މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު އަންނަން އޮތް 14 ފްލައިޓެއް ކެންސަލް ވާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ.
އެހެން ދިމާވީ ޔޫއޭއީ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ރޫޓަކީ މެދުއިރުމައްޗެވެ.
'އޭވިއޭޓާސް މޯލްޑިވްސް'އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 12 ފުލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި އަބޫދާބީން ރާއްޖެ އަންނަން އޮތް އިއްތިޙާދު އެއާވޭސްގެ ދެ ފުލައިޓަކާއި ބަޙްރައިނުން އަންނަން އޮތް ގަލްފް އެއާގެ ފުލައިޓަކާއި ދުބާއީން އަންނަން އޮތް ފްލައިދުބާއީގެ ދެ ފުލައިޓަކާއި ޤަޠަރުގެ ދޯހާއިން އަންނަން އޮތް ޤަޠަރު އެއާވޭސްގެ ފުލައިޓެއް ހިމެނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ލިޔުއްވާފައިވާ ގޮތުގައި، ވީއައިއޭއަށް މިއަދު އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވުން އެކަށީގެންވެއެވެ.
ފިރާޤްގެ ޕޯސްޓުގައި ވަނީ، މިކަމުން ދައްކައިދެނީ މެދުއިރުމަތީގެ ހާލަތު ނާޒުކު ކަމާއި، ރާއްޖޭން ބޭރުގައި ހިނގާ އެކި ކަންކަމުގެ ސަބަބުން އެކި ގޮތްގޮތަށް އަސަރުކުރާ ކަން ކަމަށެވެ.
ރާއްޖެއަކީ މައިގަނޑުގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވައި ފިރާޤް ލިޔުއްވާފައިވަނީ، ގައުމުގެ ތަރައްގީގެ ޕްލޭންތައް ބިނާކުރަންވާނީ ދިމާވެދާނެ މިފަދަ ކުއްލި ހާލަތްތަކުން އަރައިގަނެވޭނެ ގޮތަށް ކަމަށެވެ.
އޭނާ ވަނީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި އާންމުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.
އެހެންވެ، ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭ ވިދާޅުވެފައިވެއެވެ.