ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ހުށަހަޅައިފި

ބިދޭސީ މަސައްކަތްތެރިންތަކެއް: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ބިލެއް އޮތީ ހުށަހަޅާފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ބިދޭސީ މަސައްކަތްތެރިން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަން ނުޖެހޭ އުސޫލެއް ބަޔާންކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. އެ އިސްލާހުގެ އިބުތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި އެބަ ކުރިއަށްގެންދެއެވެ.

އެ އިސްލާހުގައި ބުނީ، ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމިދާނެ ކަމަށެވެ. އެ ގޮތުން، އެ ފަދައިން އިސްތިސްނާކުރާއިރު ބައެއް ކަންކަމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އެއީ:

  • އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުން
  • އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން
  • އެ ވިޔަފާރިތަކުގައި ވަޒީފާގެ ފުރުސަތު އިތުރުކުރަން މަގުފަހިކުރުން
  • އެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ ފަރަގު ކުޑަކުރުން
  • ވާދަވެރިކަން އުފައްދައިގެން އާ ގޮތްތަކާއި، އާ ވިސްނުންތަކާއި، އުފެއްދުންތަކާއި، ޚިދުމަތްތައް ތައާރަފުކުރަން ހިތްވަރުދިނުން
  • ވިޔަފާރީގެ ފެންވަރު ރަނގަޅުކުރުން

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިތުރު މުހިންމު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ ގޮތުން، މުވައްޒަފުން ވަޒިފާއިން ވަކިކުރާއިރު ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށް ގެނައި ބަދަލުތައް ވެސް ހިމެނެއެވެ. އަދި، ސަރުކާރު މުވައްޒަފުންގެ ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އެ މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް