މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ތަވާލުކޮށްފައި އޮތް 17 ފްލައިޓެއް ކެންސަލްކޮށްފިއެވެ.
އެމެރިކާއާއި އިސްރާއީލުން އިއްޔެއިން ފެށިގެން އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއާލައިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވެލާނާ އެއާޕޯޓުގެ ފްލައިޓު ޝެޑިއުލްތަކުން އެނގޭ ގޮތުގައި، މާދަމާއަށް ތާވަލުކޮށްފައިވާ 17 ފްލައިޓެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މިގޮތުން، ކެންސަލްކުރި ފްލައިޓުތައް ނިސްބަތްވާ އެއާލައިންތަކުގެ ތެރޭގައި، ގަލްފް އެއާ، އެއާ އަރަބިއާ، ފްލައިދުބާއީ އެއާވޭސް، ގަތަރު އެއާވޭސް އަދި އެމިރޭޓްސް ހިމެނެއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނި ގޮތުގައި، މިއަދު ވެސް 19 ފްލައިޓެއް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ހަނގުރާމައާ ގުޅިގެން އިއްޔެ ފްލައިޓުތައް ކެންސަލްވެ، އެއާޕޯޓު އޮތީ ތޮއްޖެހިފައެވެ. މިގޮތުން، ނުފުރި އެއާޕޯޓުގައި ތާށިވި ފަސިންޖަރުންނަށް އެމްއޭސީއެލްއިން ވަނީ، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންޒިތާމު ހަމަޖައްސަދީފައެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، ރޭގެ ނިޔަލަށް ނުފުރި ތިބި 130 ފަސިންޖަރުންނަށް ވަނީ ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ، ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފަތުރުވެރިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދެން އެ އަދަދު ވެސް ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އިސްރާއީލާއި އެމެރިކާއިން އަދިވެސް އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ވެސް އަންނަނީ ރައްދު ހަމަލާތައް ދެމުންނެވެ.