ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކަކަށް ގެއްލުންދީ، ކަރަންޓު ނަރުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވިނަރެސް ނުވައެއްގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން މައްސަލައެއް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށްނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން، ގދ. ތިނަދޫ، ލުކިންގްލާސް، އުމުރުން 38 އަހަރުގެ ނަޞްރުﷲ ޝަކީލު ޙުސައިން ވަނީ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން އެ މުއައްސަސާއަށް މި އަހަރު އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 1,804 މައްސަލަ ހުށަހަޅައިފައިވެއެވެ.