ތެހެރާން (1 މާޗް 2026) : އެމެރިކާއާއި ޔަހޫދީ އިސްރާއީލުގެ އުދުވާނީ ހަމަލާތަކެއްގައި އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި ޝަހީދުކޮށްލާފައިވާއިރު އީރާނުގެ ގަދަފަދަ ހަމަލާތަކެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އަރައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުން ވަނީ އިސްރާއީލުގެ ދިފާއީ ނިޒާމުތައް ވަރަށް ބޮޑަށް ފޫއަޅުވާލާފައެވެ. މި ހަމަލާތަކުގައި އީރާން ބޭނުންކޮށްފައިވަނީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް ކަމަށާއި މީގެ ދެ މިސައިލެއް ސީދާ ގޮތެއްގައި ޓެލްއަވީވަށް އަރާފައިވާ ކަމަށް އީރާނުގެ ހަމަލާތައް އަމާޒުކުރީ އިސްރާއީލުގެ ދިފާއީ ވުޒާރާއަށާއި އެނޫން އަސްކަރީ މަރުކަޒަކަށް ކަމަށް އަލްޖަޒީރާ ބުނެއެވެ. ބާކީ މިސައިލްތައް އަރާފައިވަނީ އިސްރާއީލުގެ އެހެން ސަރަހައްދުތަކަށެވެ.
އީރާނުގެ ހަމަލާތައް ހުއްޓުމެއްނެތި އިސްރާއީލަށް އަރަމުން ދާތީ އިސްރާއީލުގެ ގައުމީ އެއާލައިންގެ ބޯޓުތައް ވެސް ވަނީ ގައުުމުން ބޭރަށް ގެންދަން ފަށާފައެވެ. އަދި ހަތަރު މިލިއަން މީހުން ތިބީ ބިންގަރާސްތަކުގައެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން ޓެލްއަވީވުގައި އުފެދުނު އަލިފާންގަނޑުތައް ހަތަރު ގަޑިއިރުވީއިރު ވެސް ނިއްވާލެވިފައެއް ނުވެއެވެ. ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން އިސްރާއީލުގެ އާންމުން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.
އީރާނުގެ ރައީސް އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ "އިރްނާ" ބުނާގޮތުން އީރާން މިހާރު ލީޑުކުރަމުން ގެންދަނީ ތިން މުއައްސަސާއެއްގެ އިސް ލީޑަރުން ހިމެނޭ ގިޔާދީ ކޮމިޓީއަކުންނެވެ.
"އިރްނާ" ބުނާގޮތުން އީރާން ލީޑުކުރާ ގިޔާދީ ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ވެރިޔާ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން އާއި އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އާއި ދުސްތޫރު ހިމާޔަތްކުރާ ކޮމިޓީގެ ރައީސް އަހްމަދު ޖަންނަތީ އެވެ.
އީރާނުގެ މުރުޝިދު ޝަހީދުކޮށްލުމުން އެގައުމުގެ ސަރުކާރުން ވަނީ 40 ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާން ކޮށްފައެވެ. 40 ދުވަހަށްފަހު ދީނީ މުރުޝިދުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނެއެވެ. މި މަގާމަށް އިންތިޚާބު ކުރަނީ ޝިޔައީ މަޒުހަބުގެ ދީނީ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އީރާނުގެ ފާރިސް ނޫސް އެޖެންސީ ބުނާގޮތުން އެމެރިކާއާއި ޔަހޫދީ އިސްރާއީލުން ޚަމަނާއި ޝަހީދުކޮށްލީ ތެހެރާންގައި އޭނާގެ އޮފީހުގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެމެރިކާއާއި އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި މުރުޝިދުގެ އޮފީހާއި އޭނާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ. މި ހަމަލާތަކުގައި ޚަމަނާއިގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަނބަލަކާއި ޚަމަނާއިގެ ދަނބި ދަރިއަކު ވެސްވަނީ ޝަހީދުކޮށްލާފައި ކަމަށް ފާރިސް ނޫސް އެޖެންސީ ބުނެއެވެ.
އީރާނުގެ ދީނީ މުރުޝިދު އިންތިޚާބު ކުރަނީ އެ ގައުމުގެ މުއައްސަސާއެއްކަމަށްވާ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ. މިއީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ތަޖުރިބާކާރުންގެ މަޖިލީހުގެ މި 88 ބޭފުޅުންނަކީ ރައްޔިޔުންގެ ވޯޓަކުން އިންތިޚާބު ކުރާ ބައެކެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުންވަނީ ޚަމަނާއި ގެ މަރަށް ބަދަލުހިފުމަށް ޓަކައި އިސްރާއީލަށާއި ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަން ހާމަކޮށްފައެވެ.
ޚަމަނާއި ޝަހީދުކޮށްލިކަން އީރާނުން ކަށަވަރުކޮށްދިނުމާއެކު އީރާނުގެ ގަދަފަދަ ހަމަލާތަކެއްވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އަރާފައެވެ. މި ހަމަލާތަކުގައި އީރާން ބޭނުންކޮށްފައިވަނީ އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލްއެވެ. މީގެ ދެ މިސައިލެއްވަނީ ސީދާ ގޮތެއްގައި ޓެލްއަވީވަށް އަރާފައެވެ.
މި ދެމިސައިލްގެ ސަބަބުން ޓެލްއަވީވުގެ އެތަށް އިމާރާތެއްގައި އަލިފާންރޯވެ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އިސްރާއީލުގެ 30 އަށް ވުރެގިނަ މީހުން ޒަޚަމްވެފައިވާއިރު 2 މީހަކު މަރުވެފައިވާކަމަށްވެސް އިސްރާއީލުގެ މީޑިއާތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި ޓެލްއަވީވުގެ ބޮޑު ސަރަހައްދެއްވަނީ ހަލާކުވެފައެވެ. މީގެއިތުރުން އީރާނުގެ ގިނަ ހަމަލާތަކެއްވަނީ ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތު ތަކަށް އަމާޒުވެފައެވެ.
މީގެތެރޭގައި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އެމެރިކާގެ ކުންފުނިތަކުގެ އޮފީސްތަކާއި އެމެރިކާގެ މަސްއޫލުވެރިން ތިއްބެވި ހޮޓާތައްވެސް ހިމެނެއެވެ. އީރާނުންވަނީ އިސްރާއީލަށް އިތުރު ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދާދި ދެންމެއަކުވެސް ދީފައެވެ.