އިންތިޚާބުތައް ގިނަވުމަކީ މުޖުތަމައުގެ އަމާންކަން ގެއްލޭ ކަމެއް: ޝިޔާމް

ފިޝަރީސް މިނިސްޓަރު ޝިޔާމާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ: ވިދާޅުވީ އިންތިޚާބުތައް ގިނަވުމުން އަމާންކަން ގެއްލޭ ކަމަށް ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ރާއްޖޭގައި އިންތިޚާބުތައް ގިނަވުމުގެ ސަބަބުން ރައްޔިތުން އަތުން ބޮޑެތި ހޭދަތައް ގޮސް އުފެދޭ ސިޔާސީ އޮއިވަރުގެ ސަބަބުން އިޖުތިމާއީ ކަންކަމަށާއި ސަރުކާރުގެ މަޝްރޫއުތަކަށް ހިޔަނި އެޅޭ ކަމަށާއި، މުޖުތަމައުގެ އަމަންއަމާންކަންވެސް ގެއްލޭ ކަމަށް، ފިޝަރީޒް މިނިސްޓަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މައި ދެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ވޯޓާ ބެހޭގޮތުން ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އިންތިޚާބުތައް ގިނަވުމުގެ ސަބަބުން ރައްޔިތުން ހަގީގަތުގައި ކުރާ ޚަރަދު ބޮޑު ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެވަރެޖްކޮށް ކެންޑިޑޭޓެއްގެ މައްޗަށް ދޮޅު މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަަމަށާއި، 2009ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 455 ކެންޑިޑޭޓުން ވާދަކުރިއިރު، އެ އިންތިޚާބަށް ބެލި ކަމުގައިވިޔަސް ގާތްގަނޑަކަށް 782 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ގޮނޑިއެއް ކަށަވަރުކުރުމަށްޓަކައި ކެންޑިޑޭޓުން އެވަރެޖްކޮށް ތިން މިލިއަން ރުފިޔާ 2024ވަނަ އަހަރު ޚަރަދުކުރިނަމަ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ.

"ކޮމިއުނިޓީތަކުގައި މި އުފެދޭ މި ސިޔާސީ އޮއިވަރަކީ އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ދާއިރުގަވެސް އާއިލާތަކުގެ ތެރޭގަ މި ހުންނަ މައްސަލަތައް ހައްލެއްނުވެ، ރައްޓެހިންގެ ތެރޭގަ މި ހުންނަ މައްސަލަތައް ހައްލެއްނުވެ، ކުދިކުދި ކޮމިއުނިޓީތަކުގެ ތެރޭގަ އުފެދޭ އެކަހަލަ ނުތަނަވަސްކަމުގެ ސަބަބުން ހަގީގަތުގަ އެ ރަށުގަ ކުރެވޭ އިޖުތިމާއީ ކަންކަމާއި އަދި ސަރުކާރަކުން އެ ރަށަކަށް ފޯރުކޮށްދޭ ތަރައްގީގެ މަޝްރޫއުތަކަށްވެސް ވަރަށް ބޮޑަށް މިކަމުން ހިޔަނި އެޅިގެންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިޔާމް ވިދާޅުވިއެވެ.

"ސުލްހަ މަސަލަސްކަމާ ގުޅުން އެބަހުރި އިންތިޚާބުތައް ގިނަވީމާ، ތަންތަނުގެ އަމާންކަން އެބަ ގެއްލޭ، އަދި ޕާޓީތައް އިންތިޚާބުތަކަށް ތެދުވާ ތެދުވުމުގަ ސަރުކާރުގެ ތަސައްވުރު ނުބައިކޮށް ކުރައްސަވާ އިދިކޮޅުގައި ތިއްބަވާ ބައެއް ބޭފުޅުން،"

ހަމަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އިންތިޚާބުތައް އަވަސް އަވަހަށް ބޭއްވުމުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށާއި ސަރުކާރު ހިންގުމަށް ބޭނުންވާ ވަގުތު ގެއްލޭ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ފެބްރުވަރީ މަހުގެ 16ވަނަ ދުވަހެވެ.

މައި ދެ އިންތިޚާބު އެއްކޮށްލަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ މިދިޔަ މަހެވެ. އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.

އެ އިސްލާހު އެއްވެސް ބަދަލެއް ނުގެނެސް، މަޖިލީހުން ވަނީ މިދިޔަ މަހު ފާސްކޮށްފައެވެ.

އީސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ސަރުކާރާ އިދިކޮޅު ބޭފުޅުން ވަނީ މި އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

comment ކޮމެންޓް