"2021 ވަނަ އަހަރު ފުލުހުން 10.7 މިލިއަން ރުފިޔާގެ މުދާ ހޯދީ ޕާފޯމަންސް ގެރެންޓީ ނުނަގާ"

ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކާ ޚިލާފަށް ބައެއް ކަންކަން ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ޚާއްސަކޮށް، ބޮޑު އަދަދެއްގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޕާފޯމަންސް ގެރެންޓީ ހޯދާފައި ނުވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރުން، އުޅަނދުފަހަރުގެ ދަތުރުތަކާއި ތެޔޮ ބޭނުންކުރާ މިންވަރު ބެލެހެއްޓުމުގައި ދެފުށްފެންނަ ނިޒާމެއް ނެތުމާއި، ކުށުގެ ވެށިން ނަގާ ފައިސާ ތިޖޫރީތަކުގައި ރައްކާކޮށްފައި ހުރި އިރު އެ ފައިސާ ހަލާކުވަމުންދާ މައްސަލަތައް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި ބަލާއިރު ބަޖެޓުގެ ބޭނުން ހިފާފައިވަނީ ކަނޑައެޅިފައިވާ މަގްސަދުތަކާ އެއްގޮތަށް ކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

  • ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 10.7 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ޕާފޯމަންސް ގެރެންޓީ ނެތި ހޯދާފައިވޭ.
  • ފުލުހުންގެ އުޅަނދުފަހަރުގެ 30 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދާއި ދަތުރުތަކުގެ ރެކޯޑުތައް އެކަށީގެންވާ ގޮތަކަށް ބެލެހެއްޓިފައި ނުވޭ.
  • ކުށުގެ ވެށިން ފެންނަ 9 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ބެލެހެއްޓުމުގައި ވަކި އުސޫލެއް ނެތުމުން ފައިސާ ހަލާކުވަމުންދޭ.
  • ފުލުހުންގެ އިދާރާގެ 2021 ވަނަ އަހަރުގެ މާލީ ހިންގުންތައް ޖުމްލަ ގޮތެއްގައި ބަޖެޓުގެ މަގްސަދުތަކާ އެއްގޮތަށް ހިނގާފައިވާކަމަށް އޮޑިޓުން ކަށަވަރުކޮށްދޭ.

ދިވެހި ފުލުހުންގެ ޚިދުމަތުން 2021 ވަނަ އަހަރު ތަކެއްޗާއި ޚިދުމަތް ހޯދުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާކަމަަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ފުލުހުންގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ޖުމްލަ 10،681،299 ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދިއިރު، ކަނޑައެޅިފައިވާ އުސޫލުން ޕަފޯމަންސް ގެރެންޓީ ނަގާފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ ފުލުހުންގެ ބޭނުމަށް ގެންގުޅޭ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމުގައި ހުރި އިހުމާލުތަކެވެ. ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް، އުޅަނދުފަހަރަށް ކުރާ ޚަރަދާއި ދަތުރުތަކުގެ ރެކޯޑު ފުލުހުން ބަލަހައްޓާފައި ނުވާކަން ވަނީ ފާހަގަވެފައެވެ.

އެގޮތުން، އުޅަނދުތަކަށް ޕެޓްރޯލާއި ޑިސެލް ގަތުމަށް 2021ވަނަ އަހަރު 30,055,229 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އުޅަނދުތައް ބޭނުންކުރެވޭ ގޮތުގެ ރެކޯޑާއި ތެޔޮ ބޭނުންކުރެވޭ މިންވަރު އެނގޭނެ އުސޫލެއް އެކުލަވައިލާފައެއް ނުވެއެވެ. މީގެ އިތުރުން، އިދާރާގެ އަމިއްލަ އުޅަނދުތަކާއި ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުތަކުގެ ދަތުރު ރިކޯޑު ވެސް ބަލަހައްޓާފައި ނެތްކަން އޮޑިޓުން ހާމަވެއެވެ.

ކުށުގެ ވެށިން ފެންނަ ފައިސާ ބެލެހެއްޓުމުގައި ހުރި ކަންބޮޑުވުންތައްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން 2022ވަނަ އަހަރުގެ އޮގަސްޓު 23ގައި އޮޑިޓަރުން ފުލުހުންގެ ތިޖޫރީތައް ޗެކްކުރިއިރު، ކުށުގެ ވެށިން ނަގާ ފައިސާ ވަކި ތިޖޫރީއެއްގައި ބަލަހައްޓަމުންދާކަން ފާހަގަކުރެވުނެވެ.

އެ ތިޖޫރީގައި 9,010,011 ރުފިޔާ ހުރިއިރު، އޭގެ ތެރޭގައި އެތައް އަހަރެއް ކުރީގެ ކޭސްތަކާ ގުޅޭ ފައިސާ ހުރިކަން ވަނީ އެނގިފައެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ފައިސާ ވީދި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ވެސް އޮޑިޓަރުން ފާހަގަކުރިއެވެ. މި ފައިސާއާ ހަވާލުވުމާއި، އަނބުރާ ދިނުމާއި، ނުވަތަ ދައުލަތަށް ނެގުމުގައި އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ނަމަވެސް، މި ހުރިހާ މައްސަލަތަކަކާއެކު ވެސް، އޮޑިޓް އޮފީހުން ފާހަގަކޮށްފައިވަނީ ޖުމްލަގޮތެއްގައި ފުލުހުންގެ އިދާރާއިން 2021ގެ ޑިސެމްބަރު 31ގެ ނިޔަލަށް ބަޖެޓު ހޭދަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، ބަޖެޓުގެ މަގްސަދު ހާސިލްވާ ގޮތަށް ކަމަށެވެ.

comment ކޮމެންޓް