ވިލިމާލެއަކީ ހަމައެކަނި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުންތަކަށް ޒިޔާރަތްކުރާ އަވަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް، އެ އަވަށަކީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއް މަންޒިލަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރަކީ ވިލިމާލޭގައި ގިނަގުނަ މަސައްކަތްތަކެއް ދެނެގަނެވި، އެ މަސައްކަތްތައް އަމަލީ ގޮތުން ފެށުނު ދުވަސްތަކެއް ކަމަށެވެ. އަދި، މާލެއާއި ހުޅުމާލެއެކޭ އެއްފަދައިން، ވިލިމާލެއަށް ވެސް މި ކުރު މުއްދަތުގެ ތެރޭގައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވިލިމާލެއަކީ ހަމައެކަނި ވޯޓު ސީޒަނަށް އެކަނި ދާން އޮންނަ އަވަށެއް ނޫން. އެއީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއްތަން،" މޭޔަރު ވިދާޅުވިއެވެ.
އެ ގޮތުން، އޭނާ ފާހަގަކުރެއްވި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ދެ ބުރި އިމާރާތެއްގެ އުސްމިނަށް ޖަމާވެފައި ހުރި ބޮޑު ކުނިގަނޑު ނަގާ އެއްކޮށް ސާފުކުރުމާއި، "ތިން ހަތަރު މޭޔަރުންނާއި ކައުންސިލްތަކުގެ ދައުރު" ނިމުނުއިރު ވެސް ހައްލު ނުވެ ހުރި، މަގުތަކުގެ މެދުގައި ހުރި ޖަންގްޝަންތަކުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައީސް ޞާލިޙް ވިލިމާލޭގައި: ވިލިމާލެއަކީ ހަމައެކަނި ކެމްޕޭން ސީޒަނަށް އޮތް ތަނެއް ނޫން ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ
އަދި، މަގުތައް މަރާމާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންދުކޮށް، ކުނިއަޅާ ގޮނޑުކޮށްފައި އޮތް ސަރަހައްދުތައް ހުޅުވާލައި، އެތަންތަން ސާފުކުރުމަށް ފަހު ގަހާއި ދިވެހި ރުއް އިންދައި، ހިތްފަސޭހަ ތަރުތީބު ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި، މޫދަށް އެރޭ ސަރަހައްދުގައި ނަމާދު ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، ޒިޔާރަތްކުރާ މީހުންނަށް އިށީނދެލައިގެން ތިބެވޭނެ ބެންޗުތައް ވަނީ ބަހައްޓާފައެވެ.
މިފަދަ ވަސީލަތްތައް އިތުރަށް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ވިލިމާލޭގައި ސްކޭޓް ޕާކެއް ހެދުމަށާއި، ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ފާހާނާ ބަރިއެއް ހެދުމަށް މިހާރު ވަނީ އިއުލާންކޮށްފައިވާ ކަމަށް ވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާއި މޭޔަރު އާޒިމް ވިލިމާލޭގައި: އެ އަވަށަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ
ޖަނަވަރީ 2024 އިން ފެށިގެން މާލެ ސިޓީއަކީ ރައްޔިތުންނަށް ފަސޭހައިން އުޅެވޭ، ހިތްފަސޭހަ ފެހިތަނަވަސް ސިޓީއަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ވިލިމާލޭގައި މި އަހަރުގެ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެ ގޮތުން، ފާހަގަކުރެއްވި އިތުރު ބައެއް ކަންކަމުގެ ތެރޭގައި:
- ވިލިމާލޭގައި ޤުރުއާން ކިލާސް އެއް ހުޅުވުން
- ވިލިމާލޭގަ ބަންދުކޮށް ބިތްގަނޑުޖަހާފައި ހުރި ހުރިހާ ބިންތަކެއް ހުޅުވަލާ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
- ވިލިމާލޭގެ ހުރިހާ މަގެއްގެ ކާނުތައް ވަނީ ސާފުކޮށް ނިމިފައި
- ވިލިމާލޭގައި ޕެޓްރޯލް ޝެޑްްއެއް ހެދުމަށް ބިން ވަނީ ކަނޑައެޅިފައި
- ވިލިމާލޭގައި މޭވާ ގަސް ގިނަ ކުރުމުގެ ގޮތުން އެކި ބާވަތުގެ މޭވާ އަޅާ 70 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައި އޭގެ ތެރޭ، ޖަނބުރޯލް ގަސް، ފޭރުގަަސް، އަނބުގަސް، ދަނބުގަސް، ބަބުކެޔޮ ގަސް ހިމެނޭ
- ވިލިމާލޭގަ މަގުތަކުގައި ރައްޔިތުންނަށް އުދަގޫ ވާގޮތަށް ހުރި ބޭނުން ނުކުރާ ފަޔަރ ހައިޑްރޭންޓްތައް ނަގާ މަގުގެ ޖާގަ ވަނީ ބޮޑުކުރެވިފައި
- ވިލިމާލެ ގިރާ ސަރަހައްދުގެ އެސެސްމެންޓް ހެދުން
- ވިލިމާލޭގައި ތިން ޕާކެއް ހެދުމުގެ މަސައްކަތް ކުރިއަށް
- ޖަމިއްޔާތަކާ ގުޅިގެން ވިލިމާލޭ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް
- ވިލިމާލެ ބީޗްގައި ނަމާދުކުރާ ތަނެއް ހުޅުވުން
މޭޔަރުގެ ވާހަކަ ނިންމަވާލެއްވީ ވިލިމާލޭގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ، ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.