ޓީވީ މޯލްޑިވްސްއިން 1980 ގެ އަހަރުތަކުގައި އުފައްދާ ޢާންމުކުރި ޓީވީ ޑްރާމާ "ހަންޑި ގަނޑުވަރު ދޮންކަމަނަ" އަކީ އެ ދުވަސްވަރު ދިވެހީންގެ މެދުގައި ވަރަށް މަޝްހޫރުވި މޮޅު ޑްރާމާއެކެވެ. ކަށިމާ އަޙްމަދު ޝާކިރާއި މަރިޔަމް ޢަލީ މުހިއްމު ރޯލުތައް ކުޅުނު މި ޑްރާމާއަކީ ކާށިދޫގައި އިހު ޒަމާނުގައި ހިނގައިދިޔަކަމަށް ބުނާ އާދަޔާ ޚިލާފު ހާދިސާއަކާ ގުޅޭގޮތުން ތުންތުންމަތިން ދެކެވެމުން އައި ވާހަކަތަކުގެ މައްޗަށް ލިޔެ ތައްޔާރުކުރި ޑްރާމާއެކެވެ.
އެ ޑްރާމާގައި، ކާށިދޫ ވަލުތެރެއިން އެ ރަށު ދޮން އަހައްމަދަށް ދިމާވާ ރީތި އަންހެނަކާ ކައިވެނިކޮށްގެން ތިން ކުދިން ލިބޭ އިރު ވެސް އެ އަހެނާއަކީ ހަންޑިއެއްކަމެއް ދޮން އަހައްމަދު ނުދެނަހުއްޓެވެ. ނަމަވެސް 12 އަހަރު ފަހުން އެ ރަށަށް ދަތުރުވަރެއްގައި ޒިޔާރަތްކުރާ ތަކުރުފާނަކަށް އެކަން އެނގިގެން ފަންޑިތަ ހަދައި އެ ދެމަފިރިން ދުރުކުރެއެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "އަރާމަގު ދޮންކަމަނަ" ފިލްމުގެ ތެރެއިން --..
އެއީ ދިވެހީންގެ ހަނދާނުގައި މިހާރު ވެސް ބިންވަޅު ނެގިފައިވާ ޝައުގުވެރި ޑްރާމާއެކެވެ. ނަމަވެސް މިހާރު މި ފިލްމު ބަލައިލެވޭނެ ގޮތެއް ނެތެވެ. އެއްވެސް މަންސައެއްގައި މި ޑްރާމާ ފެންނާކަށް ނެތެވެ.
މި ވާހަކަ އަސްލަކަށް ބަލައިގެން ދޮން އަހައްމަދާއި ދޮންކަމަނަގެ ލޯބީގެ ވާހަކައިގެ ހަނދާންތައް އަނެއްކާވެސް އާ ކޮށްދީފައި މިވަނީ، އޭއައި ވީޑިއޯތައް އުފެއްދުމުގައި މަޝްހޫރު އަޙްމަދު މުޙައްމަދު ދީދީ (އަހަންމާ) އެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "އަރާމަގު ދޮންކަމަނަ" ފިލްމުގެ ތެރެއިން --
ރޭ ޔޫޓިއުބްގައި ޢާންމުކުރި "އަރާމަގު ދޮންކަމަނަ" އަކީ ހަންޑިއަކާއި އިންސާނަކާ ގުޅިގެން ހަޔާތެއް ވޭތުކުރި ގޮތް، ހަތާވީހަކަށް މިނެޓްގެ ތެރޭގައި ވަރަށް ފުރިހަމައަށް ދައްކުވައިދިން ކުރު ފިލްމެކެވެ. މި ފިލްމުގައި ވެސް ދައްކުވައިދީފައިވަނީ ކުރީގެ ވީޑިއޯ ފިލްމުގައި ފެނުނު ވާހަކައެވެ. ނަމަވެސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވަރަށް ޝައުގުވެރި ގޮތަކަށެވެ.
