މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން މިއަދު 19 ފްލައިޓް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.
އެމެރިކާއާއި އިސްރާއީލުން އިއްޔެއިން ފެށިގެން އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއާލައިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އޭގެ ސަބަބުން، ގިނަ އަދަދެއްގެ ފުލައިޓުތައް ކެންސަލްވެ، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ.
އެ ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް އެ އެމްއޭސީއެލްއިން ބުނީ، ވީއައިއޭގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ހަދައިގެން ޚިދުމަތް ދެމުން އަންނަ ކަމަށެވެ.
މިގޮތުން، ނުފުރި އެއާޕޯޓުގައި ތާށިވި ފަސިންޖަރުންނަށް އެމްއޭސީއެލްއިން ވަނީ، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންޒިތާމު ހަމަޖައްސަދީފައެވެ. އެމްއޭސީއެލްއިން މިއަދު ބުނި ގޮތުގައި، ރޭގެ ނިޔަލަށް ނުފުރި ތިބި 130 ފަސިންޖަރުންނަށް ވަނީ ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ.
ތަފާސްހިސާބުތަކާ ހަވާލާދީ، އެމްއޭސީއެލްއިން ބުނީ، އިއްޔެ ނުވަ ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1،716 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އޭގެފަހުން މިއަދު 19 ފްލައިޓެއް ކެންސަލްވެފައިވާއިރު، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

އެއާޕޯޓުގައި ތާށިވި ފަތުރުވެރިންތަކެއް ކައިރީގައި ޓުއަރިޒަމް މިނިސްޓަރު: ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އެމްއޭސީއެލުން ބުނޭ ---
އޭގެއިތުރަށް، ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސްއާއި އެއާލައިންތަކާ ޓުއާ އޮޕަރޭޓަރުން ގުޅިގެން ފަސިންޖަރުންނަށް ދިމާވާ އެކި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން އެމްއޭސީއެލުން ފާހަގަކުރިއެވެ.
މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ، ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފަތުރުވެރިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދެން އެ އަދަދު ވެސް ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ގެއްލުން ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.