އަންނަ އަހަރުގެ ޢީދުގައި ސަލްމާން ވާދަކުރާނީ ޕްރަބާސްއާ؟

ސަލްމާން ޚާން އަދި އެކްޓަރު ޕްރަބާސް--ފޮޓޯ/ޕިންކްވިލާ

ރިލީޒްކުރާނެ ތާރީޚަކަށް ގިނަ ބަޔަކު އިންތިޒާރުކުރާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އާއި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަލަށް ސޮއިކުރި ފިލްމު އަންނަ އަހަރުގެ ފިޠުރު ޢީދުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ ސަލްމާންގެ މި ފިލްމަކީ، ޑައިރެކްޓަރު ވަމްޝީ ޕައިދިޕައްލީގެ އުފެއްދުމެކެވެ. ޕްރަބާސް އަދި ތުރިޕްތީ ދިމްރީ މުހިއްމު ރޯލްތަކުން ފެންނާނެ، "ސްޕިރިޓް" ރިލީޒްކުރާ ތާރީޚަކީ އަންނަ އަހަރުގެ މާޗް ފަހެއް ކަމަށާއި، ތާވަލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ފިލްމުގެ ޓީމުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންކަމުން އަންނަ އަހަރުގެ ފިޠުރު ޢީދުގައި ސަލްމާން ވާދަކުރާނީ ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ޕްރަބާސްއާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ދެކުނު އިންޑިއާގެ ބަތަލާ ނަޔަންތާރާ، ސަލްމާން ޚާން އަދި ޖެކީ ޝްރޮފް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ސްޕިރިޓް" އަކީ ސަންދީޕް އާއި ޕްރަބާސް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބްރޯއި ވެސް މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމު ގެނެސްދޭނީ ބުޝަން ކުމާރުގެ ޓީ-ސީރީޒް ބެނާގެ ދަށުންނެވެ.

ސަލްމާން ޚާންއާ އެކު ބަތަލާގެ ރޯލްއިން ދެކުނު އިންޑިއާގެ މަގުބޫލު ތަރި ނަޔަންތާރާ ފެންނާނެ ފިލްމަށް ވަގުތީ ގޮތުން ދެވިފައިވާ ނަމަކީ "SVC63"އެވެ. މި ދެތަރިންގެ އިތުރުން ފިލްމުގެ ވިލެންގެ ރޯލަށް ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސަލްމާންގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ އެކްޓަރު އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމު "މާތުރަބޫމީ" ހިމެނޭއިރު މި ފިލްމު މި އަހަރުތެރޭ ސިނަމާތަކަށް ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް