މި ސަރުކާރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލީ މި ސަރުކާރުން ކަމަށާއި އެއީ ރާވައިގެން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ރޯދައިގެ ކުރިން ދީ ނިންމާނެ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާ ގޮތަށް ބަދަލުތަކެއް ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސްކުރައްވަމުން ޝަމްހީދު މިއަދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ވަކި ދާއިރާއެއް ނެތި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ ތެރެއަށް ވެސް ސަރުކާރުން ވަންނަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"މި ސަރުކާރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލި ސަރުކާރު. މި ކަމަށް ދެބަސްވާނެ ދިވެހި ރައްޔިތަކު ނުހުންނާނެ. މިއީ ރޭވިގެން މި ސަރުކާރުން ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
"އެއީ މަސްވެރިކަން ކުރާ މީހެއް ވިޔަސް، ގާ އަޅާ މީހެއް ވިޔަސް، އައިނު ހަދާ މީހެއް ވިޔަސް، ޓެކްސީ ދުއްވާ މީހެއް ކަމަށްވިޔަސް، އަދި މިއަދު ސަޕްލައި އޮޑިއެއް ދުއްވާ މީހެއް ކަމަށް ވިޔަސް،"
ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން ތަމުސީލުކުރައްވާ ޝަމްހީދު ވިދާޅުވީ، މި ހުރިހާ ދުވަހު ހުޅުމާލޭގައި ގޭގޭގެ ކަބަޑުތައް ޖަހައިދެމުން ދިޔައީ ދިވެހި ވިޔަފާރިތަކުން ކަމަށެވެ. އެކަމަކު، މިހާރު އެކަން ވެސް ކުރަމުން އަންނަނީ ޗައިނާއަށް ދީގެން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކަށް ބަދަލުވާ މީހުންނަށް އެ ކުންފުނިން ކަބަޑު ޖަހައިދިނުމުގެ މަސައްކަތްކުރާތީ، އެ ކަމެވެ.
މީގެ އިތުރުން ވެސް ރަށްރަށުގެ އައުޓްޑޯ ޖިމް ހެދުން ފަދަ މަޝްރޫއުތަކަކީ ވެސް މީގެ ކުރިން ރަށްފުށުގެ ކުދި ވިޔަފާރިތަކުން ހިންގި ކަންކަން ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެކަމަކު، މިހާރު އެ މަސައްކަތްތަކުގެ ތެރެއަށް ވެސް ސަރުކާރު ކުންފުނިތައް ވަދެފައިވާތީ އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އޭނާ އެ އިޝާރާތްކުރެއްވީ ބައެއް ރަށްރަށުގައި އައުޓްޑޯ ޖިމް އަޅަން އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރި ކުރުމަށެވެ.
"ޕްރޯ މޯލްޑިވްސްގެ ނަމުގައި އައިސްފައި ދިވެހި ކުދި ވިޔަފާރިތަކަށް މިދޭ އަނިޔާ ހުއްޓާލަންޖެހޭ،" ޝަމްހީދު ނުރުހުން ފާޅުކުރެއްވިއެވެ.
އޭނާ ވަނީ ސަރުކާރުން ވިޔަފާރިވެރިންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުން ރަސްމީ އަދަދު އާންމުކޮށްފައިނުވާއިރު، ޝަމްހީދު ވަނީ ވިޔަފާރިތަކަށް ސަރުކާރުން ދަރާފައި އޮތް އަދަދު 15 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ފައިސާ ދައްކާނެ ގޮތުގެ އެއްވެސް މަގެއް މި ސަރުކާރަށް ނުހޯދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ވެސް ވަނީ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދައްކަން ތާރީޚުތަކެއް ދީފައެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ރޯދަމަހުގެ ކުރިން ވެސް ފައިސާ ދައްކާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، އެ ފައިސާ އެ އަހަރު ނުދެއްވި ފަހުން އަނެއްކާ ވެސް ރައީސް ވަނީ މި އަހަރުގެ ރޯދަމަހުގެ ކުރިން އެކަން ކުރަން ވައުދުވެވަޑައިގެންފައެވެ. އެކަމަކު، މިހާތަނަށް އެކަން ކުރިކަން ހާމަކޮށްފައެއް ނުވެއެވެ.