ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ބޭއްވުމަށް ނިންމަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް މީޑިއާތަކަށް ރޭ ދައުވަތު ފޮނުވި ނަމަވެސް، ބައްދަލުވުން ކެންސަލްކުރިކަން ނޫސްވެރިންނަށް އަންގާފައިވަނީ މިއަދު ހެނދުނު 08:35 ހާއިރުއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) "ސަން" އަށް ވިދާޅުވީ، ބައްދަލުވުން ކެންސަލްކުރީ ރައީސަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް ބައެއް މަސައްކަތްތަކާއި، އިޓަލީގެ ފަސް ފަތުރުވެރިންނަށް ދިމާވި ހާދިސާއާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ހުރުމުން ރައީސަށް މިއަދު ވަގުތު ދެވެން ނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ ރައީސަށް ޓައިމް ދެވެން ނެތުމުން. އެއީ މިއަދު ކަންކަން ރޭވިފައިހުރި ގޮތުން. އެބަހުރި ޑިޕްލޮމެޓިކް ބައެއް މަސައްކަތް ތަކާއި މިހާރު ދިމާވެގެން މިއުޅޭ ކަންތަކާ ގުޅުންހުރި މަސައްކަތްތައް،" ތަރުޖަމާން ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގާދިޔަ ހާދިސާތަކާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
އެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން އޭނާ ވަނީ ބައްދަލުވުމުން ބޭރުކޮށްފައެވެ. އަދި އޭގެ ފަހުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ޝަހުޒާން 15 ދުވަހަށް އަދި އެ ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދި 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ އަންގާފައެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިކަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ.