މިިދިޔަ ބުރާސްފަތި ދައުރު ދަންމައިލައި، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ވިހިވަނަ މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15އަށެވެ.
ގަވައިދުގައިވާ ގޮތުން، ދައުރު ނިމޭ ޖަލްސާ އޮންނާނީ ދައުރުގެ ތެރޭ އޮންނަ ފަހު ބުރާސްފަތި ދުވަސް، ނުވަތަ ހޯމަ ދުވަހެވެ.
އެހެންކަމުން ގަވައިދުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމޭނެއެވެ. ނަމަވެސް މިދިޔަ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، "ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ، ދައުރު ދަންމައިލަން ހުށަހަޅުއްވައިފައެވެ.
އެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމުން، ވެރިކަންކުރާ ޕީއެންސީގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ މި މަހުގެ ނިޔަލަށް ދައުރު ދަންމައިލައިފައެވެ. ދައުރު ދަންމައިލަން ފެންނަ ކަމަށް 58 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީ ދިހަ މަޖިލިސް މެންބަރަކާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނެވެ.
އެހެން ނަމަވެސް، މަޖިލީހުގެ މި ދައުރު ނިމޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހަށެވެ. ސަބަބަކީ އަންނަ ހަފުތާގައި އަޟްޙާ ޢީދު އަންނާތީ، އެ ހަފުތާ އެއްކޮށް ބަންދު ކަމަށް ސަރުކާރުން ކަނޑައަޅައިފައިވާތީއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް ޖަލްސާ ނިންމަވައިލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މިއަދު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއެއް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ނެތެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެއް ނެތެވެ.
އެހެންވެ، 'ސަން'އިން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖަލްސާ ކެންސަލްކަން ކަށަވަރުކޮށްދިން ނަމަވެސް، ޖަލްސާ ކެންސަލްކުރި ސަބަބެއް އަދި ހިއްސާނުކުރެއެވެ.
މިދިޔަ ބުދަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކެންސަލްކުރަން ޖެހުނެވެ. އެ ޖަލްސާ ކެންސަލްކޮށް، ބުރާސްފަތި ދުވަހަށް ބަދަލުކުރަން ޖެހުނީ ބުދަ ދުވަހު އޮތް ޖަލްސާގެ ކޯރަމް ހަމަނުވުމުންނެވެ. އެ ދުވަހު މަޖިލީހަށް ހާޒިރުވީ އެމްޑީޕީއަށް ނިސްބަތްވާ ހަ މެންބަރަކާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.
ހަމަ އެ ދުވަހު މަޖިލީހުގެ މުހިއްމު ކޮމިޓީތަކުގެ ތެރޭ ހިމެނޭ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުންތައް ވެސް ކެންސަލްކުރިއެވެ.
ކަން އެހެން އޮއްވައި، ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއަޕް ގްރޫޕުން ބުދަ ދުވަހު ނާޒިމް ބޭރުކޮށް، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް، ޕީއެންސީން ވަނީ ހުށަހަޅައިފައެވެ. އެކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ މިހިނގާ ދައުރުގެ ގިނަ ޖަލްސާތައް ވެސް ބާއްވައިފައެއް ނުވެއެވެ. އެ ގޮތުން، ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދައުރުގައި ބާއްވާފައިވަނީ 19 ޖަލްސާއެވެ.
މި ދައުރު ފެށިގެން ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެއެވެ.
ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ ބޮޑެވެ.