ސަލްމާނާ އެކު މަސައްކަތް ކުރުމަކީ، ފިލްމު ސްކޫލަކަށް ދެވުން ފަދަ ކަމެއް: '7 ޑޯގްސް'ގެ ޑައިރެކްޓަރުން

އިންޑިއާގެ އެކްޓަރު ސަލްމާން ޚާން އަދި "7 ޑޯގްސް"ގެ ޑައިރެކްޓަރުން ކަމަށްވާ އަރްބީ އާއި ބިލާލް ފަލާހް--ފޮޓޯ/ފޭސްބުކް

އިންޑިއާގެ މަގުބޫލު އެކްޓަރު ސަލްމާން ޚާންއާ އެކު މަސައްކަތް ކުރުމަކީ ފިލްމީ ދާއިރާގެ މަސައްކަތްތައް ކިޔަވައިދޭ މަރުކަޒަކުން ތައުލީމު ހާސިލުކުރުން ފަދަ ކަމެއްގެ ގޮތުގައި އަރަބި ޑައިރެކްޓަރުން ކަމަށްވާ އަރްބީ އާއި ބިލާލް ފަލާހް ސިފަކޮށްފިއެވެ.

މޮރޯކް އަދި ބެލްޖިއަންއަށް ނިސްބަތްވާ ޑައިރެކްޓަރުން ކަމަށްވާ އަރްބީ އާއި ބިލާލް ފަލާހް އަކީ ސަލްމާން ޚާން އާއި ސަންޖޭ ދަތު މުހިއްމު ރޯލްތަކެއް ކުޅެފައިވާ ފިލްމު "7 ޑޯގްސް"ގެ އުފެއްދުންތެރިންނެވެ. މި ފިލްމު ވަނީ އިއްޔެ ސިނަމާތަކުގައި ރިލީޒްކޮށްފައެވެ.

ޖުމްލަ 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ، އެކްޝަން ތުރިލާ ފިލްމު "7 ޑޯގްސް" އަކީ، އަރަބި އަދި ހޮލީވުޑްގެ އެކްޝަން އުކުޅުތައް އެކުލެވޭ ފިލްމެކެވެ.

އަރްބީ އާއި ބިލާލް ފަލާހް ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ބުނީ، ސަލްމާން އަކީ ފިލްމީ މަސައްކަތްތަކުގައި އަމިއްލަ އިހުސާސާއި ތަޖުރިބާ ބޭނުންކޮށްގެން، ކުދިކުދި މަންޒަރުތައް ވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާނޭ ފަދަ ފުރިހަމަ މަންޒަރުތަކަކަށް ހަދާލުމުގެ ހުނަރު ލިބިފައިވާ ފަންނާނެއް ކަމަށެވެ.

ފިލްމު "7 ޑޯގްސް"ގެ މަންޒަރެއްގައި ސަންޖޭ ދަތު އަދި ސަލްމާން ޚާން--ފޮޓޯ/ފިލްމުފެއަ

މި ފިލްމުގައި ސަލްމާން އާއި ސަންޖޭގެ އިތުރުން އިޓަލީގެ މަޝްހޫރު ބަތަލާ މޮނިކާ ބެލޫޗީ އަދި ހޮލީވުޑްގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ މުހިންމު ރޯލުތައް ކުޅެފައިވެއެވެ. އާދިލް ބުނި ގޮތުގައި ސަލްމާންގެ ފަރާތުން ފެނުނު ހިތްގައިމު ސިފަތަކުން ހޮލީވުޑްގެ މަޝްހޫރު ފިލްމު "ބޭޑް ބޯއިސް"ގެ ތަރި ވިލް ސުމިތުގެ ހަނދާންތައް އޭނާއަށް އާކުރުވިއެވެ.

"ސަލްމާންގެ ކިބައިގައި އާދަޔާހިލާފު ޝަހްސިއްޔަތެއް ހުރޭ. ވިލް ސުމިތު ސެޓުގައި ހުންނައިރު ކުރެވޭ ފަދަ އިހުސާސެއް ސަލްމާން ހުންނައިރު ވެސް ކުރެވޭ. ކެމެރާ އޭނާއަށް އަމާޒުކޮށްލާ ހިސާބުން، ފެނިގެންދަނީ ސިހުން ގެނުވާ ފަދަ މޮޅު ހުނަރެއް،" ސަލްމާނަށް ތައުރީފު ކުރަމުން އާދިލް ބުނެފައިވެއެވެ.

މީގެއިތުރުން އޭނާ ބުނީ، ކޮންމެ މަންޒަރެއް ވެސް ސަލްމާނަށް ވަރަށް ފަސޭހައިން ފަހުމްވާ ކަމަށާއި، އޭނާ އެ މަންޒަރެއް ފުރިހަމަކޮށްދެނީ ޑައިރެކްޓަރު އުންމީދުކުރާ ވަރަށް ވުރެ ވެސް މާ ފުރިހަމައަށް ކަމަށެވެ. މިއީ ފިލްމީ ދާއިރާގެ އިލްމު އަމަލީ ގޮތުން އުނގެނުން ފަދަ ކަމެއްގެ ގޮތުގައި އާދިލް ސިފަކުރިއެވެ.

ޑައިރެކްޓަރު ބިލާލް ބުނި ގޮތުގައި ސަލްމާންގެ ފަރާތުން ފިލްމުގެ ސްކްރީންޕްލޭއަށް ވުރެ އިތުރުން އާ ކަންތައްތަކެއް އޭނާއަށް ތަޖުރިބާކުރެވުނެވެ. އެގޮތުން ޝޫޓިންގް ކުރިއަށްދާއިރު ސަލްމާން އަމިއްލައަށް ބައެއް މޮޅު ޑައިލޮގްތައް އިތުރުކުރާކަން އޭނާ ފާހަގަކުރިއެވެ.

ފިލްމު "7 ޑޯގްސް" އަކީ އަރަބި ބަހުން އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްގެން އުފެއްދި އެއް ފިލްމެވެ. ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި ހުންނަ 'އަލް ހުސްން ބިގް ޓައިމް ސްޓޫޑިއޯސް'ގައެވެ.

މި ފިލްމުގައި ހަގީގީ ގޮވުންތަކާއި ނުރައްކާތެރި އެކްޝަން މަންޒަރުތައް ހިމެނުމަށް ބޮޑު އިސްކަމެއް ދީފައިވާއިރު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ގޮވުމުގެ މަންޒަރުތައް ފިލްމުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖުމްލަ 170.7 ޓަނުގެ ޓީއެންޓީ ބޭނުންކޮށްގެން ހިންގި މި ބޮޑު ގޮވުމަކީ ފިލްމެއްގައި މިހާތަނަށް ހިމެނި އެންމެ ބޮޑު ގޮވުމެވެ. މީގެކުރިން މި ރެކޯޑް އޮތީ ޖޭމްސް ބޮންޑްގެ ފިލްމުތައް ކަމަށްވާ 'ސްޕެކްޓަ' އަދި 'ނޯ ޓައިމް ޓު ޑައި' އަތުގައެވެ.

comment ކޮމެންޓް