މި ފިލްމުގައި ކެރެކްޓާތައް ދައްކުވައިދިނުމަށް ކޮށްފައިވާ މަސައްކަތާއި މާހައުލު ސިފަކޮށްދިނުމަށް އަހަންމާ ކޮށްފައިވާ މަސައްކަތް ވަރަށް ފާހަގަކުރެވެއެވެ. ވާހަކަ ކިޔައިދިނުމާއި ބޭނުންކޮށްފައި ހުރި މިޔުޒިކް، އަދި ސިފަކުރުމާއި ހުށަހެޅުން ވެސް އެހާމެ މޮޅެވެ. އޭއައި އިން ކޮންމެ މަންޒަރެއް އުފެއްދުމަށް ހޭދަކޮށްފައިވާ ވަގުތާއި ކޮށްފައިވާ މަސައްކަތަށް ތަޢުރީފު ހައްގެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "އަރާމަގު ދޮންކަމަނަ" ފިލްމުގެ ތެރެއިން --
މި ވާހަކައަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލުވި ވާހަކައަކަށް ވެފައި، ދިވެހީންނަށް ކުރީގެ ފިލްމު މިހާރު ބަލައިލުމުގެ ފުރުޞަތު ނެތި އޮއްވައި، އަލުން މިފަދަ ފިލްމެއް އޭއައިއިން އުފައްދާ ވުޖޫދުކުރެވުނުކަމީ، މި ޝައުގުވެރި ވާހަކަ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަހަންމާ ކުރި މުހިއްމު މަސައްކަތެކެވެ.
އަޙްމަދު "ސަން"އަށް ކިޔައިދިން ގޮތުގައި މިއިން ކޮންމެ ފިލްމެއް އުފެއްދުމަށް ދިރާސާކުރުމަށާއި ސްކްރިޕްޓް ލިޔުމަށް ވަރަށް ގިނަ ދުވަސް ހޭދަވެއެވެ. އަދި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް މަޢުލޫމާތު ހޯދުމުގައި ވަގުތު ހޭދަކުރަންޖެހެއެވެ. މީގެ އިތުރުން މިއިން ކޮންމެ މަންޒަރެއް އުފައްދަނީ ވަރަށް ތަފުސީލުކޮށް ޕްރޮމްޕްޓް ލިޔެގެން، އެންމެ އެދެވޭގޮތަށް މަންޒަރު ނުލިބިއްޖެނަމަ އަލުން ލިޔެގެން ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަކޮށްގެންނެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "އަރާމަގު ދޮންކަމަނަ" ފިލްމުގެ ތެރެއިން --
ކޮންމެ ޝޮޓެއް އެތައް ފަހަރަކު ލިޔެގެން އުފައްދަންޖެހެއެވެ. މި ހުރިހާ މަސައްކަތެއްކޮށް، އެޑިޓްކޮށް، އަޑުއަޅައި މިޔުޒިކް ހެދުމަށް ބައެއް ފަހަރު މަހަކަށްވުރެ ގިނަ ދުވަސް ހޭދަވެއެވެ.
އަޙްމަދު މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެއާ ދުރުގައި ހުރެގެން ވެސް މިފަދަ އުފެއްދުންތެރި އެތައް މަސައްކަތްތަކެއް އޭނާ ދަނީ ދިވެހީންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ތަފާތު ވީޑިއޯ އަދި އޯޑިއޯ ލަވަތަކާއި ކުރު ފިލްމުތައް އުފައްދާފައި ވެއެވެ.
އޭގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ ހާދިސާ، އެނދި މަރިޔަނބު، ދޮންހިޔަލަ އާއި އަލިފުޅު، ރެހެންދި ޚަދީޖާ، ރަންނަމާރި، މުޙައްމަދު އަމީންގެ ވެރިކަން ވެއްޓުނުގޮތް، އަދި އިބްރާހީމް ނާސިރުގެ އިންޓަވިއު އޭއައި މެދުވެރިކޮށް އުފައްދައި، މަޢުލޫމާތުން ފުރިގެންވާ ކުރު ފިލްމުތަކެއްގެ ގޮތުގައި އުފައްދައި ޔޫޓިޔުބްގައި ޢާންމުކޮށްފައިވެއެވެ.