ހަޔާތުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، އަމިއްލަ ދަނޑުބިމެއް ގަތުން ކަމަށާއި އެއީ ގަބޫލުކުރަންވެސް ދަތި އުފާވެރި ތަޖުރިބާއެއްގެ ގޮތުގައި އެކްޓަރު ވަރުން ދަވަން ސިފަކޮށްފިއެވެ.
އޭނާގެ ހަޔާތުގައި ކުރި އެންމެ ބޮޑު އެއް އިންވެސްޓްމަންޓް އަކީ ވެސް ދަނޑުވެރިކަން ކުރާނެ އަމިއްލަ ބިމެއް އޮތުން ކަމަށާއި އެއީ މިހާތަނަށް ހާސިލްކުރެވުނު ހަޔާތުގެ އެންމެ މުހިއްމު ލަނޑުދަނޑި ކަމަށް ވަރުން ވަނީ ބުނެފައެވެ.
އަލަށް ގަތް ބިމުގެ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، ވަރުން ބުނީ ސިޓީގެ ހަލަބޮލިކަމާ ދުރުގައި، ހާމަ ފަޒާއެއްގައި ވަގުތު ހޭދަކޮށްލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މި ދަނޑުބިމުގެ އިތުރުން، ވަރުން އާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލް ދާދިފަހުން ވަނީ މުމްބާއީގެ ޖޫހޫ ސަރަހައްދުން 44.52 ކްރޯޑް ރުޕީސްގެ އަގުބޮޑު އެޕާޓްމަންޓެއްވެސް ގަނެފައެވެ. ރަޖިސްޓްރީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި އެޕާޓްމަންޓް ހުންނަނީ އިމާރާތް ކުރަމުންދާ ޓަވަރެއްގެ ހަތްވަނަ ފަންގިފިލާގައެވެ.

ވަރުން އަންހެނުން ނަތާޝާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޖޫހޫ އަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ދިރިއުޅޭ ސަރަހައްދެކެވެ. މި އާ އެޕާޓްމަންޓާއެކު އަމީތާބް ބައްޗަން، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ޝާހްރުކް ޚާން، ކާޖޮލް، ދަރުމެންދުރާ އަދި އާމިރު ޚާން ފަދަ މަޝްހޫރު ތަރިންނަކީ މިހާރު ވަރުންގެ އަވަށްޓެރިންނެވެ.
ވަރުން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމު "ހެ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ"އެވެ. މި ފިލްމަކީ ޑޭވިޑް ދަވަން ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދިން ކެރިއަރުގެ އެންމެފަހު ފިލްމެވެ.