމަޖެހުން ލިބޭނެ ކަންކަމެވެ. އަދި ނިދުމުގެ ކުރިން ފޯނާ ދުރުވުމާއި ގާތް ރަހުމަތްތެރިއަކާ ވާހަކަދައްކާލުމަކީ ވެސް މާބޮޑު ޚަރަދަކާ ނުލައި ފަސޭހައިން ކުރެވިދާނެ ކަންކަން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިފަދަ ކުދިކުދި އާދަތަކުން ނަފްސާނީ އަދި ޖިސްމާނީ ދުޅަޔެކަމަށް ބޮޑެތި ފައިދާތައްކުރާއިރު، އެކަންކަމަށް މާބޮޑު ޚަރަދުތައް ކުރުމަކީ ހަގީގަތުގައި ބޭނުންކަމެއް ނޫން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.