އަންނަ އޭޕްރީލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ، އާމްދަނީއަށް ބަލައި، އަނބުރާ ދެެއްކޭނެ ގޮތްތައް ރާވައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.
އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
އެ ސުކޫކަށް އަލިއަޅުވާލައްވައި، ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ޒަމީރު ވިދާޅުވީ، ސުކޫކު ރީފައިނޭންސްކުރާނީ އަނބުރާ ދެއްކޭނެ ގޮތްތައް ހޯދައިގެން ކަމަށެވެ.
މިގޮތުން، ވެރިކަމާ ހަވާލުވެވަޑައިގެން، ރައީސް ކުރެއްވި މަސައްކަތުން ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާއި ޔޫޒަބަލް ރިޒާވުގައި އެ ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސުކޫކު ރީފައިނޭންސްކުރަނީ، އާމްދަނީއަށް ބަލައި، އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
އޭނާ ވިދާޅުވި ގޮތުގައި، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި 275 ޑޮލަރަށް ވުރެ އިތުރަށް ހުރިއިރު، ޔޫޒަބަލް ރިޒާވްގައި 600 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އެބަހުއްޓެވެ.
އެހެންވެ، މިއަދު ސުކޫލު ދައްކަން ޖެހުނަސް އެ ގާބިލުކަން އެބަހުރި ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
ސުކޫކު ރީފައިނޭންސްކުރުމަށް 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގަން ޖެހޭ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ވަރަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި އެ ފައިސާ ހޯދޭނެ ހާލަތަކަށް ރާއްޖޭގެ މާލީ ހާލަތު އައިސްފައިވާ ކަމަށެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރާށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު، އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
އޭގެއިތުރަށް، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.