'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހު ބާއްވަނީ

'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހު ބާއްވަން ވަނީ ނިންމައިފައި -- ފޮޓޯ/ ދިރާގު

ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ދިރާގާ ގުޅިގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމާއެކު، މޫދު ކުޅިވަރުތައް ކުރިއެރުވުމާއި ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. ދިރާގުން ފާހަގަކުރާ ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިވެ، އިޖުތިމާއީ ގުޅުންތައް ބަދަހިވެގެންދެއެވެ. މި މުބާރާތުގައި އެއް ކިލޯމީޓަރާއި، 500 މީޓަރާއި، 250 މީޓަރުގެ އިތުރުން އަލަށް ތައާރަފުކުރި 500 މީޓަރުގެ ޓީމް ރިލޭގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. ސްވިމް މޯލްޑިވްސްއިން ބުނާގޮތުގައި ރާއްޖޭގައި އޯޕަން ވޯޓާ ފެތުން ބާރުމިނެއްގައި ކުރިއަރަމުން އަންނައިރު، މިއަހަރުގެ މުބާރާތުގައި ބައިނަލްއަގުވާމީ ގިނަ ފެތުންތެރިންތަކެއް ބައިވެރިވާނެކަމަށް އުންމީދުކުރެވެއެވެ.

  • މުބާރާތް އޮންނާނީ އޮގަސްޓު މަހުގެ 21 އަދި 22 ގައި މާލޭ ރަސްފަންނުގައެވެ.
  • މިއީ ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ބާއްވާ ތިންވަނަ މުބާރާތެވެ.
  • މިއަހަރު މުޅިން އަލަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވަނީ ތައާރަފުކޮށްފައެވެ.
  • މިދިޔަ އަހަރުގެ މުބާރާތުގައި އުމުރުން 5 އަހަރާއި 65 އަހަރާ ދެމެދުގެ 350 ފެތުންތެރިން ބައިވެރިވިއެވެ.
  • މުބާރާތުގެ އަމާޒަކީ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހުގެ 21އާއި 22ގައި ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނި ގޮތުގައި، ސްވިމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ 'ދިރާގު މާލޭ އޯޕަން' ސްވިމިން މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމެވެ. އަދި ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މުބާރާތުގެ މަގުސަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ، ސްވިމް މޯލްޑިވްސްއާ ގުޅިގެން 'ދިރާގު މާލެ އޯޕަން' ސްވިމިން ކޮމްޕެޓިޝަންގެ ތިން ވަނަ މުބާރާތް އިއުލާނު ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ފަދަ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ކުޅިވަރުގެ ޒަރިއްޔާއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދިނުން. ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން

މިރްޝާން ވަނީ ރާއްޖޭގެ ގުދުރަތީ މާހައުލަށް ބަލާއިރު ފަތަން ދަސްކުރުމަކީ މުހިންމުކަމަށް ވާއިރު، ފެތުމަށް ހިތްޖެއްސުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެ މުބާރާތާ ގުޅޭ ގޮތުން ސްވިމް މޯލްޑިވްސްގެ ރައީސް، ޙުސައިން ޝަމީމް ވިދާޅުވީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން މިހާ ބާރުމިނެއްގައި ކުރިއަރަމުން ދިއުމަކީ އެ ޖަމިއްޔާއިން ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި 'ދިރާގު މާލެ އޯޕަން'ގެ ކާމިޔާބީއާއި، މުޅިން އަލަށް ރާއްޖޭގައި ބޭއްވި 'އޯޝަންމޭން މޯލްޑިވްސް'ގެ ކާމިޔާބީ އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ހަރަކާތްތަކާއެކު، ރާއްޖޭގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ވަރުގަދަ ބިންގަލެއް އެޅިފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މި ތިބީ މި އަހަރުގެ މުބާރާތައް ކުރިއަށް ވުރެ ގިނަ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ފެތުންތެރިންނަށް މަރުހަބާކިއުމަށް ތައްޔާރަށް.ސްވިމް މޯލްޑިވްސްގެ ރައީސް، ޙުސައިން ޝަމީމް

ދިރާގުން ބުނީ މި މުބާރާތުގައި އެއް ކިލޯމީޓަރާއި 500 މީޓަރާއި 250 މީޓަރުގެ އިތުރުން މި އަހަރު މުޅިން އަލަށް ތައާރަފުކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ 340 އަށްވުރެ ގިނަ ފެތުންތެރިން ރޭސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް