މި އަހަރުގެ ކުރީކޮޅު ޗެކް ބައުންސްވި މައްސަލައެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހުނު ހާދިސާއަށްފަހު، ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވްގެ މާލީ އަދި ގާނޫނީ ދަތިތަކުގެ ސަބަބުން މަސައްކަތާއި އަބުރަށް ހުތުރުވާ ގޮތަށް ދެކެވޭ ވާހަކަތަކަށް އޭނާ ވަރުގަދަ ރައްދެއް ދީފައެވެ.
ޔާދަވް ބުނި ގޮތުގައި އޭނާ ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ސަބަބުން ސިނަމާއަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ކުރާ މަސައްކަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
"އަހަރެންނަކީ އަހަރެންގެ ކެރިއަރަށް ހުސްވެގެން ހުރި މީހެއް. އަހަރެންނަކީ އިންޑިއާގެ ސިނަމާގެ ފަންނުވެރި ދަރިވަރެއް. ވޭތުވެދިޔަ 30-40 އަހަރު ތެރޭގައި މިހާތަނަށް 100 ނުވަތަ 200 މީހަކަށް އަހަރެން ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ، އެ ފައިސާ އެ މީހުންނަށް ލިބޭނެ. އެއީ މައްސަލައެއް ނޫން، އެކަން އޮތް ގޮތް އަހަރެންނަށް އެނގޭ،" އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ޔާދަވް ބުނެފައިވެއެވެ.
މާލީ ގޮތުން ދަތިތަކެއް ކުރިމަތިވުމުން، ފަންނުވެރިއެއްގެ މުޅި ހަޔާތުގެ މަސައްކަތާމެދު ސުވާލު އުފައްދަނީ ކީއްވެގެންތޯ ޔާދަވް ވަނީ މީޑިއާކުރެން އަހާފައެވެ.

ރާޖްޕަލް ޔާދަވް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޝޫޓިންގްގައި އެކްޓަރު އަކްޝޭ ކުމާރު އަދި ޕަރޭޝް ރާވަލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ޔާދަވް އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބޭ އެކްޓަރެއް ކަމަށް ބުނަމުން އޭނާ އަކީ އެކްޓިންގް ދާއިރާގައި ވަރަށް ޒިންމާދާރުކަމާ އެކު މަސައްކަތްކުރާ މީހެއް ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ފަސް ކްރޯޑް، 10 ކްރޯޑް، 100 ކްރޯޑް ނުވަތަ 250 ކްރޯޑަށް ވެސް ޔާދަވް ނުގަނެވޭނެ ކަމަށް ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ކޮމެޑީ ކެރެކްޓާ ކުޅެފައިވާ އެކްޓަރު ބުނެފައިވެއެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކުޑައިރުއްސުރެ އެއީ އެކްޓިންގްގެ ފަންނުވެރިކަމަށްޓަކައި ހުސްވެފައިވާ މީހެއް ކަމަށްވުމާއި ފައިސާއަކަށް ޔާދަވް ނުގަނެވޭނެކަން ގަބޫލުކުރެވޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.
މި މޭރުމުން ޔާދަވް ވާހަކަ ދައްކާފައިވަނީ މީގެ މަސްތަކެއް ކުރިން ޗެކް ބައުންސްވި މައްސަލައެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހުނު ހާދިސާއަށް ފަހުގައެވެ.
މިދިޔަ ޖުލައި މަހު، 'މުރްލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް' އާއެކު އުފެދުނު މާލީ މައްސަލައެއްގައި، ދިއްލީ ހައިކޯޓުން ވަނީ ޔާދަވް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވްގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓާފައެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް ޔާދަވް ވަނީ ކޯޓަށް ދީފައިވާ އިގުރާރުތަކާ އެއްގޮތަށް އަމަލުކުރުމަށް ނުކުޅެދިފައެވެ. އެހެންކަމުން، އޭނާ ޖަލަށް ހާޒިރުވުމަށް ކޯޓުން އަމުރުކުރިއެވެ. އޭނާ މިނިވަންވީ ޝަކުވާ ހުށަހެޅި ފަރާތަށް ދައްކަންޖެހޭ ފައިސާގެ ބައެއް އަނބުރާ ދެއްކުމުންނެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ޔާދަވް އެންމެ ފަހުން ފެނިފައިވަނީ ޑައިރެކްޓަރު އަހުމަދު ޚާން ގެނެސްދިން "ވެލްކަމް ޓު ދަ ޖަންގަލް"އިންނެވެ.