ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.
ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން، ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އަހްމަދު ޝައްމޫންއެވެ. އަހްމަދު ޝައްމޫން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މާރާމާރީގެ ތުހުމަތެވެ.
އެކަމަކު ބަންދު މުއްދަތު ހަމަވަގެން އަލުން ކޯޓަށް ގެންދިޔުމުން ޝަރުތު ކުރުމަށްފަހު ބަންދުންވަނީ އޭނާ ދޫކޮށްލާފައެވެ. އެކަމަކު އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން ހައްޔަރު ކުރެވޭނެކަން އެންގުމަށް ފަހުއެވެ. އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ކުޑަ ކުށެއްކަމަށް ބަޔާންކޮށްފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝައްމޫންއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިން އުފުލާފައިވާ މީހެކެވެ. އެއީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި ކޭސްއެކެވެ.
އެ މައްސަލައިގައި ދައުލަތުންވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ ޝައްމޫންގެ މައްޗަށް އުފުލާފައެވެ.
އެހެންނަމަވެސް އެ މައްސަލަ ސާބިތެއް ނުވިއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރީ، ދާދި ފަހުން ސުލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.
އެ މައްސަލަ ފަހުން ދައުލަތުންވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުން އެ މައްސަލަ އަދި ނުނިމެއެވެ.
އެ މައްސަލައިގައި އަހްމަދު ޝައްމޫންއާއެކު އިތުރު އެހެން ބައެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކުރިއެވެ.