ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި އޮތް ހަތަރު ހަށިގަނޑު މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ކޭވްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ.
އެއާއެކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ.
އެއަށްފަހު މިއަދު އެ އޮޕަރޭޝަން އަލުން ފެށީ، މަހުދީގެ މަރަށްފަހު، ކަމުގެ މާހިރުންގެ އެހީ ހޯދަން ނިންމައި، ބޭރުގެ ޑައިވަރުން ރާއްޖެ އައުމާއެކުގައެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޮޕަރޭޝަން އަލުން ފެށުމަށްފަހު، މިއަދު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުތައް ފެނިފައިވަނީ އަލިމަތާ ހޮހޮޅައެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވައިފައިވާކަމަށް ބުންޏެވެ.
މުޅި ދުނިޔޭގެ ސަމާލުކަން މި ހާދިސާއަށް ހުއްޓިފައިވާއިރު، މި ކަން ހިިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގަން ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.