"ތިން ރައީސުންނަށް އެކުގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު ބޮޑު'"

ތިން ރައީސުންގެ ކޮމިޓީން ނޫސްވެރިންނަށް މައުލޫމާތުދެނީ: ކޮމިޓީން ބުނީ، ތިން ރައީސުންނަށް އެކުގައި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް --- ފޮޓޯ: ސްކްރީންޝޮޓް

މިދިޔަ ހުކުރު ދުވަހުގެރޭ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްދަލުކުރައްވައިފައެވެ. ގައުމުގެ މިސްރާބު މިހާރު އޮތް ގޮތުން، މި ތިން ބޭފުޅުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމަވައިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މަންދޫބުން ހިމެނޭ ގޮތަށް ހަ މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އީވާ ޢަބްދުالله އާއި ފައްޔާޒް އިސްމާޢީލެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މުޙައްމަދު މަލީޙް ޖަމާލާއި އިސްމާޢީލް ޒަރިޔަންދެވެ. އަދި ރައީސް ޞާލިހުގެ ފަރާތްޕުޅުން އަޙްމަދު ސަލީމާއި މުޙައްމަދު ރަޝީދު ޙުސައިނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވި ގޮތުގައި، މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް ނޫސްވެރިންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. އަދި ތިން ލީޑަރުން ގުޅިގެން ގައުމަށް ލާބަހުރި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް އަމާޒުކޮށް ފިޔަވަޅުތައް އަޅައި ޖަލަށްލާފައިވާކަން ރައީސް ޔާމީން ވަނީ ކަންބޮޑުވުމާއެކު ފާހަގަކުރައްވައިފައެވެ.

  • ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތްކުރުމަށް ނިންމައި، ހަ މެންބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުން.
  • ނަޝީދާއި، ޔާމީން އަދި ޞާލިހުގެ ފަރާތްޕުޅުން ކޮންމެ ބޭފުޅެއްގެ ދެ މަންދޫބުން ކޮމިޓީގައި ހިމެނުން.
  • ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކޮންމެ ދުވަހަކު ނޫސްވެރިންނާ ހިއްސާކުރުމަށް އެއްބަސްވުން.
  • މިހާރުގެ ސަރުކާރުން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ދަތިކުރަމުންދާކަމަށް ރައީސް ޔާމީން ފާހަގަކުރެއްވުން.

ރާއްޖޭގެ މިސްރާބު މިހާރު އޮތް ގޮތުން، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި، އިބްރާހީމް މުޙައްމަދު ޞާލިޙަށް އެކުގައި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ކުރީގެ ތިން ރައީސުން ވަނީ ބައްދަލުކުރައްވައި، އެކުގައި މަސައްކަތްކުރައްވަން ނިންމަވައިފައެވެ. އެއަށްފަހު، ތިން ރައީސުންގެ ފަރާތުން ވަނީ ކޮމިޓީއެއް އުފައްދަވައިފައެވެ.

ހަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީގައި ތިއްބަވަނީ:

  1. ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުالله އާއި ފައްޔާޒް
  2. ޔާމީންގެ ފަރާތްޕުޅުން ޕީއެންއެފްގެ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލާއި މާލީ ތަޖުރިބާކާރު އިސްމާޢީލް ޒަރިޔަންދު
  3. ޞާލިހުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަލީމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)

އެ ކޮމިޓީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ކޮމިޓީގެ ފަރާތުން މަޝްވަރާކޮށް، ކޮމިޓީން ހަރަކާތްތައް ކުރިއަށް ގެންދާ ގޮތުގެ އަދާހަމަ ކޮންމެ ދުވަހަކު ނޫސްވެރިންނަށް ލިބޭ ގޮތަށް އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ރާއްޖޭގެ މިސްރާބު މިހާރު ހުރިގޮތުން، ތިން ލީޑަރުން ގުޅިގެން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް، އޭނާ ވިދާޅުވިއެވެ.

ތިން ރައީސުން ހުކުރު ދުވަހުގެރޭ ބައްދަލުކުރެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް