ޓިކްޓޮކް ހަދަން އެނގެންޏާ ވަޒީފާ ލިބޭ، އެޗްޑީސީއާއި އެމްއޭސީއެލްގައި ތިބީ ހުސް ވެރިން: ފިއްޓޭ

ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ: އޭނާ ވިދާޅުވީ، އެޗްޑީސީއާއި އެމްއޭސީއެލްގައި ތިބީ ހުސް ވެރިން ކަމަށް -- ފޮޓޯ/ މަޖިލިސް

ރަނގަޅަށް ޓިކްޓޮކެއް ހަދާލަން އެނގެންޏާ މިހާރު ވަޒީފާ ލިބޭ ކަމަށާއި މި ސަރުކާރު އައި ފަހުން ސަރުކާރު ބައެއް ކުންފުނިތަކުގައި ތިބީ ހުސް ވެރިން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާ ދޭކަމުގެ ތުހުމަތު އަބަދު ވެސް ކުރެވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ފިއްޓޭ މިއަދު ވަނީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް ކަމަށްވާ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިހާރު ތިބީ ހުސް ވެރިން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެކަން ކުރަނީ ސިޔާސީ މަގުސަތުތައް ހާސިލުކުރަން ކަމަށެވެ.

"މި ސަރުކާރު އައި ފަހުން އެމްއޭސީއެލް، އެޗްޑީސީއަށް ހުސް ވެރިން ނަގާފައި ތިބީ. ހުސްވެރިން ނަގާފައި ތިބޭނީ. ޝަރުތު ކޮބާތޯ؟ ރަނގަޅަށް ޓިކްޓޮކެއް ހަދާލައިފިއްޔާ މޮޅު ވަޒީފާއެއް ލިބޭނެ. ދެ ފަހަރަކު ސަރުކާރަށް ޓިކްޓޮކްގައި ބަވާލައިފިއްޔާ ހަމަ ޕޭރޯލްގެ ތެރެއަށް ވަންނާނެ،" ފިއްޓޭ ނުރުހުން ފާޅުކުރެއްވިއެވެ.

"މި ވާހަކަ އަޅުގަނޑުމެން މިތާ ދައްކަން ލަދުގަންނަންޖެހޭ،"

https://sun.mv/216432

އޭނާ ވިދާޅުވީ، ކިތަންމެ ރީތިކޮށް ވެސް ގާނޫނެއް ހެދިދާނެ ކަމަށެވެ. އެކަމަކު، ގާނޫނެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންގެ އެއަށް އަމަލުކުރުން ކަމަށާއި އިރުއިރުކޮޅާ އަދަބު މާފުކޮށްދޭ ނަމަ އެ ނަތީޖާ ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އިޝާރާތްކުރެއްވީ ސިނަމާލެ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށެވެ.

ފިއްޓޭ ވިދާޅުވީ، ޖޫރިމަނާއަކީ ފަސް އަހަރުން މާފުކުރާނެ އެއްޗެއްކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ.

https://sun.mv/218017

"އަޅުގަނޑަށް މައްސަލައެއް ނޫން ބަޔަކަށް އެއްޗެއް ދިނުމަކީ،"

އޭނާ ވިދާޅުވީ، މައްސަލައަކީ އެއްވެސް ހަމަހަމަކަމެއް އަދި ވަކި އުސޫލެއް ނެތި ވަކި ބަޔަކަށް ޖޫރިމަނާ މާފުކޮށްދޭތީ ކަމަށެވެ. އެހެން އެކަން ކުރުމުން ގާނޫނުތަކަށް އަމަލުކުރާ ރައްޔިތުން މަދުވާނެކަން ފާހަގަކޮށް އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއްޗެއް ވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޖީބުން ދެއްވާ. އެހެން ހުރިހާ ރައްޔިތުންގެ ފައިސާއަކުން އެ މާފުކުރުމަކީ އަޅުގަނޑަށް އެއް ގޮތަކަށް ވެސް [ތާއީދުކުރެވޭ ކަމެއް ނޫން]. ކުރަންޏާ އެންމެ ރަނގަޅޭ ކޮށްލާށޭ ހުރިހާ ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/215325

ސަރުކާރު ކުންފުނިތަކުން ސިޔާސީ ބޭނުމަށް މުވައްޒަފުންނަށް ވަޒީފާ ދޭ ކަމަށް ތުހުމަތުކޮށްފައިވާއިރު، ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މިހާރު 38،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އެއީ، ވަރަށް ބޮޑު އިތުރުވުމެކެވެ. އެ ގޮތުން، 2019 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18،500 މުވައްޒަފުންނެވެ. މިދިޔަ ރިޔާސީ އިންތިޚާބު އޮތް 2023 އައި އިރު އެ އަދަދު ހުރީ 30،000 ގައެވެ. މިހާރު 38،000 އިން މަތީގައެވެ.

comment ކޮމެންޓް